ޚަބަރު

ރަޝިޔާ-ޔޫކްރެއިން ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރާއަސަރު ބޮޑު


ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާދެމުންދާ މައްސަލައަކީ މުޅި ދުނިޔޭގެ ކަންބޮޑުވުން ޢަމާޒުވެފައިވާ މައްސަލައެކެވެ.

ޙަމަލާތަކާއި ގުޅިގެން ރަޝިޔާގެ ޢަމަލުތައް ކުއްވެރިކޮށް، ޙަމަލާތަށް ހުއްޓުވުމަށްކަމަށް ބުނެ ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި ބައިނަލްްއަޤްވާމީ ޖަމާޢަތްތަކުން، ރަޝިޔާއަށް އިޤްތިޞާދީގޮތުން ފިއްތުންތައް ކުރިމަތިކުރުވުމަށް ދަނީ މަޝްވަރާކުރަމުންނެވެ. އެގޮތުން ބުރާސްފަތިދުވަހު އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ރަޝިޔާއާއި ދެކޮޅަށް އިޤްތިޞާދީގޮތުން ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އިޢުލާންކޮށްފައެވެ.

ހަނގުރާމަވެރި މާޙައުލެއް ރަޝިޔާ ސަރަޙައްދުގައި އޮތުމާއި، ރަޝިޔާއަށް އަމާޒުވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގިނަބަޔަކު ކަންބޮޑުވާ އެއް ސަބަބަކީ ރަޝިޔާއަކީ ދުނިޔޭގެ ނިޞްބަތުން ހަކަތައިގެ މައިގަނޑު ކޮންޓްރޯލެއް އޮންނަ ޤައުމަކަށް ވާތީއެވެ. އެގޮތުން ދުނިޔޭގައި 3 ވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމަކީ ރަޝިޔާއެވެ. ދުނިޔޭގެ ޤައުމުތަކަށް ބޭނުންވާ ތެލުގެ %11 ސަޕްލައިކޮށްދެނީ ރަޝިޔާއިންނެވެ. އަދި ދުނިޔޭގައި އެންމެ ގިނައިން ޤުދުރަތީ ގޭސް ވިއްކާ ޤައުމަކީވެސް ރަޝިޔާއެވެ.

މި ސަބަބުތަކާހުރެ ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ޙަމަލާތައް ފެށިދާނެކަމަށް ބެލެވެންފެށީއްސުރެ ތެލުގެ ބާޒާރަށް ލޮޅުންތައް އަންނަމުންދިޔައެވެ. އަދި ޙަމަލާތައް ފެށުމާއެކު ތެލުގެ އަގު މިވަނީ އުފުލިފައެވެ. ރަޝިޔާއާ ދެކޮޅަށް އަޅާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާ މެދުވެރިކޮށް ކުރާ ވިޔަފާރި މުޢާމަލާތްތައް ހުއްޓާލުން ހިމެނެއެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން މިހާރުވެސް ޑިމާންޑާއި އެއްވަރަށް ތެޔޮ އުފެއްދުމަށް ނުކުޅެދިފައިވާ ތެލުގެ ބާޒާރަށް ރަޝިޔާއިން އިތުރުކޮށްދޭ ތެޔޮ ނުލިބުން އެކަށީގެންވެއެވެ. ވިޔަފާރީގެ މަގު ބަންދުވެ، ރަޝިއާއިން ކުރާ އިމްޕޯޓާއި އެކްސްޕޯޓަށް ހުރަސްއެޅިގެންދާއިރު ދުނިޔޭގައި ގޭސް ލިބުމުގެ ދަތިތައްވެސް ކުރިމަތިވާނެއެވެ. އެހެންކަމުން ބޭނުންވާވަރަށް ސަޕްލައި ނުލިބިދާނެކަމުގެ ބިރު ހީވުމާއެކު ގޭހާއި ތެލުގެ އަގު ވަނީ މައްޗަށްގޮސްފައެވެ.

ބުރާސްފަތިދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފީފާއެއް 100 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. ބައެއް ވައްތަރުގެ ތެލުގެ އަގު 8 އަހަރުތެރޭގައި އުފުލިފައިނުވާ މިންވަރަށް މައްޗަށްޖެހިފައެވެ. އެގޮތުން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު %8.5 އަށްވުރެ މައްޗަށް އުފުލި، ބްރެންޓް ކްރޫޑްގެ ބެންޗްމާކް އަގު ހުރީ 105.4 ޑޮލަރުގައެވެ. މިއީ ޙަމަލާއެއް ފެށިއްޖެނަމަ އަންނާނެކަމަށް ތަޖުރިބާކާރުން ލަފާކޮށްފައިވާ ބަދަލެކެވެ.

ގޭހުގެ އަގަށްވެސް ބަދަލު އައިސް، ބްރިޓިޝް ގޭސް ކުންފުނިން ފޯރުކޮށްދޭ ގޭހުގެ އަގު 45 އިންސައްތަ އުފުލިފައިވެއެވެ.

ނަމަވެސް ރަޝިޔާއަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހަކަތައަށް ފިޔަވަޅު ނާޅާނެކަމަށް އެމެރިކާއިން ޢިޝާރާތްކުރުމުން، ބާޒާރުގައި ތެލުގެ އަގު ކޮންމެވެސްވަރަކަށް ތިރިވެފައިވެއެވެ. ތެލާއި ގޭސް ލިބުން ދަތިވެދާނެކަމަށް ބަލައި މިތަކެތީގެ އަގު އުފުލެމުންދާތީ ޖީ7 ގެ ޤައުމުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާން، އިޓަލީ، ޖަރުމަންވިލާތް، ފަރަންސޭސިވިލާތް، އަދި ކެނެޑާއިން ވަނީ މަޝްވަރާތަކެއްވެސް ބާއްވާފައެވެ. މަޝްވަރާތަކަށްފަހު ނެރެފައިވާ ބަޔާނުގައި ޤައުމުތަކުން ބުނެފައިވަނީ ތެލާއި ގޭހުގެ ވިޔަފާރިއަށް އަންނަ ބަދަލު ގާތުން ބަލަމުންދާކަމަށާއި، ޖީ7 ގެ ޤައުމުތައް ގުޅިގެން ދުނިޔޭގެ ބާޒާރުގައި އޮތް ޑިމާންޑާއި އެއްވަރަށް ހަކަތަ އުފެއްދުމަށް މަސައްކަތްކުރާނެކަމަށެވެ.

ތެލުގެ އަގު މައްޗަށްޖެހުމުގެ ސަބަބުން އެކްސްޕޯޓު މުދަލަށް ބަރޯސާވެފައިވާ ޤައުމުތަކަށް އަސަރުކުލާލެއް ބޮޑުވާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ. އެގޮތުން އޭޝިއާ ސަރަޙައްދަކީވެސް ގިނަ ޢަދަދަކަށް މުދާ އެތެރެކުރާ ސަރަޙައްދެއްކަމުން، ތެލުގެ އަގު އުފުލެމުންދާ ވަރަކަށް އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ އިންފްލޭޝަން މައްޗަށްޖެހޭނެކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.