ދުނިޔެ

އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ކޮރެއާ މަތިން އުދުހިއްޖެ


ހުސްވި ހަފްތާގައި އުތުރު ކޮރެއާއިން ކުރި ނިއުކްލިޔަރ ޓެސްޓްގެ ސަބަބުން އެޤައުމަށް އިންޒާރު ދިނުމުގެ ގޮތުން ނިއުކްލިޔަރ ބޮން އެޅުމުގެ ޤާބިލްކަން ލިބިފައިވާ އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓެއް ދެކުނު ކޮރެއާގެ މަތިން އުދުހިއްޖެއެވެ.ގުއާމްގައި ހުންނަ އެމެރިކާގެ ވައިގެ އަސްކަރީ މަރުކަޒުން ނައްޓާލި މި ހަނގުރާމަމަތީ މަތިންދާ ބޯޓު ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މަތިން ކުރި މި ދަތުރުގައި އެމެރިކާއާ ދެކުނު ކޮރެއާގެ އަސްކަރީ ދެ މަތިންދާބޯޓު ވެސް ވަނީ ބައިވެރިވެފައެވެ.މިދަތުރާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން އެމެރިކާ އަސްކަރިއްޔާގެ އޮފިސަރު ލެފްޓިނަންޓް ޖެނެރަލް ޓެރަންސް އޯ ޝޯނެސީ ވިދާޅުވީ ދެކުނު ކޮރެއާގެ މަތިން އެމެރިކާގެ ވަރުގަދަ މަތިންދާބޯޓު ދަތުރުކޮށްފައިވަނީ ދެކުނު ކޮރެއާގެ ސަލާމަތަށް އެމެރިކާއިން އަބަދުވެސް އިސްކަން ދޭކަން ސާބިތުކުރުމުގެ ގޮތުން ކަމަށާ މިވަގުތަކީ މިކަން ސާބިތުކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.ދެކުނު ކޮރެއާގެ ވައިގެ އަސްކަރީ ކޮމާންޑަރ ލީ ވޭންގް ގުއެން ވިދާޅުވީ އެމެރިކާއާ ދެކުނު ކޮރެއާ ދެމެދު އޮންނަ ގުޅުން ކުރިއަށް ވުރެ އެތަށް ގުނައެއް ވަރުގަދަވެފައިވާ ކަމަށާ ދެކުނު ކޮރެއާގެ ސަލާމަތަށް ނުރައްކާވާ ޙާލަތްތަކުގައި ދެޤައުމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.މިދިޔަ ބުދަ ދުވަހު އުތުރު ކޮރެއާއިން ހައިޑްރޮޖަން ނިއުކްލިޔަރ ޓެސްޓެއްކޮށްފައިވަނީ އެމެރިކާއިން އެޤައުމަށް ހުރި ނުރައްކާތަކުން ދިފާޢުވުމަށް ކަމަށް ބުނެއެވެ.