ދީން

ދިވެހިރާއްޖޭގެ އަޑުގެ މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ދިވެހިރާއްޖޭގެ އަޑުގެ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މަދަހަ މުބާރާތަކީ އިސްލާމީ ފިކުރުތަކަށާއި، ކީރިތި މާތް ނަބިއްޔާގެ މައްޗަށް ދިވެހިންގެ ހިތްތަކުގައި ލޯބި އުފައްދާ، މަދަޙަ ކިޔުމުގެ ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދީ، މަދަހަ ކިޔުމުގެ ފަންނުވެރިން އުފައްދާ، އައު މަދަހަ ތަޢާރަފުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މިއީ ދިވެހިރާއްޖޭގެ އަޑުން 1443 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ދިވެހިރާއްޖޭގެ އަޑުގެ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ މާރިޗުމަހުގެ 3 ވަނަ ދުވަހުގެ ހަވީރު 16:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މިމުބާރާތް ބަހާލެވިފައިވަނީ 4 އުމުރު ފުރާއަކަށެވެ.

މަދަޙަ މުބާރާތް ބަހާލެވިފައިވާ އުމުރު ފުރާތަކަކީ:

  • 10 އަހަރާއި 12 އަހަރާ ދެމެދުގެ އުމުރުފުރާ
  • 13 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާ
  • 16 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާ
  • 19 އަހަރުން މަތީގެ އުމުރުފުރާ


އަޑުގެ މަދަހަ މުބާރާތުން ވަނަވަނައަށްދާ ފަރާތްތަކަށް ފައިސާގެ އިނާމްވަނީ ހުށަހަޅާފައެވެ. އެގޮތުން މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 7000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާ އަދި ތިންވަނަ ފަރާތަށް 3000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ކޮންމެ އުމުރު ފުރާއަކުންވެސް އެއްވަނަ ދެވަނަ އަދި ތިންވަނައަށް ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ.

މި މުބާރާތުގައި ކިޔުންތެރިކަމުގެ ބަޔާއި، ޅެންވެރިކަމުގެ ބަޔަށް ވަނަ ހޮވޭނީ ވަކިންނެވެ. އެގޮތުން ކިޔުންތެރިކަމުގެ ބައިން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ހޮވޭނެ އެވެ. ޅެންވެރިކަމުގެ ބައިން ހޮވޭނީ 1 ވަނަ އެކަންޏެވެ. މިއިން ކޮންމެ ބަޔަކުންވެސް، 1 ވަނައަށް ހޮވޭނީ، %75 އިން މަތީ މިންވަރަކުން މާކްސް ލިބިގެންނެވެ. 2 ވަނައަށް ދާނީ %65 އިން މަތިން މާކްސް ލިބިގެންނެވެ. 3 ވަނައަށް ދާނީ %55 އިން މަތިން މާކްސް ލިބިގެންނެވެ. ވަނަތައް ހޮވާނީ ފަނޑިޔާރުންގެ މާކުސްގެ %75 ގެ އިތުރުން އެސް.އެމް.އެސް ވޯޓުގެ %25 ހިމަނައިގެންނެވެ.

ކުރިން ޝާއިޢު ކޮށްފައިވާ ޅެމެއްވެސް މި މުބާރާތުގައި ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، ޅެންވެރިކަމުގެ ބަޔަށް އިންސާފުކުރުމުގައި ހިމެނޭނީ ހަމަ އެކަނި މުޅިން އައު މަދަހަ އެވެ. މި މުބާރާތުގައި މަދަހަ ދުރަށްފޮނުވޭނީ ރެކޯޑުކުރުމަށްފަހުއެވެ. އަދި މަދަހަ ރެކޯޑުކުރުން އޮންނާނީ ފަނޑިޔާރުންގެ ހާޒިރުގައި، ދިވެހިރާއްޖޭގެ އަޑުން ކަނޑައަޅާ ތަނެއްގައެވެ. މަދަޙަ ރެކޯޑުކުރުމުގެ ތަރުތީބު ކަނޑައަޅާނީ ބައިވެރިންގެ މެދުގައި ގުރުއަތުލައިގެންނެވެ.

މި މުބާރާތުގައި ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ އެއް މަދަހައެވެ. އަދި ބައިވެރިން ހުށަހަޅާ މަދަހަ ކިޔަންވާނީ މިއުޒިކާ ނުލައެވެ. ރަމަޟާންމަހުގެ ކުރިން މި މުބާރާތުގެ މަދަހަތައް ރެކޯޑުކުރަން ފަށާނެއެވެ.

މަދަހަ މުބާރާތުގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް ޕީ.އެސް.އެމްގެ ކައުންޓަރަށް ނުވަތަ [email protected] އަށް މެއިލްކުރެވޭނެއެވެ. އަދި މި މުބާރާތާބެހޭ ޤަވާއިދު ޕީ.އެސް.އެމްގެ ވެބްސައިޓް www.psm.mv އިން ލިބެން ހުންނާނެއެވެ.