ކުޅިވަރު

ޓީރެކްސް ބަލިކޮށް ކިންގްސްއިން ރެކޯޑް ދަމަހައްޓައިފި


ގައުމީ ބާސްކެޓްބޯޅަ ލީގުގައި މެޗަކުން ބަލިނުވެ، މޮޅުވަމުން އައި ދެ ޓީމްކަމުގައިވާ ކިންގްސް އާއި ޓީރެކްސްގެ ކުރިމަތިލުން ޓީރެކްސްއިން ކާމިޔާބުކޮށްފިއެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިމަ މިމެޗް ޓީރެކްސްއިން ކާމިޔާބުކޮށްފައިވަނީ 3 ޕޮއިންޓްގެ ތަފާތުންނެވެ. އެއީ 82 ޕޮއިންޓް 79 ޕޮއިންޓުންނެވެ.

15 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި މިހާތަނަށް ކުޅުނު އެންމެ ވާދަވެރި މެޗްގެ ފުރަތަމަ ކުއަޓަރ ފެށިގެން މޮޅަށް ކުޅެފައިވަނީ އެންމެ ފަހުގެ ޗެންޕިއަން ކިންގްސްއިންނެވެ. ނަމަވެސް ޓީރެކްސްއިން ވެސް ދޫނުދީ މޮޅަށް ކުޅެފައިވެއެވެ. ޓީރެކްސްއިން އެޓީމުގެ ކުޅުން ރަގަނޅުކޮށް މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ ސްކޯ ކުރަން ފެށިއެވެ. ފުރަތަމަ ކުއަޓަރގެ ބޮޑުބައިގައި ކިންގްސްއިން ލީޑުގައި އޮތް ނަމަވެސް، ޓީރެކްސްއިން މަޑުމަޑުން ކުޅުމުގެ ތެރަށްވަދެ، ކުއަޓަރ ނިމުމުއިރު ނަތީޖާ ވަނީ އެއްވަރުވެފައެވެ. އެއީ 21 ޕޮއިންޓް 21 ޕޮއިންޓުންނެވެ. މެޗްގެ ދެވަނަ ކުއަޓަރގައި ޓީރެކްސް ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުގެ ހުސައިން ހަލީމް (ޗިކަނޭ) އާއި ބިދޭސީ ކުޅުންތެރިޔާ ފިލިޕް ވުކޮސަވްލެވިޗްގެ ފަރާތުން މެޗްގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ޚާއްސަކޮށް އެދެ ކުޅުންތެރިން އެހީއާއެކު ޓީރެކްސްއިން ދެވަނަ ކުއަޓަރގެ މެދަކާއި ހަމައިން ލީޑް ނެގިއެވެ. މިކުއަޓަރގައި ކިންސްއަށް ލިބުނު ފުރުސަތުގެ ބޭނުން އެޓީމަށް ނުހިފުނުއިރު، ދެވަނަ ކުއަޓަރ ޓީރެކްސް ކާމިޔާބުކުރީ 39 ޕޮއިންޓް 32 ޕޮއިންޓުންނެވެ.

މެޗްގެ ތިންވަނަ ކުއަޓަރގައިވެސް ދެ ޓީމްފެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ފާއިތުވެގެންދިޔަ ސީޒަންގައި ޓީ ރެކްސް އާއި ކިންގްސް ވާދަކުރާ ކޮންމެ މެޗަކީވެސް ވަރަށް ވާދަވެރި އަދި ވަރަށް ފޯރިގަދަ މެޗްތަކެކެވެ. މިކުއަޓަރގައއި ކިންގްސް ބިދޭސީ ދެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި ކިންގްސްގެ އިބްރާހީމް އަންފާލްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ކިންގްސްއިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔައިރު، ޓީރެކްސްގެ ހަލީމާއި އަހުމަދު ޒަބީރު (ޒަބީ)، ވިލްދާން އަދި ފިލިޕްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި މިކުޅުންތެރިން މުހިންމު ޕޮއިންޓްތަކެއް ވެސް ހޯދިއެވެ. ތިންވަނަ ކުއަޓަރގެ ފަހުކޮޅުގައި ކިންސްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މޮޅު ކުޅުމާއެކު މެޗްގެ ނަތީޖާ އަނބުރާލިއެވެ. ޚާއްސަކޮށް ކިންގްސްގެ ބިދޭސީ ކުޅުންތެރިޔާ ޖޭމްސްގެ މޮޅު ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ. ތިންވަނަ ކުއަޓަރ ކިންގްސްއިން ކާމިޔާބުކުރީ 59 ޕޮއިންޓް 55 ޕޮއިންޓުންނެވެ.

