ޚަބަރު

ވިޔަފާރިތަކުގެ ދަރަނި 303 ޓްރިލިއަން ޑޮލަރަށްއަރާ: އައިއައިއެފް


ދުނިޔޭގައި ކުރިއަރަމުން އަންނަ ތަފާތު ވިޔަފާރިތަކުން ދަރަންޏަށް ފައިސާ ނަގާ މިންވަރު އިތުރުުވެ، ވިޔަފާރިތަކުގެ ދަރަނި ރިކޯޑު ޢަދަދަކަށް އިތުރުވެފައިވާކަމަށް އިިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް ފައިނޭންސް (އައިއައިއެފް) އިން ހާމަކޮށްފިއެވެ.

ދުނިޔޭގެ ވިޔަފާރި ދިރާސާކުރާ އައިއައިއެފް ގްރޫޕުން ބުދަދުވަހު ނެރުނު ރިޕޯޓުތައް ދައްކާގޮތުން، އެކި އިޤްތިޞާދުތަކަށް ނިޞްބަތްވާ ވިޔަފާރިތަކުގެ 2021 ވަނަ އަހަރުގެ ދަރަނި ވަނީ 303 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. އައިއައިއެފްއިން ކޮންމެ އަހަރަކު ތައްޔާރުކުރާ ގްލޯބަލް ޑެޓް މޮނިޓަރ ރިޕޯޓުގައި މިފަހަރު ފާހަގަކޮށްފައިވާގޮތުން 2021 ވަނަ އަހަރު ވިޔަފާރިތަކުގެ ދަރަނި އިތުރުވެފައިވާ މިންވަރުގެ 80 އިންސައްތަ ޙިއްސާކުރަނީ ކުރިއަރަމުން އަންނަ ވިޔަފާރިތަކެެވެ.

މި ރިޕޯޓުން ހާމަވާގޮތުން މިދިޔަ އަހަރު ދަރަނީގެގޮތުގައި އަލަށް އިތުރުވެފައިވަނީ 10 ޓްރިލިއަން ޑޮލަރެވެ. މިއާ ޚިލާފަށް 2020 ވަނަ އަހަރު ކޯވިޑް-19ގެ ޙާލަތުގައި އިޤްތިޞާދުތައް ކޮޅަށްޖެހުމަށް ޤައުމުތަކުން ގިނަ ޚަރަދުތަކެއް ކުރަންޖެހުމުގެ ސަބަބުން އެއަހަރު 33 ޓްރިލިއަން ޑޮލަރުގެ ދަރަނި، އިތުރުވެފައިވެއެވެ. އެހެންކަމުން ދަރަނީގެ ޖުމްލަ ޢަދަދު ރެކޯޑު މިންވަރަކަށް އުފުލިފައި ވީނަމަވެސް، މިދިޔަ އަހަރު ދަރަނި އިތުރުވީ މިންވަރު މަދު ކަމަށް، އައިއައިއެފްގެ ރިޕޯޓު އެކުލަވާލި ޓީމުން ހާމަކުރެއެވެ.

މި ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާގޮތުން ތަރައްޤީވެފައިވާ ޤައުމުތަކުގެ އިޤްތިޞާދު އަލުން ކުރިއަރައި، އެ އިޤްތިޞާދުތަކަށް ރަނގަޅު ބަދަލުތަކެއް އަންނަންފެށުމުގެ ސަބަބުން، ދަރަންޏާއި ޖީޑީޕީގެ ރޭޝިއޯ 2021 ވަނަ އަހަރަށް ދައްކާ މިިންވަރު ވަނީ ރަނގަޅުވެފައެވެ. އެގޮތުން 2020 ވަނަ އަަހަރު 360 އިންސައްތައިގައި ހުރި ދަރަންޏާއި ޖީޑީޕީގެ ރޭޝިއޯ 2021 ވަނަ އަަހަރު ހުރީ 351 އިންސައްތައަށް ތިރިވެފައެވެ.

އައިއައިއެފްއިން ފާހަގަކޮށްފައިވާ ގޮތުން 2021 ވަނަ އަހަރު ދަރަނި އިތުރުވީ މިންވަރު ނިޞްބަތުން މަދުވެފައިވަނީ ޤައުމުތަކުގެ ބަޖެޓު ޑެފިސިޓްވުން ކުޑަވެފައިފާތީއެވެ. ނަމަވެސް ޗައިނާ، ރަޝިއާ އަދި ސަޢުދީ ފަދަ ޤައުމުތަކުގެ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން، ބަޖެޓުން ބޭރުން ނަގާ ދަރަނި އިތުރުވެފައިވާކަން އައިއައިއެފް އިން ފާހަގަކުރެއެވެ.

ކުރިއަރަމުންއަންނަ ވިޔަފާރިތަކުން ނަގާފައިވާ ލޯނުތަކުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ އެ ޤައުމުތަކުގެ އަމިއްލަ ފައިސާއިން ކޮށްފައިވާ މުޢާމަލާތްތައް ކަމަށް ރިޕޯޓުން ދައްކައެވެ. މި ވިޔަފާރިތަކަށް ފައިސާގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ކުރާލެއް ބޮޑުވާނެކަމަށާއި، ޚާއްޞަކޮށް އެމެރިކާއިން އިންޓްރެސްޓް ރޭޓުތައް މަތިކުރަމުންދާއިރު ޑޮލަރު ނޫން ނޫޓުތަކުން ދަރަނި ނަގާފައިވާ ވިޔަފާރިތަކަށް ދަތިވާނެކަމަށް އައިއައިއެފްއިން ހާމަކުރެއެވެ.