ޚަބަރު

ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސިނާޢަތަށް އަނެއްކާވެސް ގެއްލުން!


ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް މައްސަލައިގައި ގިނަ އެއަރލައިންތަކުން ރަޝިޔާގެ ވައިގެ ސަރަޙައްދު ބޭނުންނުކުރުމަށް ނިންމުމާއި އަދި ރަޝިޔާގެ ބޯޓުތައް އެކި މަންޒިލުތަކަށް ޖެއްސުން މަނާކުރުމުގެ ސަބަބުން ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާޢަތަށް ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވެން ފަށައިފިއެވެ.

ދިރާސާކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި ރަޝިޔާއާއި ޔޫކްރެއިނާއި ދެމެދު ހިނގާ ހަނގުރާމައިގެ އަސަރު އެއަރލައިންތަކަށް ވަރަށް ބޮޑަށް ކުރާނެއެވެ. އެގޮތުން ދަތުރުތައް މަޑުޖެހިފައިވުމުން ލިބޭ ގެއްލުމާއި، ތެލުގެ އަގުބޮޑުވެފައިވުމުގެ އިތުރުން މަތިންދާބޯޓު ފަރުމާކުރުމަށް ބޭނުންވާ ބައިތައް ފޯރުކޮށްދޭ ނެޓްވޯކްތަކަށް ބުރުއެރުމުގެ ސަބަބުން، ވައިގެ ދަތުރުތަކުގެ ސިނާޢަތް އަނެއްކާވެސް މަޑުޖެހިގެންދާނެކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.

މީގެ އިތުރުން ދަތުރުތަކުގެ ރޫޓް ބަދަލުކުރަންޖެހުމުގެ ސަބަބުން ދަތުރުތަކަށް ހޭދަވާ ވަގުތުވެސް އިތުރުވެގެންދާނެއެވެ. މިހުރިހާ ސަބަބުތަކެއް ހުރުމުން، ކޯވިޑާއި ގުޅިގެން އެއަރލައިންތަކަށް ލިބުނު ގެއްލުމުން އަރައިނުގަނެވި ހުރި އެއަރލައިންތަކުގެ ކޭޝްފްލޯއަށް ބޮޑު އަސަރެއް ކުރާނެކަމަށް ވަނީ ބެލެވިފައެވެ.

ރަޝިޔާގެ ޙަމަލާތައް ފެށުމާއެކު ފާއިތުވި މުއްދަތުގައި އެމެރިކާއާއި ވިލާތުގެ އިއްތިޙާދު ގުޅިގެން ވަނީ ރަޝިޔާއަށް ވައިގެ އުޅަނދު އުފެއްދުމަށް ބޭނުންވާ ބައިތައް ވިއްކުން ކޮންޓްރޯލްކޮށް، ބައެއް ބައިތައް އެކްސްޕޯޓުކުރުން މަނާކޮށްފައެވެ. އެހެންކަމުން އެއަރކްރާފްޓްގެ އެކި ބައިތައް ވިއްކާ ނެޓްވޯކުތަކަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާއި ކުރިމަތިލާންޖެހިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

މީގެ އިތުރުން ބުރާސްފަތިދުވަހު އިނގިރޭސިވިލާތުން ވަނީ ރަޝިޔާއާއެކު އިޤްތިޞާދީ ގުޅުންތައް ކަނޑާލުމާއެކުއެކީގައި ރަޝިޔާގެ ޤައުމީ އެއަރލައިން "އެރޯފްލޮޓް"، އެޤައުމުގެ ވައިގެ ސަރަޙައްދުން ބޭރުކޮށްފައެވެ. އަދި ރަޝިޔާއިން ވަނީ އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުން އިނގިރޭސިވިލާތުގެ އެއަރލައިންތައް އެ ޤައުމަށް ދަތުރުކުރުން މަނާކޮށްފައެވެ.

ޕޯލޭންޑާއި ޗެކް ރިޕަބްލިކްއިންވެސް ވަނީ އެރޯފްލޮޓް އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދުން ދަތުރުކުރުން މަނާކޮށްފައެވެ. ވައިގެ ސަރަޙައްދުތައް ބޭނުންކުރުމަށް އޮންނަ ހުއްދައާއި ޚިލާފަށް ރަޝިޔާގެ ޤައުމީ އެއަރލައިން ދަތުރުކުރުން މަނާކުރުމުން، ބޮޑެތި މައްސަލަތައް ޖެހުން އެކަށީގެންވީ ނަމަވެސް އިތުރު ޤައުމުތަކުގެވެރިންވެސް ރަޝިޔާގެ ބޯޓުތައް ހުއްޓުވުމަށް ވިސްނަމުންދާކަމަށް ޚަބަރުތަކުން ބުނެއެވެ.

