ޚަބަރު

ނުތަނަވަސްކަން އުފައްދާނަމަ އީރާނާއި ދެކޮޅަށް ފިޔަވަޅު އަޅާނަން


އީރާނުން މެދު އިރުމަތީގައި
އިތުރަށް ނުތަނަވަސްކަން އުފެދުމަށް މަސައްކަތް ކުރާ ނަމަ އެޤައުމާ ދެކޮޅަށް ފިޔަވަޅު
އަޅާނެ ކަމުގެ އިންޒާރު ސަޢޫދީ ޢަރަބިއްޔާއިން ދީފިއެވެ.



އީރާނާ ސަޢޫދީ ޢަރަބިއްޔާއާ
ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ގަލްފް
ކޯޕަރޭޝަން ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަޢޫދީ
ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ވަނީ އީރާނުގެ ސިޔާސަތުތައް ބަދަލުކުރުމަށް
ގޮވާލައްވާފައެވެ.



ޓެރަރިޒަމްގެ ކުށުގައި އެއް ފަހަރާ
47 މީހުންގެ މައްޗަށް ސަޢޫދީ ޢަރަބިއްޔާއިން މިމަހުގެ ކުރީކޮޅު މަރުގެ ޙުކުމް
ތަންފީޒުކުރި މައްސަލަ ސަރަޙައްދީ ބޮޑު ކޯޅުމަކަށް ބަދަލުވެފައިވާ އިރު، އޭގެ
ފަހުން ހިނގި އެކި އެކި ކަންކަން މިވަނީ ދިގުލައިގެން ގޮސްފައެވެ.



ސަޢޫދީ ޢަރަބިއްޔާއިން މަރުގެ ޙުކުމް
ތަންފީޒުކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް މެދު އިރުމަތީގެ އިތުރުން އޭޝިޔާގެ
ބައެއް ޤައުމުތަކުގައި ވެސް ވަރުގަދަ މުޒާހަރާތައްކޮށްފައިވެއެވެ. މީގެ ތެރެއިން
އެންމެ ވަރުގަދަ މުޒާހަރާތައް ފެނިފައިވަނީ ސަޢޫދީއާ ވާދަވެރި އީރާނުގައެވެ.
އީރާނުގެ ވެރިރަށް ތެހެރާނުގައި ކުރިއަށް ދިޔަ މުޒާހަރާގައި ހިނގި
ހަމަނުޖެހުންތަކުގައި ވަނީ އެރަށުގައި ހުންނަ ސަޢޫދީ އެމްބަސީއަށް ހަމަލާދީ އެއިމާރާތުގައި
ހުޅުވެސް ޖަހާފައެވެ.



މިކަމުގެ ސަބަބުން ސަޢޫދީން
އީރާނާ އެކު އޮންނަ ސިޔާސީ ގުޅުން މެދު ކަނޑާލިއެވެ.



ސަރަޙައްދުގެ މަސްރަޙު އިތުރަށް
ހޫނުވިޔަ ނުދިނުމަށް ދެފަރާތުގެ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް
ނައްތާލަން ޖެހޭ ކަމަށް ބުނެ އީރާނުން އެތަށް ފަހަރެއްގެ މަތިން ވަނީ ވާހަކަ
ދައްކާފައެވެ. އަދި ސަޢޫދީ އެމްބަސީގައި ހުޅު ޖެހި ފަރާތްތައް ހޯދުމަށް އެޤައުމުގެ
ޝަރުޢީ ބާރުތަކަށް އީރާނުގެ ރައީސް ހަސަން ރޫޙާނީ ވަނީ އަމުރު ކުރައްވާފައެވެ.  



އެހެން ނަމަވެސް، ސަޢޫދީ
ޢަރަބިއްޔާއިން އަނެއްކާ ވެސް ވަނީ މިމައްސަލައިގައި އީރާނާ ދެކޮޅަށް ފިޔަވަޅުތަކެއް
އަޅާނެ ކަމަށް ބުނެފައެވެ.



ދެޤައުމުގެ ދެމެދު އުފެދިފައިވާ
ހަމަނުޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ގަލްފް ކޯޕަރޭޝަން ކައުންސިލުން
ބޭއްވި ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ
ވަޒީރު ޢާދިލް ޢަލް ޖުބައިރު ވިދާޅުވީ ސަރަޙައްދުގައި އީރާނުން އިތުރު
މައްސަލަތައް އުފެއްދުމަށް މަސައްކަތް ކުރާ ނަމަ އެޤައުމާ ދެކޮޅަށް ފިޔަވަޅުތައް
އަޅާނެ ކަމަށެވެ. މިއީ ކޮން ފިޔަވަޅުތަކެއް ކަން ސަޢޫދީ ޚާރިޖީ ވަޒީރު
ހާމަނުކުރެއްވި ނަމަވެސް، ޖުބައިރު ވަނީ އިސްލާމީ ޤައުމުތަކުގެ ބައިނަލްއަޤްވާމީ
ޖަމާޢަތް އޯ.އައި.ސީއަށް ވެސް މިމައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައެވެ.



ސަޢޫދީ ޚާރިޖީ ވަޒީރު ވިދާޅުވީ،
މިމައްސަލައިގައި އޯ.އައި.ސީގެ ޚާއްސަ ބައްދަލުވުމެއް ބާއްވަން ޖެހޭނެ ކަމަށާ ގަލްފް
ކޯޕަރޭޝަން ކައުންސިލުން މިކަމުގައި ގެންގުޅޭ ފަދަ ސިޔާސަތެއް އެޖަމާޢަތުން ވެސް
ގެންގުޅޭނެ ކަމަށެވެ. އީރާނަކީވެސް އޯ.އައި.ސީގެ މެމްބަރެކެވެ.



މިމައްސަލައިގައި ސަޢޫދީ
ޢަރަބިއްޔާ، ބަޙްރައިން، ޤަތަރު، އޮމާން، ކުވައިތު އަދި ޔޫ.އޭ.އީއިން ހިމެނޭ
ގަލްފް ކޯޕަރޭޝަން ކައުންސިލުން ވަނީ ސަޢޫދީ އެމްބަސީއަށް ދިން ޙަމަލާ
ކުށްވެރިކޮށްފައެވެ.