ޚަބަރު

150 ޤައުމަކަށް ފޭސްބުކް ރީލްސް ތަޢާރަފްކުރަނީ


ފޭސްބުކްގައި ހުންނަ ވީޑިއޯ ތައްޔާރުކުރާ "ރީލްސް" ފީޗާ، ފޭސްބުކް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ދޭން ނިންމާފައިވާކަމަށް މާކް ޒަކަބާގް ހާމަކޮށްފިއެވެ.

ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ފޭސްބުކްގެ ސީ.އީ.އޯ މާކް ޒަކަބާގް މިފަހަރު ފޮލޯވަރުންނަށް ދީފައިވާ އުފާވެރި ޚަބަރަކީ ރީލްސް ފީޗާގެ އެކްސެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފޭސްބުކް ބޭނުންކުރާ އެންމެންނަށް ދޭން ނިންމި ޚަބަރެވެ. މާކް ބުނެފައިވަނީ ރީލްސްއަކީ ފޭސްބުކްގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ފީޗާ ކަމަށާއި އެހެންކަމުން މި މަސްދަރު ބޭނުންކޮށްގެން ދޭދޭ ގުޅުންތައް ވަރުގަދަކުރުމުގެ އިތުރުން އުފެއްދުންތެރިންނަށް އާމްދަނީއެއް ލިބޭނެ މަގު ހޯދައިދޭން ބޭނުންވާކަމަށެވެ.

ރީލްސްއަކީ މިއުޒިކާއި އަޑުގެ އިތުރުން ލިޔުންތަކާއި ވިޝުއަލް އިފެކްޓް ހިމަނައިގެން ކުރު ވީޑިއޯތައް ތައްޔާރުކުރެވޭ ފީޗާއެކެވެ. މެޓަ ކުންފުނިން އެންމެ ފުރަތަމަ ރީލްސް ތަޢާރަފުކޮށްފައިވަނީ 2020 ވަނަ އަހަރު އިންސްޓަގްރާމުގެ ފީޗާއެއްގެ ގޮތުގައެވެ. އޭރު 50 ޤައުމެއްގައި ބޭނުންކުރުމަށް ދޫކޮށްފައިވާ މި ފީޗާއަކީ ޢާއްމުންގެ މެދުގައި މަޝްހޫރުކަން ހޯދަމުން އައި ޓިކް-ޓޮކް އާއި ވާދަކުރުމަށް އުފެއްދި ފީޗާއެކެވެ. 2021 ވަނަ އަހަރު ފޭސްބުކަށްވެސް ރީލްސް އިތުރުކޮށްފައިވާއިރު މި ފީޗަރ ބޭނުންކުރެވެނީ ހަމައެކަނި އެމެރިކާ، އިންޑިއާ އަދި ޗައިނާފަދަ މަދު ޤައުމެއްގައެވެ.

ފޭސްބުކުން މިހާރު ނިންމާފައިވަނީ 150 ޤައުމަކަށް ރީލްސް ފީޗާ ދޫކުރުމަށެވެ. އަދި ބެލުންތެރިންގެ ތާޢިދު ބޮޑަށް ލިބޭ ރީލްސްތަކަށް ބޯނަސް އާއި ފައިސާގެ ގޮތުގައި މަހަކު ޖުމްލަ 35000 ޑޮލަރު ޚަރަދުކުރުމަށް ނިންމާފައިވެއެވެ.
ފޭސްބުކްގައި ކޮމެންޓެއްގައި މާކް ބުނެފައިވަނީ ރީލްއިން ހޯދާ އާމްދަނީ އިތުރުކޮށް، އޯޑިއަންސް ދެނެގަނެވޭނެ މޮނެޓައިސޭޝަންސް ޓޫލްސް ތައްޔާރުކޮށް، ޓެސްޓު ކުރަމުންދާކަމަށެވެ. އޭގެތެރޭގައި ބެނާއާއި ސްޓިކާ އިޝްތިހާރުގެ އިތުރުން ބެލުންތެރިން ތަރި ދީގެން ރީލްސް ރޭޓް ކުރެވޭނެގޮތް ހިމެނެއެވެ. އަދި ރީލްސްތަކަށް ފުލްސްކްރީން އިޝްތިހާރު ލެވޭގޮތަށް ވަރަށް އަވަހަށް ހަދާނެކަމަށް އޭނާ ބުނެފައިވެއެވެ.

ރީލްސް ތައްޔާރުކުރުމުގައި ކުރިން ނަގާފައިވާ ފޮޓޯތަކާއި ކުރީގެ ވީޑިއޯތައްވެސް ބޭނުންކުރެވޭނެއެވެ. ވީޑިއޯ އުފައްދާ ފަރާތްތަކަށް ފަސޭހައިން އޯޑިއަންސެއް ހޯދައިދިނުމަށްޓަކައި ފޭސްބުކް ވޮޗް ލިސްޓުގައާއި ފީޑުގައި ރީލްސް ހިމެނުމަށް ނިންމާފައިވެއެވެ. އަދި އިންސްޓަގްރާމުގެ ރީލްސްވެސް ފޭސްބުކުގައި ޝެއަރ ކުރެވުމުގެ އިތުރުން ޕަބްލިކް ރީލްސް ޝެއަރކުރުމުގެ ފުރުޞަތު އެންމެންނަށް އޮންނާނެކަަމަށާއި، ފޭސްބުކް ސްޓޯރީއަށްވެސް މި ވީޑިއޯތައް ލެވޭނެކަމަށް މާކް ވަނީ ހާމަކޮށްފައެވެ.

30 ސިކުންތުގެ ދިގުމިނަށް ވީޑިއޯ ތައްޔާރުކުރެވޭ ރީލްސް ފީޗާގެ ސަބަބުން ފޭސްބުކްގެ އާމްދަނީ އިތުރުވާނެކަމަށް ލަފާކުރެވެއެވެ. ފޭސްބުކް ހިންގާ މެޓަ ކުންފުނިން މިއަހަރަށް ލަފާކޮށްފައިވާ އާމްދަނީ ދަށްވާނެކަމަށް ހާމަވުމުން މިހިނގާ ފެބްރުއަރީމަހު ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 20 އިންސައްތަ ދަށަށްގޮސްފައެވެ. އަދި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ގަދަ ދިހައެއްގެ ލިސްޓުންވެސް މެޓަ ކުންފުނި ވަނީ ކަޓާފައެވެ.