ކުޅިވަރު

އެޓްލެޓިކޯ އާއި ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރު ވެއްޖެ


ޔުއޭފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ފުރަތަމަ ލެގްގައި އެޓްލެޓިކޯ މެޑްރިޑާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. އެޓްލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރު ވެގެންނެވެ.

މިމެޗްގައި އެޓްލެޓިކޯ ފެނިގެންދިޔައީ ބޯޅަ އާއި ނުލާ މެޗް ކޮންޓްރޯލް ކުރަމުންދިޔަ މަންޒަރެވެ. އަދި މެޗްގެ 7 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑުވެސް ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖާއޮ ފީލިކްސްއެވެ. މިމެޗްގައި ޔުނައިޓެޑުން އެއްވަރު ކުރި ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ އެންތަނީ އެލާންގާއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. ނަމަވެސް އިތުރު ހަމަލާއެއް ލަނޑަކަށް ބަދަލުކުރެވޭ ގޮތެއް ނުވިއެވެ.

މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގްގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 15 މާރޗް ވަނަ ދުވަހުއެވެ.