ކުޅިވަރު

ލިވަޕޫލުން ލީޑްސް ބަލިކޮށް ސިޓީ އާއި ތިން ޕޮއިންޓް ގާތަށް


އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީ އާއި ތިން ޕޮއިންޓަށް ކައިރި ކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 6 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މެޗުގެ 15 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހެވެ. އަދި މެޗްގެ 30 ވަނަ މިނެޓްގައި ލިވަޕޫލަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޮއެލް މަޓިޕެވެ. އަދި ތިންވަނަ ލަނޑު އޭގެ ފަސް މިނެޓްފަހުން ލިބުނު ޕެނަލްޓީއަކުން އަނެއްކާވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ސަލާހެވެ. މިމެޗްގައި ލިވަޕޫލްގެ ފަހު ތިން ލަނޑު ޖަހާފައިވަނީ މެޗްގެ ފަހު 10 މިނެޓްގެ ތެރޭގައެވެ. މިގޮތުން ހަތަރު ވަނަ ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ސާޑިއޯ މާނޭ ޖަހައިދިން އިރު ފަސްވަނަ ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ޖަހައިދިނީވެސް މާނޭއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ ވަރޖިލް ވެން ޑައިކެވެ.

މިކާމިޔާބީއާއެކު ލިވަޕޫލަށް މިވަނީ 26 މެޗުން 60 ޕޮއިންޓް ލިބިފައެވެ. ސިޓީއަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. މިއާއެކު ލީގުގެ ވާދަވެރިކަން މިހާރު ވަރަސް ބޮޑުވެފައިވާކަމަށް ގިނަ ފަރާތްތަކުން ގަބޫލް ކުރެއެވެ. އަދި ލީގުގައި މިދެޓީމް އަދި ބައްދަލުކުރަން އޮތުމުން ކޮންމެ ކޮޅަކަށްވެސް މި މި މުބާރާތް ދިއުމުގެ ފުރުސަތު އެބައޮތެވެ.