ޚަބަރު

ތައިލޭންޑާއި މެލޭޝިޔާއާ ދެމެދު ދަތުރުކުރެވޭ ގޮތަށް ބޯޑަރު ހުޅުވާލަނީ


ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ތައިލޭންޑާއި މެލޭޝިޔާއާއި ދެމެދު ދަތުރުކުރެވޭ ގޮތަށް ދެ ޤައުމުގެ ބޯޑަރު ވަރަށް އަވަހަށް ހުޅުވާލަން ނިންމައިފިއެވެ.

ތައިލޭންޑުގެ ބޮޑުވަޒީރު ޖެނެރަލް ޕްރަޔުތް ޗަންއޯޗާއާއި މެލޭޝިޔާގެ ބޮޑުވަޒީރު އިސްމާޢިލް ޞަބްރީ ޔާޤޫބް އިއްޔެ ބެންކޮކްގައި ބޭއްވި ބައްދަލުކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ ދެ ޤައުމުގެ ބޯޑަރު ހުޅުވާލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން ދަތުރުކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އެސް.އޯ.ޕީތައް ކަނޑައެޅުމުގެ މަސައްކަތް ދެ ޤައުމުން ކުރިޔަށްގެންދާކަމަށް ބުނެފައިވެއެވެ.

ތައިލޭންޑާއި މެލޭޝިޔާއާ ދެމެދު ބޯޑަރު ހުޅުވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، އެންމެ ފުރަތަމަ ދަތުރުކުރުމަށް ހުޅުވާލާނީ ބެންކޮކުން ކުއަލަލަމްޕޫރަށް ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވެއެވެ. އަދި ކުރިއަށްއޮތްތަނުގައި އިތުރު މަންޒިލުތަކަށް ހުޅުވާލާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މި ނިންމުމުގެ ސަބަބުން ކަރަންޓީނުވުމަކާއި ނުލައި ވެކްސިނޭޓެޑް ޓްރެވެލް ލޭން މެދުވެރިކޮށް ވައިގެ މަގުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެއެވެ. އަދި ކައިރި މުސްތަޤުބަލުގައި އެއްގަމު މަގުންނާއި ކަނޑުމަގުންވެސް ދަތުރުތައް ހުޅުވާލުމަށް ނިންމާފައިވެއެވެ.

ތައިލޭންޑަކީ ވިޔަފާރީގެ ރޮނގުން އާސިއާން ޤައުމުތަކުގެ ތެރޭގައި ހިމެނޭ 2 ވަނައަށް އެންމެ ވަރުގަދަ ޤައުމެވެ. މެލޭޝިޔާއާއި ތައިލޭންޑާއި ދެމެދު ޒަމާންވީ ވިޔަފާރި ގުޅުމެއް ޤާއިމުވެފައި އޮވެއެވެ. މިދިޔަ 2021 ވަނަ އަހަރު މި ދެ ޤައުމުގެ މެދުގައި ކޮށްފައިވާ ވިޔަފާރީގެ އަގު 97.97 ބިލިއަން ރިންގިޓަށް އަރައެވެ. އެއީ 2020 ވަނަ އަހަރަށްވުރެ %23 އިންސައްތަ އިތުރު ޢަދަދެކެވެ.

ތައިލޭންޑާއި މެލޭޝިޔާއާއި ދެމެދު ބޯޑަރު ހުޅުވާލުމަކީ ފަތުރުވެރިކަމަށާއި އިންވެސްޓަރުންނަށް ރަނގަޅު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމެއްކަން ދެ ޤައުމުގެ ބޮޑުވަޒީރުން ހާމަކުރައްވައެވެ. އެގޮތުން ދެ ޤައުމުގެ ބޯޑަރު ހުޅުވާލުމާއެކު ވިޔަފާރީގެ ރޮނގުން އިޤްތިޞާދަށް ރަނގަޅު ބަދަލުތަކެއް އަންނާނެކަމަށް ދެ ޤައުމުންވެސް ދެކެއެވެ.