ވިޔަފާރި

ގަން އެއަރޕޯޓުގައި ހުޅުވާ އޮތެންޓިކް މޯލްޑިވްސްގައި ތަކެތި ވިއްކުމުގެ ފުރުސަތު


ގަން އެއަރޕޯޓުގައި ހުޅުވުމަށް ހަމަޖެހިފައިވާ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައިގައި ވިއްކަން ތަކެތި ބެހެއްޓުމުގެ ފުރުސަތު ދިވެހި އުފެއްދުންތައް ވިއްކާ ފަރާތްތަކަށް ހުޅުވާލައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓާމިނަލުގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވުމަށް ނިންމައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުންވަނީ އިއުލާންކޮށްފައެވެ. އެކޯޕަރޭޝަނުން ބުނީ މިއީ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން އެފަދަ ފަރާތްތަކަށް ތަކެތި ވިއްކުމަށް ފަހި މާހައުލެއް ޤާއިމުކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އޮތެންޓިކް މޯލްޑިވްސްގެ ފިހަރާތަކުން ދިވެހި އުފެއްދުންތައް މާކެޓްކޮށް ވިއްކުމުގެ މަސައްކަތް ކޮށްދޭނެއެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައިގަ ތަކެތި ވިއްކުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިއުންތައް އީމެއިލް މެދުވެރިކޮށް ހުށެހެޅޭނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެއެވެ.

ގަމުގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވަން ނިންމާފައި މިވަނީ ގަމަށް ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އަލުން ފެށުމަށްފަހުއެވެ. މި ދަތުރުތައް އިތުރު ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާއިރު ސްރީލަންކަން އެއަރލައިންސްއަށް މަންޓާ އެއަރއިވަނީ ޑޮމެސްޓިކް ކަނެކްޝަން ދިނުމަށް ނިންމާފައެވެ. މިއާއެކު ހުވަދުއަތޮޅާއި ގަން ގުޅުވާލައި، ދަތުރުތައް އިތުރު ކުރެވޭނެ ކަމަށް އެއެއަރލައިނުން ބުނެއެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ގަމުގައި ހުޅުވުމަށް ތައްޔާރުވަމުންދާއިރު މިއީ ވެލާނާ އެއަރޕޯޓު ފިޔަވައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވާ ދެވަނަ އެއަރޕޯޓެވެ. މީގެ އިތުރުން މާލެ އަދި ހުޅުމާލޭގައިވެސް އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓެއް ހުޅުވާފައިވެއެވެ.