ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ގަދަ 4 ކަށަވަރުވެއްޖެ


ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2022" ގެ ގަދަ ހަތަރަކަށް، 5 ބައިވެރިން ދަތުރުކޮށްފިއެވެ

ގަދަ ހަތަރަކުން ޖާގަ ކަށަވަރު ކުރި 5 ބައިވެރިންނަކީ މުޙައްމަދު ފަޒީން، އަޒުކާ ޙާމިދު، މުޙައްމަދު ނަވީން އައިމިނަތު ބަލްސަމް އަދި މައިޝާ މުޙައްމަދުއެވެ.

ގަދަ ހަތަރަކުން ފުރުޞަތު ނުލިބި މި ހަފްލާގެ އެލިމިނޭޝަން ޝޯގައި މުބާރާތާ ދެ ބައިވެރިއަކު ވަކިވާން ޖެހުނެވެ. އެއީ އައިޝަތު ފައިގާ ފާއިޒު އާއި ޢަބްދުﷲ ޙައްމާދުއެވެ.

ލޮކޭޝަން އިންޓަރވިއުއިން މި ހަފްތާގެ ޕްރެޒެންޓަރ އޮފް ދި ވީކުގެ އެވޯޑް ހާސިލް ކުރީ އައިމިނަތު ބަލްސަމްއެވެ.

މި ހަފްތާގެ އެލިމިނޭޝަން ޝޯ ޚާއްސަކޮށްފައިވަނީ މާދަރީ ބަހުގެ ދުވަހަށެވެ. ދުވަހުގެ ތީމާ ގުޅޭގޮތުން ތަފާތު ހަރަކާތްތައް ޝޯގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ކުދިން ހެދުން އަޅާފައިވަނީ ދިވެހި ސަޤާފީ ވަންތަ ގޮތަށެވެ. ޝޯގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ބައިވެރިވެވަޑައިގެން ބައިވެރިންނާ މުޚާތަބުކުރެއްވިއެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަނަކީ ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާގައި މަސައްކަތް ކުރާހިތްވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދީ، އެފަދަ ޒުވާނުންގެ ހުނަރު ތަރައްޤީ ކޮށްދިނުމުގެ މަޤްޞަދުގައި، ވާދަވެރި މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދާ ރިއަލިޓީ ޝޯވއެކެވެ. މިއީ މި މުބާރާތުގެ 4 ވަނަ ސީޒަނެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަންގެ ޓައިޓްލް ކާމިޔާބުކުރާ ބައިވެރިއަކަށް ޖުމްލަ ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމާއި މުބާރާތުގެ ޓްރޮފީ ލިބޭނެއެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ޕީ.އެސް.އެމްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

މުބާރާތުގެ ދެވަނައަށް ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ. އަދި ތިންވަނަ ހޯދާ ބައިވެރިއަކަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.

މި މުބާރާތުގެ ނަތީޖާ ނެރެނީ ފަނޑިޔާރުން ދޭ މާކްސްގެ އިތުރުން އެހުންތެރިންގެ ވޯޓުވެސް ހިމެނޭ ގޮތަށެވެ. އެގޮތުން ފަނޑިޔާރުންގެ މާކުހަށް %65 އަދި އެހުންތެރިންގެ އެސް.އެމް.އެސްއަށް %35 ވަނީ ކަނޑައަޅާފައެވެ.

މިފަހަރުގެ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ ރޭޑިއޯ ޕްރޮގްރާމް ޕްރެޒެންޓް ކުރުމާއި، ޕްރޮގްރާމް އުފެއްދުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންކަމުގައިވާ މޫމިނާ އިބްރާހީމް، ނަޞްރުﷲ އިދުރީސް އަދި ހަސަން ހަލީމެވެ.

ރިއަލިޓީ ޝޯވއެއްގެ ސިފައިގައި ކުރިއަށްގެންދާ މި މުބާރާތް ބައްޓަންކޮށްފައިވަނީ ކޮންމެ ހަފްތާއަކުވެސް މުބާރާތުގެ ބައިވެރިންނަށް ތަފާތު ފޯމެޓެއްގެ ހުށައެޅުމެއް ހުށައަޅަންޖެހޭ ގޮތަށެވެ. އެގޮތުން ރިޕޯޓް ހުށައެޅުމާއި، ޚަބަރު ކިޔުން، ވާހަކަ ކިއުން، އިންޓަރވިއުކުރުން، ރޭޑިއޯ ޑްރާމާ، އަދި ރޭޑިއޯއަށް މަންޒަރު ސިފަކުރުމުގެ އިތުރުން ފޯން ލައިވް ޕްރޮގްރާމް ބައިވެރިން ހުށައަޅަންޖެހެއެވެ.

މީގެ ކުރިން ބޭއްވި މި މުބާރާތުގެ 3 ސީޒަނަށްވެސް ބޮޑު ތަރުޙީބެއް ވަނީ ލިބިގެންގޮސްފައެވެ.