ޚަބަރު

ސްވިފްޓް ނެޓްވޯކުން ރަޝިޔާ ބޭރުކޮށްފިނަމަ ދުނިޔޭގެ އިޤްތިޞާދަށް އަސަރު ކުރާނެބާ؟


ސްވިފްޓް ނެޓްވޯކުން ރަޝިޔާ ބޭރުކޮށްލުމަކީ މިހާރު އެ ޤައުމާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއްގެގޮތުން ތަންފީޒުކުރުމަށް މަޝްވަރާކުރެވެމުންދާ އެއް ނިންމުމެވެ. މިއީ 2014 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނުގެ ކްރައިމިއާ ޙިޞޯރުކުރިއިރުވެސް، ވިލާތުގެ މަޝްވަރާތަކަށްފަހު ޢަމަލީ ސިފައެއް ނުގެނެސް ދޫކޮށްލާފައިވާ ނިންމުމެކެވެ.

ޔޫކްރެއިނުގެ ވަކިވެގަންނަން މަސައްކަތްކުރަމުންދިޔަ ޖަމާޢަތްތައް ތިބި ސަރަޙައްދުތަކަށް ރަޝިޔާއިން ސިފައިން ފޮނުވި ހިސާބުން ފެށިގެން ވިލާތުގެ ޤައުމުތަކުން ވަނީ ރަޝިޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. ރަޝިޔާއަކީ ވަރުގަދަ ނިއުކްލިއަރ ބާރެއްކަމުން އެ ޤައުމަށް ފިޔަވަޅު އެޅެން އޮތް ހަމައެކަނި މަގަކީ އިޤްތިޞާދީގޮތުން ދަތިކުރުންކަމުގައި ޤައުމުތަކުން ދެކެއެވެ. އެހެންކަމުން ވިލާތުގެ އިއްތިހާދާއި، ޖީ7 ގެ ޤައުމުތަކާއި، ވަކިން ޚާއްޞަކޮށް އެމެރިކާއިން ބޭނުންވަނީ ދުނިޔޭގެ އިޤްތިޞާދީ ވިއުގަތަކުން ރަޝިޔާގެ ބާރު ކަނޑުވާލައި، އެ ޤައުމުގެ އަސްކަރީބާރު ފުޅާކުރުމުގެ ޤާބިލުކަމާއި، މާލީގޮތުން ހަނގުރާމައަކަށް ތައްޔާރުވުމުގެ ޤާބިލުކަން ކުޑަ ކުރުމަށެވެ.

ރަޝިޔާއިން ޔޫކްރެއިނުގެ އެކި ސަރަޙައްދުތަކަށް ޙަމަލާދެމުންދާތާ 3 ދުވަސްވެފައިވާއިރު، ރަޝިޔާގެ ބާރުގަދަ ސިޔާސީ ވެރިންނާއި، ކުންފުނިތަކާއި، ބޭންކުތައް ހިމެނޭހެން އިޤްތިޞާދީ އެކި މަޞްދަރުތަކަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އެމެރިކާއިން ވަނީ ރަޝިޔާގެ ދައުލަތުގެ އެންމެ ބޮޑު ދެ ބޭންކު ކަމަށްވާ ޕްރޮމްސިއަސް ބޭންކާއި ވީޓީބީ ކުންފުނީގެ ބޭންކުތަކުގެ އެމެރިކާ ބައްރުގައި ހުރި އެސެޓުތައް ފްރީޒްކޮށް، މުޢާމަލާތްތައް ހުއްޓުވާފައެވެ. އަދި އިނގިރޭސިވިލާތުން ވަނީ ޕްރޮމްސިއަސް ބޭންކް ހިމެނޭހެން ޖުމްލަ 5 ބޭންކެއްގެ މުޢާމަލާތް ހުއްޓުވާފައެވެ. މި ބޭންކުތަކަށް އެމެރިކާއާއި އިނގިރޭސިވިލާތުގެ ހިއްސާގެ ބާޒާރުގައިވެސް މުޢާމަލާތު ނުކުރެވޭނެއެވެ.

