ޚަބަރު

ހިޔާ ސަރަޙައްދުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާތީ ސަމާލުވާން އަންގައިފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަޙައްދުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތްކުރިއަށްދާތީވެ، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަނުން އިލްތިމާސްކުރައްވައިފިއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ހިޔާ ސަރަޙައްދުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރަމުންދާތީ، 15 ދުވަހަށް އެ މަގުތައް ބަންދުކޮށްފައިވާކަމަށެވެ. އަދި އެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާއިރު ޚާއްސަކޮށް ދުވަސްވީ ބޭފުޅުންނާއި، ކުޑަކުދިން އަދި ނޭވާހިއްލާ ބޭފުޅުން މި ދުވަސްވަރު އެ މަގުތަކާ ކައިރި ނުވުމަށް ނަސޭޙަތްތެރިވެފައިވެއެވެ.

ތާރުއެޅުމުގެ މަސައްކަތުގައި ބޭނުންކުރެވޭ ތަކެތީގެ ވަހުގެ އަސަރު އެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކޮށްފާނެތީ، އެކަމަށް ރައްކާވެތިބުމަށްވެސް އެޗް.ޑީ.ސީން އެދިފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަޙައްދުގެ މަގުހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ދަނީ ކުރަމުންނެވެ. ހުރިހާ މަގުތަކެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ނިންމާ މަގުތައް އާންމުންނަށް ހުޅުވާލާނެ ކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށެވެ.

އެޗްޑީސީން ކުރިން ނިންމައިގެން ތިބީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް ނިންމުމަށެވެ. ނަމަވެސް އިންޑިއާ ކުންފުންޏާ ހަވާލާދީ އެޗްޑީސީން މީގެކުރިން ބުނީ މަގުތައް ނިންމުން ލަސްވީ ކޯވިޑް-19އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.