މީގެ އިތުރުން ވަރޖިން އެޓްލާންޓިކާއި ބްރިޓިޝް އެއަރވޭއިސްއިން މިހާރު ވަނީ ރަޝިޔާގެ ވައިގެ ސަރަޙައްދުން ދަތުރުކުރުން ހުއްޓާލައި، ކައިރި އެހެން ރޫޓްތަކަށް ދަތުރުތައް ބަދަލުކޮށްފައެވެ. މީގެ އެއް ސަބަބަކީ ރަޝިޔާގެ ވައިގެ ސަރަޙައްދުން ކުރާ ދަތުރުތަކުން ރަޝިޔާގެ ޤައުމީ އެއަރލައިން ހިންގާ ކުންފުންޏަށް ލިބޭ އާމްދަނީ ހުއްޓުވުމެވެ.

ރަޝިޔާގެ ޤައުމީ އެއަރލައިނަށް ފިޔަވަޅު އަޅާފައިވާތީ އެކަން ކުއްވެރިކޮށް، ރަޝިޔާގެ އެސް.7 އެއަރލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެބްރުއަރީ 26 އިން ފެށިގެން މާރިޗު 13 ގެ ނިޔަލަށް އެ އެެރލައިނުން ޔޫރަޕަށް ކުރަން ޝެޑިއުލްކޮށްފައިވާ ހުރިހާ ދަތުރެއް ކެންސަލްކޮށްފައިވާކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް އެއްގަމާއި ވައިގެމަގުން ޢަމާޒުކޮށްފައިވާތީ، ޔޫކްރެއިންގެ ވައިގެ ސަރަޙައްދު ދޫކޮށް، ގިނަ ފްލައިޓުތައް ވަނީ ޑައިވާޓްކުރަން ޖެހިފައެވެ. ޙަމާލާތައް ބަދަލުކުރެވެމުން ދިއުމުގެ ސަބަބުން ޔޫކްރެއިންގެ ވައިގެ ސަރަޙައްދާއި، މަލްޑޯވާއާއި، ބެލެރޫސްގެ ބައެއް ސަރަޙައްދުތަކުގެ އިތުރުން ޔޫކްރެއިންގެ ބޯޑަރު ކައިރިން ރަޝިޔާގެ ދެކުނުގެ ވައިގެ ސަރަޙައްދު ވަނީ ބަންދުކޮށްފައެވެ.

ވައިގެ ދަތުރުތަކަށް ލިބިދާނެ ހީނަރުކަމަށް ޙައްލެއް ހޯދުމަށްޓަކައި އ.ދ. ގެ އޭވިއޭޝަނާބެހޭ ކައުންސިލުން މި މައްސަލައާމެދު މަޝްވަރާތައް ބޭއްވުމަށް ތާވަލުކޮށްފައިވެއެވެ. ވައިގެ ދަތުރުތަކުގެ ސިނާޢަތަށް އިންތިހާއަށް ނުރައްކާ އޮތްނަމަވެސް އެމެރިކާގެ އޭރޯ ސްޕޭސް އިންޑަސްޓްރީ އެސޯސިއޭޝަނުގެ ސީއީއޯ އެރިކް ފޭނިން ވިދާޅުވީ އެ އެސޯސިއޭޝަނުން ދެކޭގޮތުގައި ރަޝިޔާއާއި ދެކޮޅަށް އަޅާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން ވައިގެ މަގުން ކުރާ ކޮމާޝަލް ދަތުރުތަކަށް ހުރަސްއެޅިގެން ނުދާކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް މައްސަލައިގައި ވިލާތުގެ އިއްތިހާދާއި އެމެރިކާ އަދި އިނގިރޭސިވިލާތް ހިމެނޭހެން ވިލާތުގެ ބައެއް ޤައުމުތަކުން ރަޝިޔާގެ ކުންފުނިތަކާއި، ބޭންކުތަކުގެ އިތުރުން ޢާއްމުންގެ ބައެއް މީހުންނަށްވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުއަޅާފައެވެ. އެގޮތުން ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންއާއި ޚާރިޖީވަޒީރު ސަރްގޭ ލަވްރޯވްގެ ފައިސާއާއި މުދާވެސް ވަނީ ހިފަހައްޓާފައެވެ. މި ޙާލަތުގައި ރަޝިޔާއާއެކު ވިޔަފާރިކުރުމުގެ "ރިސްކް" ބޮޑުކަމުން، ވިޔަފާރި މުޢާމަލާތްތައް ކުރިން ކުރަމުން އައި ގޮތަށް ކުރުމަށް ގިނަ ވިޔަފާރިވެރިން ފަސްޖެހިފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.