މިހާރު ޔޫކްރެއިނުން ގޮވާލަމުންދަނީ ރަޝިޔާއަށް އެންމެ ބޮޑު އަސަރެއްކުރާނެ ފިޔަވަޅު ކަމަށްވާ ސްވިފްޓް ޕޭމެންޓް ވިއުގައިން އެ ޤައުމު ވަކިކޮށްދިނުމަށެވެ.

ސްވިފްޓް ވިއުގައަކީ ކޮބާ؟

ސޮސައިޓީ ފޯ ވޯލްޑްވައިޑް އިންޓަރބޭންކް ފައިނޭންޝަލް ޓެލެކޮމިއުނިކޭޝަން ނުވަތަ ސްވިފްޓް އަކީ ބައިނަލްއަޤްވާމީ ބޭންކުތަކުގެ މެދުގައި ބޯޑަރު ހުރަސްކޮށް ރައްކާތެރިކަމާއެކު ފައިސާގެ މުޢާމަލާތްކުރުމަށް މަގުފަހިކޮށްދޭ، އިތުބާރުލިބިފައިވާ ވިއުގައެކެވެ. 200 ޤައުމެއްގައި 11000 މާލީ އިދާރާއަކަށް ޚިދުމަތްދެމުންދާ ސްވިފްޓަކީ، ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތަކުގެ މައިބަދަ ކަމުގައި ބުނެވެއެވެ. ސްވިފްޓް ނިޞްބަތްވަނީ 3500 ފާމް ތަމްޞީލުކުރާ ހިއްސާދާރުންގެ ބޯޑެއްގެ މައްޗަށެވެ. މި ކުންފުނި އޮފަރޭޓްކުރަނީ ބެލްޖިއަމްގެ ޤާނޫނުގެ ދަށުންނެވެ.

ރަޝިޔާއަށް ސްވިފްޓް މުހިއްމުވަނީ ކިހާ މިންވަރަކަށް؟

ރަޝިޔާގެ ދެބައިކުޅަ އެއްބައި ވިޔަފާރިމު ޢާމަލާތްތައް ހިންގަނީ ސްވިފްޓް މެދުވެރިކޮށެވެ. ރަޝިޔާގެ 300 އެއްހާ އިދާރާ ސްވިފްޓްގައި ރަޖިސްޓްރީކޮށްފައިވާއިރު، މިއީ އެެމެރިކާއަށްފަހު ސްވިފްޓްގައި އޮތް އެންމެ ބޮޑު މާކެޓުކަމަށް، ރަޝިއަން ނޭޝަނަލް ސްވިފްޓް އެސޯސިއޭޝަނުން ބުނެއެވެ. މި ވިއުގައިން ރަޝިޔާ ބޭރުކޮށްފިނަމަ ވިޔަފާރި މުޢާމަލާތްތައް ކުރުމާއި ދަރަނި ދެއްކުމުގައި ރަޝިއާއަށް ވަރަށްބޮޑަށް ހުރަސްއެޅިގެންދާނެއެވެ. އެހެންކަމުން މިއީ ވިލާތުގެ ޤައުމުތަކުން ރަޝިއާއިން ގަންނަ ހަކަތަ ގަތުން ހުއްޓާލައިފިނަމަ ލިބޭނެ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއްކަމަށް، މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ސްވިފްޓް ވިއުގައިން ރަޝިޔާ ވަކިކުރުމުން ދިމާވެދާނެ އިޤްތިޞާދީ ޙާލަތްތަކަކީ ކޮބާ؟

