ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަމަށް، މިއަހަރު އިތުރު 3000 އެނދު ނެރެވޭނެ: ޑރ.މައުސޫމް


ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު އަލަށް 3000 އެނދު އިތުރުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މިއީ އަދި ހަމައެކަނި ރިސޯޓްތަކުން އަލަށް އޮޕަރޭޝަންއަށް ނެރެވޭނެ އެނދުގެ އަދަދުކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ.މައުސޫމް ވިދާޅުވީ، އެނދުތައް އޮޕަރޭޝަނަށް ނެރުމުގެ ތާވަލަށް ކުޑަކޮށް ލަސްވުމެއް އައިސްފައިވާކަމަށެވެ. ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި ހުޅުވަން ތާވަލްކޮށްފައިހުރި ރިސޯޓްތައް ނުހުޅުވި ލަސްވުމުގެ ސަބަބުން އޮޕަރޭޝަނަށް ގެނެވޭނެކަމަށް ބެލި އެނދުގެ ޢަދަދަށް ބަދަލެއް އައިސްފައިވާކަމަށާ، ނަމަވެސް މިއަހަރު ެިތުރު 3000 އެނދު އޮޕަރޭޝަންއަށް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަހަރު އަޅުގަނޑުމެން މިބަލަނީ 3000 އެނދު ވަރު، އަލަށް ރިސޯޓް ސެކްޓަރއިން އަންނާނެކަމަށް. އެކަމަކު އެނދުތައް އައުމުގެ ތާވަލް މިއޮތީ ކުޑަކޮށް ފަހަތައް ޖެހިލާފައި. 2020 ގައި ހުޅުވޭނެކަމަށް ބެލި ރިސޯޓްތައް ނުހުޅުވި ލަސްވެގެން އައިސް 2021އަށް ވެއްޓި. 2021 އިން 2022 އަށް މިއަންނަނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރިސޯޓްތަކުގެ އިތުރަށް ރަށްރަށުގައި ހަދާ ގެސްޓްހައުސްތަކާއި، ހޯމްސްޓޭ ގެސްޓްހައުސްތަކާއި، ސަފާރީތަކާއި، ހޮޓާތައް ހިމެނޭހެން އެވްރެޖްކޮށް ކުރިއަށްއޮތް އަހަރުތަކުގައި 8000 އެނދުވަރު ރާއްޖޭގައި ކޮންމެ އަހަރަކު މާކެޓަށް ނެރެވޭނެކަމަށެވެ.

ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީތައް ހިމެނޭގޮތުން ރާއްޖޭގައި މިވަގުތުވެސް އޮޕަރޭޝަންގައި 925 ތަނެއް އެބަހުއްޓެވެ. އަދި މިތަންތަނުގެ ބެޑް ކެޕޭސިޓީއަކީ 54،154 ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.