ޚަބަރު

ވެލެންސިޔާގެ މޮޅުވުމުގެ ސިލްސިލާއަށް ގްރީންއިން ނިމުން ގެނެސްފި


ކުލަބް ވެލެންސިޔާ މޮޅުވަމުން އައި ސިލްސިލާއަށް ކުލަބް ގްރީން ސްޓްރީޓްސްއިން ނިމުން ގެނެސްފިއެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުލަބް ގްރީން ސްޓްރީޓްސް އާއި ކުލަބް ވެލެންސިޔާ ވާދަކުރި މެޗް ގްރީން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗްގައި މާޒިޔާ އަތުން ވެލެންސިޔާ ބަލިވިނަމަވެސް، ސީޒަންގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕްގެ ޗެންޕިއަންކަން ކުލަބް ވެލެންސިޔާއިން ހޯދާފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އެޓީމްވަނީ ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ކުރި ހޯދާފައެވެ. އެހެންކަމުން މިއީ ޕްރެޒިޑެންޓްސް ކަޕަށްފަހު ކުލަބް ވެލެންސިޔާ ބަލިވި ފުރަތަމަ މެޗެވެ. މިމެޗަށް ނިކުތްއިރު އެޓީމްގެ އެންމެ ތަޖްރިބާކާރު ދެ ފޯވާޑުންކަމަށްވާ އަލީ އަޝްފާގް އާއި އަލީ ފާސިރު ހުރީ އަނިޔާގައެވެ. މިމެޗާއެކު ވެލެންސިޔާއިން ދަމަހައްޓަމުންއައި މޮޅުވުމުގެ ސިލްސިލާއަށްވަނީ ނިމުން އައިސްފައެވެ.

މެޗް ފަށައިގެން ދެ ޓީމުންވެސް ކުޅެފައިވަނީ ވަރަށް ވާދަވަރިކޮށެވެ. މެޗްގެ ފުރަތަމަ ހަމަލާ އުފެއްދީ ވެލެންސިޔާއިންނެވެ. މެޗްގެ 13ވަނަ މިނެޓްގައި އެޓީމްގެ ހުސެއިން ހަނާން ގޯލްއާއި ދިމާލަށް ފޮނުވާލި ބޯޅަ އަމާޒްވީ ގްރީންގެ ކީޕަރު ޕާކިސްތާންގެ ހަނީފް ސާގިން އަތަށެވެ. އަދި އޭގެ ކުޑައިރުކޮޅެއްފަހުން އަންސަރު އިބްރާހިމް ގޯލާއި ދިމާލަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ. މެޗްގައި ގޯލް ޖެހުމަށް ކުލަބް ވެލެންސިޔާއިންވަނީ ކުރިއަށް ޖެހިލައިގެން ހަމަލާތައް އުފައްދަން މަސައްކަތްކޮށްފައެވެ. ވެލެންސިޔާއިން ކުރިއަށް ޖެހިލައިގެން ކުޅުމުގެ ފައިދާނަގާ ގްރީންއިންވަނީ މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މިލަނޑު މެޗްގެ 20ވަނަ މިނެޓްގައި ގްރީންއަށް ކާމިޔާބުކޮށްދިނީ ހަސަން ނަޒީމް ގާސިމްއެވެ.

ގްރީންއިން ލަނޑު ޖެހުމާއެކު ވެލެންސިޔާއިން ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެމުންދިޔައެވެ. އަދި ނުރައްކާތެރި ގިނަ ހަމަލާތަކެއް ވެލެންސިޔާއިން ގްރީންގެ ގޯލާއި ދިމާލަށް ފޮނުވާލިއެވެ. ވެލެންސިޔާގެ އަބްދުﷲ ޔާމީން އާއި ބިދޭސީ ކުޅުންތެރިޔާ ޖޯ ގޯލް ޖަހަން ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. ގްރީން ސްޓްރީޓްސްއިން ލީޑް ފުޅާކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ ބެލްޖިއަމްގެ މިޑްފީލްޑަރު ޖޯޑީ ބާޓީއަށެވެ. ބާޓީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް ވެލެންސިޔާއިން ގޯލް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް ގްރީންގެ ޑިފެންޑަރުންނާއި އެޓީމްގެ ކީޕަރު ހަނީފް ސާގިބްވަނީ ވެލެންސިޔާގެ ހަމަލާތައް ހުއްޓުވާފައެވެ. މިހާފްގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ވެލެންސިޔާއިންނެވެ. ދެވަނަ ހާފްގައިވެސް ގްރީންއަށް ލީޑް ފުޅާކުރުމަށް މަދު ފުރުސަތުތަކެއް ލިބިވަނީ ބޭކާރުވެގެން ގޮސްފައެވެ. މެޗްގެ 70ވަނަ މިނެޓްގައި ހަސަން ނަޒީމްއަށް ފައުލްކުރިކަމަށް ބުނެ، ގްރީންގެ ކުޅުންތެރިންވަނީ ޕެނަލްޓީއަކަށްވެސް އެޕީލްކޮށްފައެވެ. ނަމަވެސް ރެފްރީ ޝިފާންވަނީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ. މިމެޗުން ވެލެންސިއާ ބަލިވުމާ އެކު މާޒިޔާއަށް ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ވަނީ ލިބިފައެވެ.