ޚަބަރު

ރާއްޖެއާއި ބަންގްލަދޭޝްގެ އެކުވެރިކަމުގެ މެޗްއެއް އަންނަ މަހު


ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖެއާއި ބަންގްލަދޭޝްގެ ފުޓްބޯޅަ ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިއްޖެއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.

މިމެޗް ކުޅެން ހަމަޖެހުނުކަން ހާމަކުރައްވާފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯޓްސްޓެއްގައެވެ. ބައްސާމްވަނީ ރާއްޖެއާއި ބަންގްލަދޭޝް މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ބައްދަލުކުރި މެޗުގެ ދެ ފޮޓޯ ހިއްސާކޮށް، އަންނަ މަހުގެ 24ވަނަ ދުވަހުގެ ތާރީޚު ލިޔުއްވާފައެވެ.

އެފްއޭއެމްއިން ބުނީ މިއީ ރާއްޖެއިން އެދިގެން ކުޅޭ، މެޗްއެއް ކަމަށާ، މިއީ ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗްތަކުގެ ކުރިން، އެމެޗްތަކަށް ތައްޔާރުވުމަށް ކުޅޭ މެޗްއެއްކަމަށެވެ. ބަންގްލަދޭޝްގެ އެފްއޭއާއެކު މަޝްވަރާތަށް ކުރިއަށް ގެންދިއުމަށްފަހު، މިހާރު މެޗްގެ ހުރިހާ ކަމެއް ހަމަޖެހިފައިވާކަމަށްވެސް އެފްއޭއެމްއިން މަޢުލުމާތުދިނެވެ.

ރާއްޖެއިން އެންމެ ފަހުން ބަންގްލަދޭޝްއާ ވާދަކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސްރީލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕްގައެވެ. މިމެޗް ބަންގްލަދޭޝް ކާމިޔާބުކޮށްފައިވަނި 2 ލަނޑު 1 ލަނޑުންނެވެ. މިއީ ފާއިތުވެގެންދިޔަ 18 އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ ސީނިއަރ ޓީމް ރާއްޖޭގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު މާލޭގައި ކުރިއަށްދިޔަ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިންވަނީ 2 ލަނޑު 1 ލަނޑުން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފައެވެ. އަދި 2016ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗްގައި ރާއްޖެއިންވަނީ 5 ލަނޑު 0 ލަނޑުން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފައެވެ.

ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗް ވެގެންދާނީ ޤައުމީ ޓީމްގެ އާ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗްކަމުގެ ދަށުން މާލޭގައި ކުޅޭ ފުރަތަމަ އެކުވެރިކަމުގެ މެޗަށެވެ. މޮރިއޭރޯގެ އިރުޝާދުގެ ދަށުން މިހާތަނަށް ރާއްޖޭން ކުޅުނު ހަތަރު މެޗަކީ ފޯ ނޭޝަންސް ކަޕްގެ މެޗުތަކެވެ. އެ މުބާރާތުގައި ރާއްޖެއިން 4-4 އިން ލަންކާއާ އެއްވަރުވިއިރު، ބަންގްލަދޭޝް އަތުން ބަލިވީ 2-1 އިންނެވެ. އަދި ފަހު މެޗުގައި ސީޝެލްސްއާ ވާދަކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.