ޚަބަރު

ދުނިޔޭގެ ޗީޒް ޗެމްޕިއަންޝިޕް ބޭއްވުމުގެ ތައްޔާރީތައް ފޯރިއާއެކު


ޑެއިރީ ޕްރޮޑަކްޓްސް ނުވަތަ ކިރު ބޭނުންކޮށްގެން އެކި ބާވާތްތައް އުފައްދާ ކުންފުނިތަކުގެ މެދުގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕް ޗީޒް ކޮންޓެސްޓްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

މާޗުމަހުގެ 1 އިން 3 އަށް އެމެރިކާގެ ވިސްކޮންސިން ސްޓޭޓުގެ މެޑިސަން ސިޓީގައި ބާއްވަން ހަމަޖެހިފައިވާ 2022 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް ޗީޒް ކޮންޓެސްޓަކީ ސިލްސިލާކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ.

1957 ވަނަ އަހަރުން ފެށިގެން ވިންކޮންސިން ޗީޒްމޭކާރސް އެސޯސިއޭޝަނުގެ ފަރާތުން ބާއްވަމުން އަންނަ މި މުބާރާތަކީ، ކެއިންބުއިމަށް ބޭނުންކުރާ މިންގަނޑަށް ފައްތައިގެން ބަޓަރު، ޔޯގަޓު، ޗީޒް އަދި ހިކި ކިރުގެ ބާވަތްތައް ހިމަނައިގެން ދުނިޔޭގައި ބާއްވަމުންއަންނަ އެންމެ ބޮޑު މުބާރާތެވެ.

މިއަހަރުގެ މުބާރާތުގައި ދުނިޔޭގެ 28 ޤައުމަކާއި އެމެރިކާގެ 31 ސްޓޭޓަކުން، ޖުމްލަ 2919 އުފެއްދުން ބައިވެރިކޮށްފައިވާކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން ހާމަކުރެއެވެ. މި އުފެއްދުންތައް އިންސާފުކޮށް، މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި 16 ޤައުމަކުން 53 ފަނޑިޔާރުން ބައިވެރިކުރުމަށް ނިންމާފައިވެއެވެ. ފަނޑިޔާރުންގެ ގޮތުގައި ހިމަނާފައިވަނީ ޑެއިރީ ސައިންސް ޕްރޮފެސަރުންނާއި، ޗީޒް ގެރޭޑުކުރާ ފަރާތްތަކުގެ އިތުރުން، ޗީޒްގެ ވިޔަފާރިކުރާ މީހުންނާއި، ދާއިރާގެ ތަޖުރިބާކާރު ދިރާސާކުރުންތެރިންނެވެ.

ވޯލްޑް ޗީޒް ޗެމްޕިއަންޝިޕްގެ އެންމެ މަތިން މާކްސް ހޯދާ 3 އުފެއްދުމަކަށް ރަން، ރިހި އަދި ބްރޯންޒް މެޑަލް ދޭނެއެވެ.

ޗީޒް ޗެމްޕިއަންޝިޕްގައި މިފަހަރު ބައިވެރިކުރާ އުފެއްދުންތައް 141 ކްލާސް ނުވަތަ ކެޓެގަރީއަށް ބެހެއެވެ. މީގެއިތުރުން ކްރީމް ޗީޒްގެ އިތުރު ދެ ވައްތަރަކާއި، މިލްކް ޗީޒްގެ އެހެން ދެ ވައްތަރެއް ހިމެނޭހެން މިފަހަރު މުޅިން އައު ކެޓެގަރީތައް އިތުރުކޮށްފައިވާކަމަށްވެސް ޗީޒްމޭކާރސް އެސޯސިއޭޝަނުން ބުނެއެވެ.

މުބާރާތް ބާއްވާ ސިޓީގެ 15 ކުންފުންޏަކުން ޗީޒް ޗެމްޕިއަންކަން ހޯދުމަށް ވާދަކުރަމުންދާތީ، އެ ސަރަޙައްދުގައި މުބާރާތުގެ ފޯރި ވަނީ އިތުރަށް ގަދަވެފައެވެ. މި މުބާރާތާއި ބެހޭގޮތުން ވިސްކޮންސިން ޗީޒް އެސޯސިއޭޝަނުގެ އިވެންޓްސް މެނޭޖަރ ކްރިސްޓެން ސްޓްރޮމެންގާ ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ މުބާރާތެއްގައި ބައިވެރިވުމުން ދުނިޔޭގެ ޑެއިރީ އިންޑަސްޓްރީގެ މަޤުބޫލުކަން ލިބުމުގެ އިތުރުން، މިއީ ކުންފުނިތަކުގެ ވިޔަފާރި ފުޅާކުރުމަށްވެސް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށެވެ.

މިއަހަރުގެ މުބާރާތަށް ބެލުންތެރިން ވެއްދުމުގެ ބަދަލުގައި އިންތިޒާމުކުރާ ބޯޑުން ނިންމާފައިވަނީ އެ އެސޯސިއޭޝަނުގެ ޕޭޖުތަކުން މުބާރާތް ލައިވް ކުރުމަށެވެ. ވޯލްޑް ޗެމްޕިއަންޝިޕް ޗީޒް ކޮންޓެސްޓުގައި މިހާތަނަށް އެންމެ ގިނަ އުފެއްދުން ބައިވެރިކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތުގައި 3667 އުފެއްދުން ބައިވެރިކޮށްފައިވެއެވެ.