ޚަބަރު

ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ރަޝިޔާއަށް ކުރަން ދުވަސް ނަގާނެ: ބައިޑަން


ޔޫކްރެއިނަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ރައްދުގައި ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރުކުރުމަށް ދުވަސްތަކެއް ނަގާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓު ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެ ޤައުމުން ރަޝިޔާއާ ދެކޮޅަށް އަޅަން ނިންމާފައިވާ ހަރުކަރި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިޢުލާންކުރައްވަމުން ބައިޑަން ވިދާޅުވީ ހަނގުރާމަ ފެއްޓެވީ ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންކަމަށާއި ހަނގުރާމައިގެ އަގު ޢަދާކުރައްވަން އޭނާއަށް ޖެހިވަޑައިގަންނަވާނެކަމަށެވެ. އެ ގޮތުން އެމެރިކާއިންވަނީ ރަޝިޔާގެ އެންމެ ބޮޑު 10 ބޭންކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އެ ޤައުމަށް ޒަމާނީ ޓެކްނޮލޮޖީގެ ބާވާތްތައް އެތެރެނުކުރޭނެ ގޮތް ހަދައިފައެވެ. އަދި އެމެރިކާގައި ހުރި ރަޝިޔާގެ ބޭންކުތަކުގެ މުދަލާއި ފައިސާ ހިފަހައްޓައި ފައިސާގެ މުޢާމަލާތްތައް ޑޮލަރުންނާއި ސުޓާލިން ޕައުންޑުން ނުކުރެވޭނެ ގޮތްވަނީ ހަދައިފައެވެ.

އެމެރިކާއިން ބުނެފައިވަނީ އެ ޤައުމުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ހަރުކަރި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިނގިރޭސިވިލާތުންނާއި ކެނެޑާއިންނާއި އޮސްޓުރޭލިޔާއިންނާއި ޖަޕާނުންނާއި ވިލާތުގެ އިއްތިޙާދުންވެސް ތަންފީޒުކުރާނެކަމަށާއި އެއީ ދުނިޔޭގެ ވިޔަފާރިން ރަޝިޔާ ބާކީވާވަރުގެ ނިންމުމެއްކަމަށެވެ. އޭގެ އިތުރުން ރަޝިޔާގެ ޤައުމީ އެއަރލައިންކަމަށްވާ އޭރޯފުލޯޓު އިނގިރޭސިވިލާތުގައި އުދުހުން މަނާކޮށް ރަޝިޔާއާއެކު އޮންނަ މާލީ ގުޅުންތައް ކަނޑާލައިފިއެވެ. އެ ގޮތުން އިނގިރޭސިވިލާތުގައި ހިންގައި ރަޝިޔާގެ ބޭންކުތަކާއި އެއްވެސް މާލީ މުޢާމަލާތެއް ނުކުރުމަށާއި އެ ބޭންކުތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި ޑޮލަރާއި ސުޓާލިން ޕައުންޑުން މުޢާމަލާތްތައް ކުރުން މަނާކުރުމާއި ލޯނުތައް ލިބޭނެ ދޮރުތައް ބަންދުކުރުން ހިމެނެއެވެ. އަދި 100އަށްވުރެ ގިނަ ކުންފުންޏާއި ވަކިވަކި ފަރުދުންގެ މުދަލާއި ފައިސާ ހިފަހައްޓައި ޓެކްނޮލޮޖީގެ ދާއިރާއިންނާއި ހަކަތައިގެ ދާއިރާއިން ރަޝިޔާއިން ބޭނުންވާ ސާމާނު އިނގިރޭސިވިލާތުން ހޯދުން މަނާކުރުންވެސް ޖޮންސަން އިޢުލާންކުރެއްވި އިޤްތިޞާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާ ދިނުމުގެ ކުރިން ޖަރުމަންވިލާތުންވަނީ ރަޝިޔާއިން ވިލާތަށް ގޭސް ފޯރުކޮށްދިނުމަށް އަޅާފައިވާ ނޯޑު ސުޓުްރީމު 2 ބޭނުންކުރުމުގެ ޙުއްދަނުދިނުމަށް ނިންމައިފައެވެ. އެ ގޭސް ހޮޅިވަނީ ރަޝިޔާއިން ޖަރުމަންވިލާތާ ހަމައަށް އަޅައި ނިންމައިފައެވެ. އަދި އެ ހޮޅި ބޭނުންކުރުމުގެ ޙުއްދަ ނުދިނުމަކީ ރަޝިޔާއާ ދެކޮޅަށް ވިލާތުން އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅެވެ. ވިލާތަށް ބޭނުންވާ ތިންބައިކުޅަ އެއްބައި ތެލާއި ގޭސް ފޯރުކޮށްދެނީ ރަޝިޔާއިންނެވެ. އެހެންކަމުން ޖަރުމަންވިލާތުގެ ނިންމުމުގެ ސަބަބުން ވިލާތުގެ ޤައުމުތަކަށްވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. ވިލާތަށް ކުރިމަތިވެދާނެ ހަކަތައިގެ ދަތިތައް ޙައްލުކުރުމަށް ޤަޠަރު މެދުވެރިކޮށް ތެލާއި ގޭސް ހޯދުމަށް އެމެރިކާއިން އެދުމުން އެ ޤައުމުން ބުނެފައިވަނީ ވިލާތަށް ބޭނުންވާ މިންވަރަށް ހަކަތަ ފޯރުކޮށްދިނުމުގެ ޤާބިލުކަމެއް ނެތްކަމަށެވެ. އަދި އެ ޤައުމުން މިހާރުވެސް ތެލާއި ގޭސް ގަންނަ ޤައުމުތަކަށް އިސްކަންދޭން ޖެހޭކަމަށްވެސް ޤަޠަރުން ބުނެފައިވެއެވެ. ރަޝިޔާއިން ފޯރުކޮށްދޭ މިންވަރަށް ތެލާއި ގޭސް ފޯރުކޮށްދޭނެ އެހެން ޤައުމެއް ހޯދުމަށް ވިލާތަށް ދަތިތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އެހެންކަމުން ނޯޑު ސުޓުްރީމު 2 ބޭނުންކުރުމުގެ ޙުއްދަނުދިނުމަށް ނިންމި ނިންމުމަށް ޢަމަލުކުރެވޭނެ މުއްދަތަކާމެދުވަނީ ސުވާލު އުފެދިފައެވެ.

ހުޅަނގުގެ ބާރުތަކުން އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށުމުން ރަޝިޔާއިން ބުނެފައިވަނީ އެފަދަ ފިޔަވަޅުތަކަކީ އެ ޤައުމަށް އައު ކަމެއް ނޫންކަމަށާއި އެ ޤައުމަށް ލިބޭނެ ގެއްލުމެއް ނެތްކަމަށްށެވެ. އަދި ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ރަޝިޔާއިން ވަކި ގޮތަކަށް ޢަމަލުކޮށްގެން ނޫންކަމަށާއި އެފަދަ ފިޔަވަޅުތައް އަޅަނީ ރަޝިޔާގެ އިޤްތިޞާދީ ކުރިއެރުން ހުއްޓުވުމަށްކަމަށްވެސް އެ ޤައުމުން ބުނެއެވެ.