ޚަބަރު

އެންމެނަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް: ނައިބްރައީސް


ހަމަހަމަކަމާއެކު އެންމެނަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމުގައި ރާއްޖެއިން ތައްޔާރަށް އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ "ގެލްވަނައިޒިންގ މޮމެންޓަމް ފޮރ ޔުނިވަރސަލް ވެކްސިނޭޝަން"ގެ ނަމުގައި އ.ދ.ގެ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދާ ޕްލިނަރީ ސެގްމަންޓަކަށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ކޯވިޑް 19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ވެކްސިންގެ ހަމަހަމަކަން ގާއިމްކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެންމެހާ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގައި ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިފައިވާ ކަމަށާއި ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ޤައުމުތަކަށް އިސްކަން ދޭންޖެހިފައިވާކަން ފާހަގަކުރައްވާ، އާމްދަނީ މަދު އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ބޮޑެތި އާބާދީތަކަށް ވެކްސިން ނުލިބި ފަރަގު ބޮޑުވެފައިވާ ކަމުގައި ވިދާޅުވިއެވެ. ވެކްސިނަކީ ހަޤީޤީ މާނައެއްގައި އެންމެނަށް ފޯރުކޮށްދެވޭ އެއްޗަކަށް ހަދަން ބޭނުންނަމަ ސިޔާސީ ތަޢައްސަބުން އެއްކިބާވެ، އެމަގުން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމުގައި ނައިބުރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅުދައްކަވަމުން
އެމަނިކުފާނު އިތުރަށް ވިދާޅުވީ ވެކްސިންގެ ރައްކާތެރިކަން އެންމެނަށް ނުލިބެނީސް އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތްކަމަށެވެ.

ވެކްސިނަކީ އެންމެންގެ ހައްޤު އޭގައި އެކުލެވޭ އެއްޗެއްގެ ގޮތުގައި ދެކި، އެމަގުން ހުރިހާ ޤައުމުތައް ގުޅިގެން މަސައްކަތްކޮށް، 2020 ވަނަ އަހަރު ވަރލްޑް ޓްރޭޑް އޮގަނައިޒޭޝަނުން ހުށައެޅި ފަދައިން ކޯވިޑް ވެކްސިންގެ ޕޭޓަންޓްތައް ވަގުތީގޮތުން މަޑުޖައްސާލައި، ވެކްސިންގެ ރައްކާތެރިކަން އެންމެހާ ޤައުމުތަކަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ޤައުމުތަކުގެ ލީޑަރުންނަށް އެ މަނިކުފާނު ގޮވާލެއްވިއެވެ. އެގޮތުން ދަށް އަދި މެދު ފަންތީގެ ޤައުމުތަކުގައި ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ގާއިމްކޮށްފައިވާ އޭ.ސީ.ޓީ. އެކެސެލެރޭޓަރގެ ގްރާންޓް ފަންޑިންގއަށް މަދުވާ 16 ބިލިއަން ޑޮލަރު ހަމަކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވަނީ، ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް ކޯވިޑް 19ގެ ސަބަބުން ކުރިމަތިވި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އެ ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި ދިވެހިރާއްޖޭގައި ކޯވިޑުން ރައްކާތެރިކަން ހޯދައިދިނުމަށް އަމާޒުކޮށް ހިންގުނު ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕެއިން "ދިފާޢު" ކެމްޕޭނުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައިވެއެވެ. އެގޮތުން ކޯވިޑުގެ ޙާލަތުން އަރައިގަތުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެ ޙާލަތުގައި ދިވެހިން އެއް ބައެއްގެ ގޮތުގައި ދެއްކި އެއްބައިވަންތަކަމާއި ބައިނަލްއަޤްވާމީ މުޖުތަމަޢާއި ރާއްޖެއާ ދެމެދު ބެހެއްޓި ގާތްކަމާއި ދެއްވި އެހީތެރިކަން ކަމުގައި ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ވެކްސިންގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި، މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށް ބުއްދިވެރި ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވަމުންނެވެ.