ޚަބަރު

ޑިސްއޭބިލިޓީ ކައުންސިލުގެ އިންތިޚާބު އަނެއްކާވެސް ފަސްކޮށްފި


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތް ކުރާ ކައުންސިލްގެ މެމްބަރުން ހޮއްވުމަށް ބާއްވާ އިންތިޚާބް އަނެއްކާވެސް ފަސްކުރައްވައިފިއެވެ.މިކަން ހާމަކުރައްވާ ވާހަކަފުޅު ދައްކަވަމުން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގެ ސީނިއަރ ލީގަލް އޮފިސަރ އަހްމަދު ފާއިޒް ވިދާޅުވީ، އިންތިޚާބްގެ ވޯޓްލުން ފަސްކޮށް، ވޯޓްލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އިތުރު ކުރެއްވީ އަތޮޅު ތެރޭގެ ބައެއް ކައުންސިލްތަކުންނާއި ބައެއް މަދަނީ ޖަމާޢަތްތަކުން ކައުންސިލް އިންތިޚާބްގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅު ކުރަމުންދާތީ، ގިނަ ބަޔަކަށް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުޞަތު ފަހި ކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ އިންތިޚާބަށް މިހާރު ގެނައި ބަދަލާއި ގުޅިގެން، އިންތިޚާބްގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު ދެ ހަފްތާއަށް އިތުރު ކުރައްވާފައި ވާކަމަށެވެ.އެގޮތުން އިންތިޚާބްގެ ވޯޓްލުން ވަނީ މިއަންނަ ފެބްރުއަރީމަހުގެ ތިން ވަނަ ދުވަހަށް ތާވަލްކޮށްފައެވެ. އިންތިޚާބަށް ވޯޓްލުމަށް ރަޖިސްޓްރީ ކުރުމުގެ ތާރީޚަކީ މިމަހުގެ 24 ވަނަ ދުވަހުގެ އެއްގަޑި ސުންމިނެޓެވެ.މީގެ ކުރިން އިންތިޚާބް ބާއްވަން ނިންމަވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އިންތިޚާބަށް ވޯޓްލުމަށް ހުޅުވާލި ފުރުޞަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުގައި މަސައްކަތް ކުރާ 9 މަދަނީ ޖަމާއަތަކުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަސްދޮޅަސް ހަ ފަރާތަކުން ރަޖިސްޓްރީ ކުރައްވާފައިވާކަމަށް މިނިސްޓްރީ އޮފް ލޯވް އެންޑް ޖެންޑަރ އިން މައްލޫމާތު ދެއްވައެވެ.ފާއިޒު ވިދާޅުވީ، އިންތިޚާބްގައި ވޯޓްލާއެއް ދާއިރާ ކަމަށްވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮނޑި އަށް މީހުން ހޮއްވެވުމަށް ބާއްވާ އިންތިޚާބުގައި މިފަހަރުވެސް މާލޭގައި ވޯޓްލާ މީހުން ރަޖިސްޓްރީ ކުރަން ނުޖެހޭނޭކަމަށެވެ. އެހެންނަމަވެސް، އަތޮޅު ތަކުން ވޯޓްލާ މީހުން ރަޖިސްޓްރީ ކުރަން ޖެހޭނެކަމަށް.ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތް ކުރާ ކައުންސިލަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތް ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ކައުންސިލެކެވެ. މިފަހަރު އިންތިޚާބް ބާއްވަނީ އެކައުންސިލުން ހުސްވެފައިވާ މަދަނީ ޖަމްއިއްޔާތަކާއި އަދި  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮނޑިއަށް ދެ މެމްބަރުން ހޮއްވެވުމަށެވެ. ދެން ހުސްވެފައިވާ ޞިއްހީ ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮއްވަވާނީ މެޑިކަލް ކައުންސިލުނެވެ.