ޚަބަރު

ހުޅުމާލެއާއި ކުޅުދުއްފުށީގައި އެމް.އައި.ބީގެ ގޮފިތައް ހުޅުވަނީ


މިއަހަރު ހުޅުމާލެއާއި ކުޅުދުއްފުށީގައި
އިސްލާމިކް ބޭންކްގެ ގޮފިތަކެއް ހުޅުވާނެކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން
ހާމަކޮށްފިއެވެ.



އިސްލާމިކް ބެންކުން ބުނީ އެ ބެންކުގެ
ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލެއާއި
ކުޅުދުއްފުށީގައި ހުޅުވާ ގޮފިތަކުންވެސް އެ ބޭންކުން ލިބޭ ގިނަ ޚިދުމަތްތަކެއް
ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިހާރު ކުޅުދުއްފުށްޓާއި ހުޅުމާލޭގައި
ގޮފިތައް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށް އެ ބެންކުން
ބުނެއެވެ. ނަމަވެސް އެގޮފިތައް ހުޅުވާނެ ވަކިތާރީޚެއް އެ ބޭންކުން ހާމަކޮށްފައެއްނުވެއެވެ.

ހުޅުމާލެއާއި ކުޅުދުއްފުށީގައި ހުޅުވާ ގޮފިތަކުންވެސް އިސްލާމީ ޝަރީޢާއާއި
އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ޚިދުމަތެއްވެސް ލިބެން ހުންނާނެކަމަށްވެސް
އިސްލާމިކް ބެންކުން ބުންޏެވެ. އެގޮތުން ޑިޕޮޒިޓް އިންވެސްޓްމެންޓްސް އެކައުންޓާއި
ވިޔަފާރިތަކަށް ބޭނުންވާ ޚިދުމަތްތައް ލިބެންހުންނާނެކަމަށް އެ ބޭންކުން
މައުލޫމާތުދެއެވެ.