ކުޅިވަރު

ބޮޑު ގުގުރީގައި ޝަފްރާޒް ކަޑުއަޑީގައި ނިދައިފި


އޯޝަން 6/50 އިވެންޓްގައި މޫދު އަޑީގައި 50 ގަޑިއިރު މިވަގުތު ހޭދަކުރަމުންދާ ޝަފްރާޒް ނައީމްގެ ހާލު ރަގަނޅު ކަމަށާއި މޫދު އަޑީގައި ރޭ ޝަފްރާޒް ރަގަނޅަށް ނިދިކަމަށް އޯޝަން 6/50 އިވެންޓް އިންތިޒާމް ކުރާ ފަރާތްކަމުގައިވާ ޔުނިކް ސްޕޯޓްސްއިން ބުނެފިއެވެ.

ރާއްޖޭގެ ޓްއަރިޒަމަށް 50 އަހަރުން ފުރުން ފާހަގަކުރުމަށް ތަޖުރިބާކާރު ޑައިވަރ ޝަފްރާޒް ނައީމް 50 ގަޑިއިރު މޫދުގައި އޮތުމަށް ފެށި ޗެލެންޖްގައި ރޭ އެއްކޮށް އޭނާ ހޭދަކޮށްފައިވަނީ 6 މީޓަރު އަޑީގައެވެ. މިހާރު ޝަފްރާޒް މޫދު އަޑީގައި އޮންނަތާ މިވަނީ 20 ގަޑިރުވެފައެވެ.

މިއިވެންޓްގައި މޫދު އަޑީގައި 50 ގަޑިއިރު ހޭދަކުރާ ޝަފްރާޒް ނައީމަކީ ކުރިން ޤައުމީ ދިފާއީބާރުގައި ޑައިވަރަކަށް މަސައްކަތްކުރި މީހެކެވެ. އޯޝަން 6/50 އިވެންޓްގައި ޑައިވް ކުރާ ޝަފްރާޒް ޑައިވަށް ފުއްމާލާފައިވަނީ އިއްޔެ މެންދުރު ފަހު 03:30ގައެވެ. ޔުނިކް ސްޕޯޓްސްގެ ފަރާތުން މަޢުލޫމާތުދެމުން ރޭޝަން ޝަރީފް ވިދާޅުވީ ޝަފްރާޒުގެ ހާލު ރަގަނޅު ކަމަށާއި ޝަފްރާޒާ، ވާހަކަދައްކަމުންދާކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ޝަފްރާޒް ވަނީ ވަރަށް ގިނަ ވަގުތު ނިދާފަކަމަށް ޔުނިކް ސްޕޯޓްސްއިން މަޢުލޫމާތުދެއެވެ. މިއިވެންޓަށް ތައްޔާރުވުމުގެ ގޮތުން، މީގެ ދެދުވަސް ކުރިން ދިޔާ އެއްޗެތި ބޭނުންކޮށްގެން ޝަފްރާޒް ޑައިޓެއް ފަށާފައިވާ ކަމަށާއި މޫދު އަޑީގައި އޮވެގެން އޭނާ ބޭނުންކުރާނީ ދިޔާ ކާއެއްޗެތި ކަމަށް ރޭޝަން މަޢުލޫމާތުދިނެވެ. ރޭޝަންބުނީ މޫދު އަޑީގައި އޮންނައިރު، ޝަފްރާޒްއަށް ދިޔާ އެއްޗެހި ދެނީ ވަކި ގަޑިތަކެއްގައިކަމަށާއި ޚާއްސަ ޑޮކްޓަރުންގެ ލަފާގެ މަތީންކަމަށެވެ. ޝަފްރާޒް މޫދުއަޑީގައި 50 ގަޑިއިރު ހަމަވާނީ އާދިއްތަ ދުވަހުގެ ހަވީރު 05:30އަށެވެ.

ޝަފްރާޒަކީ ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި ޑައިވިންގެ ދާއިރާގައި 27 އަހަރު މަސައްކަތްކޮށްފައިވާ މީހެކެވެ. މި އެކްސްޓްރީމް ޑައިވް އިވެންޓަށް ތައްޔާރުވުމަށް އޭނާ ވަނީ ފަންސާސް ގަޑިއިރު މޫދު އަޑީގައި އޮތުމަށްޓަކައި ހަށިގަނޑު ހާނާ، ނަފްސާނީ ގޮތުން ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން ޓެކްނިކަލް ތަމްރީންތައްވެސް ފުރިހަމަކޮށްފައެވެ.

އޯޝަން 650 އަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިންގ އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އެކްސްޓްރީމް ޑައިވިންގ އިވެންޓެކެވެ. މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖެއާއި ބައިނަލްއަޤްވާމީ ޑައިވިން ކޮމިއުނިޓީއާއި، މެރިން ރިސާޗަރުންނާއި، ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގުތަނަވަސް ވެގެންދާނެއެވެ.

ކުޑަގިރި ފަރުގައި ޝަފްރާޒް 50 ގަޑިއިރު މޫދުގެ 6 މީޓަރު އަޑީގައި ހޭދަކުރާނެއެވެ. އޭނާގެ ޓީމުގައި ތަޖުރިބާކާރު ޑައިވަރުން ބައިވެރިވެއެވެ.