ޚަބަރު

ދިވެހިންނާ ކައިވެނިކޮށްގެން ބިދޭސީން ބޮޑެތި ކުށްކުރާ މައްސަލަތަކެއް!


ރާއްޖޭގައި ތިބެގެން ކުށްކުރުމުގެ ބޭނުމުގައި ބިދޭސީން ދިވެހިންނާ ކައިވެނިކޮށް، ބޮޑެތި ކުށްތައް ކުރަމުން އަންނަކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. އިމިގްރޭޝަނުން މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަސްމީ ލިޔެކިއުމެއް ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލައާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ވަނީ ޚަރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ޙާޒިރުކޮށްފައެވެ.

މި ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، މެރިޖް ވިސާ ދޫކޮށްފައިވާ ބިދޭސީން ރާއްޖޭގައި ކުށްކުރާ. މައްސަލަ އިތުރުވަމުން އަންނަކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި ކުށްތަކަށް އަރައިގަތުންވެސް ހިމެނޭކަން ފާހަގަކުރައްވާ ޝިފާން ވިދާޅުވީ، އޭގެތެރޭގައި ރާއްޖެއިން ބްލެކް ލިސްޓްކޮށްފައި ތިބޭ ބިދޭސީންވެސް ހިމެނޭކަމަށެވެ. ޝިފާން ވިދާޅުވީ އެފަދަ ބިދޭސީން ދިވެހިންނާއި ކައިވެނިކުރަނީ އެމީހުން ބޭނުންވާ ވަކި މަޤްޞަދުތަކެއް ޙާސިލުކުރުމަށްކަމަށާއި، އެފަދަ ހާލަތްތަކުގައި ބިދޭސީން ގިނައިން ކައިވެނިކުރަނީވެސް ޢުމުރުން ދުވަސްވީ ދިވެހިންނާއިކަމަށްވެސް ޝިފާން ވިދާޅުވިއެވެ. އެ ބިދޭސީން މެރީޖު ވިސާގައި ރާއްޖޭގައި ތިބެގެން ހަށިވިއްކުންފަދަ ކުށްތަކަށް އަރައިގަންނަމުންދާކަން ފާހަގަކުރެވޭކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، އެފަދަ ކުށްތައް ކުރާ ބިދޭސީން ރާއްޖެއިން ފޮނުވާލުމުގައިވެސް ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ. އެގޮތުން އެ ބިދޭސީންގެ ވިސާ ކެންސަލްކުރަން ބަލާއިރު، އެކައިވެނީގައި، ކުދިން ލިބިފައިތިބޭކަމަށެވެ. އެހެންކަމުން، ބައްޕައެއް ނުވަތަ މަންމައެއް ފޮނުވައިލަން މަސައްކަތްކުރުމުން އެހެނިހެން އިތުރު މައްސަލަތަކާވެސް ކުރިމަތިލާންޖެހޭކަމަށެވެ.

"މިސާލަކަށް އެފަދަ ބިދޭސީއެއް ފޮނުވާލާއިރު ދިވެއްސަކާއި ބިދޭސީ ފިރިހެނަކާ އިނދެގެން އަދި އޭނާއަށް ދަރިއެއް ލިބިފައި ހުރެއްޖެއްޔާ ޚަރަދު ނުކުރޭ. ދަރިން ތިއްބާ މީހަކު އިމިގްރޭޝަނުން ފޮނުވާލައިފިއްޔާ އެންމެ ފަހުން ޚަރަދު ނުލިބި ދައުލަތަށް ބަލަދު މިއަރަނީ" މުޙައްމަދު ޝިފާން ވިދާޅުވިއެވެ.

ޝިފާން ވަނީ، ރާއްޖޭގައި ކަޅުބާޒާރުގައި ބޮޑުއަގުގައި ޑޮލަރު ވިއްކައިގެން ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި 11 މީހަކު ފޮނުވާލާފައިވާކަމަށެވެ. އަދި މިދިޔަ އަހަރެއްހައި ދުވަހުގެ ތެރޭހައި ހަށިވިއްކަން އުޅުނު 46 ބިދޭސީއަކުވެސް ފޮނުވާފައިވާކަމަށްވެސް ވިދާޅުވެފައެވެ.