ރަޝިޔާއިން ބުނަމުންދަނީ ސްވިފްޓުން އެ ޤައުމު ވަކިކޮށްފިނަމަ އެ ޤައުމަށް ދަތިވާނީ ހަމައެކަނި ޑޮލަރު ލިބުންކަމަށެވެ. ނަމަވެސް އެ ޙާލަތުގައި ވިލާތުގެ ޤައުމުތަކަށް ރަޝިޔާއިން ފޯރުކޮށްދޭ ތެލާއި، ގޭހާއި، މަޢުދަން ފަދަ މުހިއްމު ތަކެތި ވިއްކުން ހުއްޓާލާނެކަމަށް ރަޝިޔާއިން ބުނެއެވެ. ޔޫރަޕަށް ބޭނުންވާ ޤުދުރަތީ ގޭހުގެ 41 އިންސައްތަ ފޯރުކޮށްދެނީ ރަޝިޔާއިންނެވެ. އަދި ދުނިޔޭގެ ޤައުމުތަކަށް ބޭނުންވާ ތެލުގެ 11 އިންސައްތަ ބޭރުކުރަނީ ރަޝިޔާއިންނެވެ. ވީއިރު ރަޝިޔާގެ އިޤްތިޞާދާއި އެކުއެކީގައި ދުނިޔޭގެ އެހެން އިޤްތިޞާދުތަކަށްވެސް މި ފިޔަަވަޅުގެ ނުރައްކާ ބޮޑެވެ. މި ނިންމުމަށް ހުރިހާ މެމްބަރު ޤައުމުތަކުގެ ތާޢިދު މިހާތަނަށް ލިބިފައި ނުވާ ސަބަބަކީވެސް މިއީކަމަށް ޚަބަރުތައް ބުނެއެވެ.

ސްވިފްޓުން ރަޝިޔާ ސަސްޕެންޑުކޮށްފިނަމަ އެ ޤައުމުގެ ބޭންކުތަކަށް ސްވިފްޓް މެދުވެރިކޮށް ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމުގެ މުޢާމަލާތެއް ނުކުރެވޭނެއެވެ. ޖޭޕީ މޯގަންގެ ދިރާސާއަކުން ދައްކާގޮތުގައި މިފަދަ ފިޔަވަޅެއްގެ ސަބަބުން އަހަރުގެ ފަހުބައިގައި ރަޝިޔާގެ ޖީ.ޑީ.ޕީ 3.5 އިންސައްތަ ދަށަށްޖެހޭނެއެވެ. ނަމަވެސް މިފަދަ ޙާލަތަކަށް ރަޝިޔާ އެންމެ ކުރީއްސުރެ ތައްޔާރުވަމުން އަންނަކަމަށް ބޭރުގެ ނޫސްތަކުން ހާމަކުރެއެވެ. އެގޮތުން ސްވިފްޓާއި އެއްފެންވަރު ނޫނަސް އެކުވެރި ޖަމާޢަތްތައް ހިމަނައިގެން ވިޔަފާރި މުޢާމަލާތްތަކަށް ޚާއްޞަ ނެޓްވޯކެއް ފަރުމާކުރުމުގެ މަސައްކަތް ރަޝިޔާއިން ކުރަމުންއަންނަކަމަށް ޚަބަރުތަކުން ބުނެއެވެ. އަދި ރަޝިޔާއަށް ސަސްޕެންޝަނެއް ކުރިމަތިވެއްޖެނަމަ ބަދަލުގައި ރަޝިޔާއިން ތަރައްޤީކުރާ ވިއުގަ މެދުވެރިކޮށް، މުސްތަޤްބަލުގައި މާލީ މުޢާމަލާތްތަކުގައި އެމެރިކާގެ ބާރު ކަނޑުވާލުން އެކަށީގެންވާކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ސްވިފްޓުން ރަޝިޔާ ބާކީކޮށްފިނަމަ އެކަމުގެ ގެއްލުން އެހެން ހުރިހާ ޤައުމުތަކަށް ކުރާނެކަމީ ޔަޤީންކަމެކެވެ. އެފަދަ ޙާލަތެއްގައި ހަކަތައާއި މުދަލުގެ އަގު ބޮޑުވެ، އިންފްލޭޝަން އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ. އަދި ސަޕްލައި ޗެއިންގެ މައްސަލަތައް އިތުރުވެ، ގިނަ ޚިދުމަތްތަކާއި ސިނާޢަތްތަކަށް އަސަރުކުރާނެކަމަށް ބެލެވެއެވެ.