މުނިފޫހިފިލުވުން

އާލިއާ ހޮލީވުޑްގެ ފިލްމެއްގެ އިންތިޒާރުގައި


އާލިއާ ބަޓްގެ މިހާތަނަށް އަދި ނުފެންނަ ވަރުގަދަ ރޯލަކާއި އެކީގައި ނިކުންނަ "ގަންގޫބާއީ ކާތިއާވާޅީ" ގެ ވާހަކައަކީ މިހާރު އެންމެ ގަދަޔަށް ދައްކާ އެއް ވާހަކައެވެ.

72 ވަނަ ބާރލިން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްގައި ވޯރލްޑް ޕްރިމިއަރކޮށްފައިވާ މި ފިލްމުގައި ތިއޭޓަރަތަކަށް އަންނަނީ މާދަމާއެވެ.

އިންޑަސްޓްރީގައި 10 އަހަރު ހޭދަކޮށްފައިވާ އާލިއާ އަކީ ބޮޑު ފޭން ބޭސްއެއް އޮންނަ ތަރިއެކެވެ. "ހައިވޭ"، "އުދްތާ ޕަންޖާބް" އަދި "ރާޒީ" ފަދަ ކާމިޔާބު ފިލްމުތަކެއް އާލިއާވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

މިފަހަރުގެ "ގަންގޫބާއީ ކާތިއާވާޅީ" އަކީވެސް އާލިއާގެ ހުނަރު ދައްކާލާނެ ފިލްމެކެވެ. އާލިއާ ހުރީ މާފިއާ ކުއީނެއްގެ ރޯލަށް ރަނގަޅަށް ފިޓްވެފައެވެ. މި ފިލްމުގެ އިތުރުން މިއަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ބްރަމްސްތްރާ" އަދި "އާރްއާރްއާރް" އޮތީވެސް އާލިއާ އަތުގައެވެ.

އެހެން ބައެއް ތަރިން ފަދައިން ބޮލީވުޑްގެ ކާމިޔާބަށްފަހު އާލިއާވެސް ހޮލީވުޑަށް ދާންއުޅޭ ކަމުގެ އަޑުތައް މިހާރު ވަނީ އަރާފައެވެ. މިދިޔަ އަހަރު އާލިއާ ވަނީ އިންޓަނޭޝަނަލް ޓެލެންޓް އޭޖެންސީއެއްކަމަށްވާ ވިލިއަމް މޮރިސް އެންޑޯވަ އޭޖެންސީއަށް ސޮއިކޮށްފައެވެ.

އާލިއާވެސް މިހާރު ހުރީ ހޮލީވުޑްގެ ޕްރޮޖެކްޓެއް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

އާލިއާގެ ފުރަތަމަ ފިލްމަކީ 2012 ވަނަ އަހަރު ދެއްކި ކަރަން ޖޯހަރުގެ ޓީން ޑްރާމާ "ސްޓޫޑަން އޮފް ދަ ޔިއަރ" އެވެ. އޭނާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި "ޑާލިންގްސް" އަދި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ހިމެނެއެވެ.