ކުޅިވަރު

ދަ ގްރާންޑޭ ބަލިކޮށް ޔޫވީން ލީގުގެ ފުރަތަމަ މޮޅު


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އިން ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދައި ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މިމެޗް ޔޫވީއިން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީން ވަނީ ވެލެންސިޔާއާއި ވާދަކުރި މެޗުން 2 ލަނޑު 1 ލަނޑުން ބަލިވެފައެވެ. އަދި ދަ ގްރާންޑޭއިން ލީގުގައި ކުޅުނު ފުރަތަމަ މެޗް ވަނީ ގްރީން ސްޓްރީޓްސްއާއި ވާދަކޮށް 1 ލަނޑު 1 ލަނޑުން އެއްވަރުވެފައެވެ.

މިމެޗް ފެށިގެން މެޗްގެ 2ވަނަ މިނެޓްގައި ޔުނައިޓެޑް ވިކްޓްރީއަށް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އަހުމަދު ބައްސާމް މުޙައްމަދު ނައީމް، ދަ ގްރާންޑޭގެ ކީޕަރު ހަސަން މުއާޒު އަތުން ދޫވި ބޯޅަ ގޯލާއި ދިމާލަށް ފޮނުވާލި ނަމަވެސް، އެބޯލަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. މިލަނޑަށްފަހު ވެސް ޔޫވީއަށް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އޭގެ ތެރޭގައި އެޓީމުގެ ފޯވާޑް އިވާން ވެރާސް ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލްގެ ދަނޑީގައި ޖެހިފައެވެ.

ޔޫވީއިން މެޗްގެ ކުރީކޮޅުގައި ރަގަނޅު ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް، މެޗް ކުރިއަށްދިޔަވަރަކަށް ދަ ގްރާންޑޭއިންވެސް ކުޅުން ރަގަނޅުކޮށް ގޯލް ޖެހުމަށް މަސައްކަތް ކުރިއެވެ. މެޗްގެ އެންމެ ފުރަތަމަ ގޯލް ޖަހާފައިވަނީ ދަ ގްރާންޑޭގެ ސްރީލަންކާ ކުޅުންތެރިޔާ މުހައްމަދު އާކިބެވެ. ނަމަވެސް އާކިބް ޖެހި ގޯލް ރެފްރީވަނީ އޮފްސައިޑްކަމަށް ނިންމާ، އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.

ދެ ޓީމުންވެސް ގޯލް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް މެޗްގެ ފުރަތަމަ ހާފްގައި ކާމިޔާބުވާގޮތެއް ނުވިއެވެ. ދެ ޓީމުންވެސް އުފައްދަމުންދިޔަ ހަމަލާތައް ވަނީ ދެ ޓީމުގެ ޑިފެންޑަރުން ސަލާމަތްކޮށްފައެވެ. މެޗްގެ ދެވަނަ ހާފް ފެށިގެން މިނެޓެއްވެސް ނުވަނީސް ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ) ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކަރިން ބޭރަށެވެ. މެޗްގައި ޖެހި ހަމައެކަނި ގޯލް މެޗްގެ 56ވަނަ މިނެޓްގައި ޔޫވީއަށް ކާމިޔާބުކޮށްދިނީ އަނަޓޯލީއެވެ. މިގޯލަށްފަހު އަނަޓޯލީއަށް އަނިޔާވެގެން އޭނާވަނީ ބަދަލްކޮށްފައެވެ.

ޔޫވީއިން ގޯލް ޖެހުމާއެކު ދަ ގްރާންޑޭއިން ކުރިއަށް ޖެހިލައިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ދަ ގްރާނޑޭއިން އުފެއްދި ހަމަލާތައްވަނީ ޔޫވީގެ ޑިފެންޑަރުން ވަރަށް ދިފާޢުކޮށްފައެވެ. ދެވަނަ ހާފްގައި ފަހުކޮޅުގައި ޔޫވީއަށް ލީޑް ފުޅާކުރުމަށްވެސް ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް ޔޫވީއަށް އިތުރު ގޯލެއް ޖެހޭގޮތެއް ނުވިއެވެ.