ޚަބަރު

ދޭއްގެ ދުވަސް، އެތައް ދެމަފިރިޔަކަށް އުފާވެރިކަން!


އަހަރުގެ ތެރޭގައި ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދިޔަޔަސް ކަލަންޑަރުގައި ބޮޅު އަޅަންޖެހޭފަދަ ތާރީޚުތައް ޚާއްސަވެއެވެ. އަދި އެކި ގޮތްގޮތުން ޢާދަދުތައް އެއްގޮތްވެ ދިމާވާ ރީތި ތާރީޚުތައް ވަކިން ޚާއްސަވެއެވެ. މިފަދަ ދުވަސްދުވަސް ޚާއްސަވަނީ އެ ތާރީޚުގައި ހިނގާފައި ހުންނަ ޚާއްސަ ކަންކަމުގެ ސަބަބުންނެވެ. ނުވަތަ އެ ތާރީޚެއް ލިޔެލާފައި އޮންނައިރު ނަންބަރުތައް ތަރުތީބުވެފައިވާ ގޮތުގެ ރީތިކަމުންނެވެ.

މިގޮތަށް ބަލާއިރު މިހިނގާ 2022ވަނަ އަހަރުގެ އެންމެ ރީތި އެއް ތާރީޚަކަށްވާނީ ހަމަގައިމުވެސް ދެހާސް ބާވީސްވަނަ އަހަރުގެ ދެވަނަ މަހުގެގެ ބާވީސްވަނަ ދުވަހެވެ. ގިނަ އަދަދެއްގެ ދޭކާއި ސުމެއް ފެންނަން އޮންނަ މިއަދުގެ ތާރީޚަކީ މިއަހަރު ތެރޭގައި އަޅުގަނޑުމެންނާ ބައްދަލުކުރާ އެންމެ ރީތި ތާރީޚެކެވެ.

މި ރީތި ތާރީޚު ޚާއްސަކޮށްލުމަށް ދުނިޔޭގެ ކަންކޮޅުތަކުގައި އެންމެންވެސް އަންނަނީ ތަފާތު ކަންކަން ކުރަމުންނެވެ. "ޓޫސް ޑޭ" ގެ ނަމުން ދުނިޔޭގެ ކަންކޮޅުތަކުގައި މިއަދުގެ ތާރީޚު ވަނީ ފާހަގަކޮށްފައެވެ. 2000ވަނަ އަހަރުގެ ފެބުރުއަރީ ބާވީހުގައި އުފަންވި ކުދިންނަށް މިއަދަކީ އަދި މާ އުފާވެރި ޚާއްސަ ދުވަހަކެވެ. އެމީހުންގެ 22ވަނަ އުފަންދުވަސް މިއަދު އެތިބަ ފާހަގަކުރަނީއެވެ. އެ ފަރާތްތަކަށް އުފަންދުވަހަކުގެ ތަހުނިޔާ ފަށްފަށް ކޮށްލަމެވެ. އަދި މިއަދު އުފަންވާ ކުދިންނަށްވެސް ރީތި ތާރީޚެއް ލިބުނީއެވެ. މިއަދު އުފަންވި ކުދިންނަށާ އުފަންވާނެ ކުދިންނަށް ދުރާލާ އުފަންދުވަހުގެ ތަހުނިޔާ ކިޔާލަމެވެ.

"ޓޫސް ޑޭ" ނުވަތަ ދޭއްގެ ދުވަސް ޚާއްސަކޮށްލުމަށް ދުވަސްތައް ގުނާލަ ގުނާލަ ތިބި ޖޯޑުތަކަށް އިންތިޒާރުގެ ނިމުން އައީއެވެ. 22.2.22 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފެމިލީ ކޯޓާއި އަތޮޅުތަކުގެ ކޯޓުތައްވެސް ވަރަށް ބިޒީ ވިއެވެ. ހެނދުނު ރަސްމީ ގަޑި ފެށުނުއިރު ފެމެލީ ކޯޓު ކައިރީގައި ސަފު ހަދަން ފަށައިފިއެވެ. މި ހިތްގައިމު ރީތި ދުވަހު ކައިވެނިކުރުމަށްޓަކައެވެ.

ދެ މީހެއްގެ ދެމެދުގައި ކައިވެނީގެ ގޮށް ޖަހާލުމަށް މިއަދުގެ ތާރީޚު އިޚުތިޔާރުކުރި މީހުންގެ އަދަދު ރާއްޖޭގައި ރެކޯޑުއަދަދަކަށް ވަނީ އިތުރުވެފައެވެ. މިއަދު ފެމެލީ ކޯޓުގައި 87 ކައިވެންޏެއް ކުރުމަށް ތާވަލުކުރިއެވެ. އެހެންނަމަވެސް ދިމާވި ބައެއް ސަބަބުތަކާހުރެ އެ އަދަދު ވަނީ 85އަށް ދަށްވެފައެވެ.

މިއީ ރާއްޖެއަށް ބަލާއިރު ފާހަގަކޮށްލަންޖެހޭ ޢަދަދެކެވެ. އެއްދުވަހެއްގައި މިހާ ގިނާ އަދަދެއްގެ ކައިވެނި ރާއްޖޭގައި ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ކޮންމެ ތިރީސް މިނިޓަކުން ކައިވެނީގެ މަޖިލީހެއް ބާއްވައި، ކައިވެނީގެ ގުޅުމުން އެތައް ބަޔަކު މިއަދު ގުޅޭނެއެވެ.

އެހެންނަމަވެސް މިއަދުގެ އެންމެ ނަސީބު ގަދަ ބަޔަކަށް ވާނީ މެންދުރު ދޭއްޖެހިއިރު ކައިވެނި ކުރެވުނު މީހުންނެވެ. ކައިވެނީގެ ތާރީޚަށް އިތުރު ދޭއް އިތުރުކޮށްލަން ފުރުސަތު ލިބުނީއެވެ.

ފެމެލީ ކޯޓުގައި ކައިވެނި ކުރުމާ ހަމައިން ނިމުނީއެއް ނޫނެވެ. ކައިވެނީގެ އުފާ ފާޅުކުރުމުގެ ހަފްލާތަކަށްވެސް އެންމެ ގިނަ ބަޔަކު އިޚްތިޔާރުކުރީ ހަމަ 22.2.22 ގެ ތާރީޚެވެ. މާލޭގައި ޕާޓީ ބާއްވާ ހުރިހާ މާލަމަކާ، ހޯލަކާ ޕާކުތައް ވަނީ ބުކްކޮށްފައެވެ. ޑިޒައިނަރުންނާ، ޕާޓީ އިންތިޒާމުކޮށް ހިންގާ ކުންފުނިތަކަށް މިއަދަކީ ބުރަ ދުވަހެކެވެ. 22.2.22 ގެ މެންދަމު ބާރަ ޖެހުމުން ހަމަޖެހުމުގެ ނޭވައެއް ލެވިދާނެހެން ހީވެއެވެ.

22.2.22 ގެ ތާރީޚުގެ ސަބަބުން ވިޔަފާރިތަކަށްވެސް ފައިދާ ބޮޑުވާނެއެވެ. މި ރީތި ތާރީޚުގެ ސަބަބުން އާމްދަނީ އިތުރުވެ، ގުޅުންތައް ބަދަހިވެ، ހިތްތައް ގުޅި، ވަޒީފާގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އެހީތެރިކަން ލިބުނީއެވެ.