މެޗްގެ ފަހު ކުއަޓަރ އަދި ހަތަރުވަނަ ކުއަޓަރގައި ކިންގްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މިކުޓަރގައި ޓީރެކްސްއަށް އެންމެ ބޮޑު މައްސަލައަކަށް ދިމާވީ، ސްކޯ ކުރަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުންނެވެ. ފަހު ކުއަޓަރގައި ލީޑްގައި އޮވެގެން ކުޅެމުން ގޮސްފައިވަނީވެސް ކިންގްސްއިންނެވެ. ނަތީޖާ ހަމަހަމަކުރުމަށް ޓީރެކްސްއިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މުހިންމު ވަގުތުތަކުގައި ކިންސްގެ އިން ސްކޯކޮށް، ލިޑް ދެމެހެއްޓިއެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ޓީރެކްސްއިން މަސައްކަތް ކުރަމުންދަނިކޮށް، ޓީރެކްސްގެ އެންމެ މުހިންމުއެއް ކުޅުންތެރިޔާ އަދި ކެޕްޓަން ހުސެއިން ހަލީމް (ޗިކަނޭ)އަށް އަނިޔާވެގެން ބާލަން ޖެހުމުން ޓީރެކްސްއަށް ގިނަ އުދަގޫތަކެއް ކުރިމަތިވިއެވެ. ގިނަ ވަގުތަށް މެޗް ހުއްޓާލާ، ހަލީމްއަށް އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލްއަށް ގެންދިޔައެވެ. މިއާއެކު ޓީރެކްސްގެ ކުޅުމަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރިއެވެ. މެޗްގެ ފަހު ކުއަޓަރ ކިންގްސްއިން ކާމިޔާބުކުރީ 82 ޕޮއިންޓް 79 ޕޮއިންޓުންނެވެ.

މި މެޗުގައި ޓީރެކްސް އިން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން ހަލީމާއި ފިލިޕްއެވެ. ހަލީމް 17 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގައިދިނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނު ފިލިޕް ވަނީ 26 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގާފައެވެ. ޒަބީ ވަނީ 11 ރީބައުންޑްނަގައި 11 ޑިފެންސް ކޮށްފައެވެ. ކިންގްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އަންފާލް 18 ޕޮއިންޓް ހޯދައިދިނެވެ. ޑެކޯރޭ 15 ޕޮއިންޓް ހޯދައިދިންއިރު، ކުކް 18 ޕޮއިންޓް އަދި އަމްޒަރު 12 ޕޮއިންޓް ހޯދައިދިނެވެ.

ހަ ޓީމް ވާދަކުރާ ގައުމީ ލީގުގެ ފުރަތަމަ ޑިވިޝަންގެ އެންމެ ކުރީގައި މިވަގުތު އޮތީ ކިންގްސްއެވެ. އެއީ މިހާތަނަށް އެޓީމް ކުޅުނު 4 މެޗު ލިބުނު 8 ޕޮއިންޓާ އެކުގައެވެ. 2 ވަނައިގައި އޮތީ ކިންގްސް އަތުން ބަލިވި ޓީރެކްސްއެވެ. ޓީރެކްސް އަދި މިހާތަނަށް ބަލިވީ ކިންގްސް އަތުން އެކަންޏެވެ. 3 ވަނައިގައި އޮތީ 4 މެޗުން 2 މޮޅު ހޯދާފައިވާ ރެޑްވިންގްސް ބާސްކެޓްބޯޅަ ކްލަބެވެ.