ކުޅިވަރު

އޭޝިއަން ގޭމްސްގެ ޗެފް ޑިމިޝަނަރަކަށް ހުސެއިން ހަމަޖައްސައިފި


އޭޝިއަން ގޭމްސްގެ ޗެފް ޑިމިޝަނަރަކަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން މުޙައްމަދު ހަމަޖައްސައިފިއެވެ. މިއަހަރު ޗައިނާގައި އޮންނަ އޭޝިއަން ގޭމްސްގެ ޗެފް ޑި މިޝަނަރަކަށް ހުސެއިން މުޙައްމަދު ހަމަޖައްސާފައިވާއިރު، މިގޭމްސް ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 10 އިން 25އަށް ޗައިނާގެ ހާންޒޫގައެވެ.

އޭޝިއަން ގޭމްސްއަކީ މިއަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއިން ވަރަށް ބޮޑު އިސްކަމެއްދީގެން، ތައްޔާރުވަމުންދާ ގޭމްސްއެކެވެ. މިއާއެކު ހުސެއިންގެ އެންމެ ބޮޑު ޒިންމާއަކަށްވާނީ ރާއްޖެއިން މިގޭމްސްއަށްދާ އެތުލީޓުންގެ ކަންކަން ހަމަޖެއްސުމެވެ. އޭޝިއަން ގޭމްސްއަށް ރާއްޖެއިން އެކިކުޅިވަރުތަކުން 100އަށް ވުރެއް ގިނަ އެތުލީޓުން ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ. ޗެފް ޑިމިޝަނަރުގެ ހައިސިއްޔަތުން ހުސެއިންގެ ޒިންމާތަކުގެ ތެރޭގައި ގޭމްސްއަށް ދާ އެތުލީޓުންގެ އެކޮމޮޑޭޝަނާއި ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުން ހިމެނެއެވެ. ހުސެއިން މުޙައްމަދު ވަނީ މީގެ ކުރިން 19 ވަނަ ކޮމަންވެލްތު ގޭމްސްގެ ޗެފް ޑި މިޝަނަރުގެ ޒިންމާވެސް އަދާކުރައްވާފައެވެ. އެގޭމްސް ކުރިއަށް ގޮސްފައިވަނީ އިންޑިޔާގެ ނިއުދިއްލީގައެވެ.

ހުސައިން އަކީ ދުނިޔޭގެ އެންޓި ޑޯޕިން ޖަމިއްޔާއިން ދެކުނު އޭޝިއާއަށް ކަނޑައަޅާފައިވާ ސަރަހައްދީ މެނޭޖަރެވެ. ހުސައިން އަކީ އެމްއޯސީގެ އެޑިއުކޭޝަން އެންޑް ކަލްޗާ ކޮމިޓީގެ މެމްބަރެކެވެ. ހުސެއިން ވަނީ ސްރީލަންކާގައި ނިމުނު ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ މުބާރާތުގެ އިސް ޑެލިގޭޓްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.