ފަތުރުވެރިކަމުގެ ރަން ޔޫބިލް ފާހަގަކުރުމަށް ކުރިއަށްގެންދާ ކަނޑުއަޑީގެ 50 ގަޑިއިރުގެ ޑައިވް އިވެންޓް ފުރިހަމަކުރަމުންދާ ޝަފްރާޒް ނައީމް 29 ގަޑިއިރު ފުރިހަމަކޮށްފިއެވެ.
ޝަފްރާޒް މޫދަށް ފުންމާލާފައިވަނީ އިއްޔެގެ މެންދުރު 3:30ގައެއެވެ. އަދި 50 ގަނޑިއިރުގެ މި ޑައިވް ހަރަކާތުގެ ވަގުތު ހަމަވާނީ މާދަމާ ހަވީރު 5:30 އަށެވެ.
ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރުން ފުރުން ފާހަގަކުރުމަށް ތަޖުރިބާކާރު ޑައިވަރ ޝަފްރާޒް ނައީމް ފެށި 50 ގަޑިއިރުގެ ޑައިވް ޗެލެންޖްގައި ރޭ އެއްކޮށް އޭނާ ހޭދަކޮށްފައިވަނީ 6 މީޓަރު އަޑީގައެވެ. އަދ މިހާރު ޝަފްރާޒް މޫދު އަޑީގައި އޮންނަތާ ވަނީ 29 ގަޑިއިރު ހޭދަކޮށްފައެވެ.
މިއިވެންޓްގައި މޫދު އަޑީގައި 50 ގަޑިއިރު ހޭދަކުރާ ޝަފްރާޒް ނައީމަކީ ކުރިން ޤައުމީ ދިފާއީ ބާރުގައި ޑައިވަރަކަށް މަސައްކަތްކުރި މީހެކެވެ.
މި އިވެންޓް އިންތިޒާމްކުރާ ޔުނިކް ސްޕޯޓްސްގެ ފަރާތުން މަޢުލޫމާތުދެމުން ރޭޝަން ޝަރީފް ވިދާޅުވީ ޝަފްރާޒުގެ ހާލު ރަގަނޅު ކަމަށާއި ޝަފްރާޒާއި ވާހަކަދައްކަމުންދާކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ޝަފްރާޒް ވަނީ ވަރަށް ގިނަ ވަގުތު ނިދާފައިކަމަށް ޔުނިކް ސްޕޯޓްސްއިން މަޢުލޫމާތުދެއެވެ. މި އިވެންޓަށް ތައްޔާރުވުމުގެ ގޮތުން، މީގެ ދެ ދުވަސް ކުރިން ދިޔާ އެއްޗެތި ބޭނުންކޮށްގެން ޝަފްރާޒް ޑައިޓެއް ފަށާފައިވާ ކަމަށާއި މޫދު އަޑީގައި އޮވެގެން އޭނާ ބޭނުންކުރާނީ ދިޔާ ކާއެއްޗެތި ކަމަށް ރޭޝަން މަޢުލޫމާތުދިނެވެ. ރޭޝަން ބުނީ މޫދު އަޑީގައި އޮންނައިރު، ޝަފްރާޒްއަށް ދިޔާ އެއްޗެހި ދެނީ ވަކި ގަޑިތަކެއްގައިކަމަށާއި ޚާއްސަ ޑޮކްޓަރުންގެ ލަފާގެ މަތީންކަމަށެވެ. ޝަފްރާޒް މޫދުއަޑީގައި 50 ގަޑިއިރު ހަމަވާނީ އާދިއްތަ ދުވަހުގެ ހަވީރު 05:30އަށެވެ. މޫދު އަޑީގައި ޝަފްރާޒް އޮންނަނީ 6 މީޓަރު އަޑީގައެވެ.
ޝަފްރާޒަކީ ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި ޑައިވިންގެ ދާއިރާގައި 27 އަހަރު މަސައްކަތްކޮށްފައިވާ މީހެކެވެ. މި އެކްސްޓްރީމް ޑައިވް އިވެންޓަށް ތައްޔާރުވުމަށް އޭނާ ވަނީ ފަންސާސް ގަޑިއިރު މޫދު އަޑީގައި އޮތުމަށްޓަކައި ހަށިގަނޑު ހާނާ، ނަފްސާނީ ގޮތުން ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން ޓެކްނިކަލް ތަމްރީންތައްވެސް ފުރިހަމަކޮށްފައެވެ.
އޯޝަން 650 އަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިންގ އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އެކްސްޓްރީމް ޑައިވިންގ އިވެންޓެކެވެ. މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖެއާއި ބައިނަލްއަޤްވާމީ ޑައިވިން ކޮމިއުނިޓީއާއި، މެރިން ރިސާޗަރުންނާއި، ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގުތަނަވަސް ވެގެންދާނެއެވެ.
ކުޑަގިރި ފަރުގައި ޝަފްރާޒް 50 ގަޑިއިރު މޫދުގެ 6 މީޓަރު އަޑީގައި ހޭދަކުރާނެއެވެ. އޭނާގެ ޓީމުގައި ތަޖުރިބާކާރު ޑައިވަރުން ބައިވެރިވެއެވެ.