ޚަބަރު

ދަތިކުރުމުގެ ފިޔަވަޅަކުން ރަޝިޔާއަށް ލިބޭނެ ގެއްލުމެއް ނެތް: ޕުޓިން


ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އެ ޤައުމަށް ލިބޭނެ ގެއްލުމެއް ނެތްކަމަށާއި އެއީ އައު ކަމެއް ނޫންކަމަށް އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިން ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރުތަކުގައި ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ކާމިޔާބުކަމާއެކު ރަޝީޔާއިން ކުރިމަތިލާފައިވާކަން ފާހަގަކުރައްވައި ޕުޓިން ވިދާޅުވީ އެ ޤައުމުން ކޮންމެ ގޮތަކަށް ޢަމަލުކުރި ނަމަވެސް ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށެވެ. ޕުޓިން ވިދާޅުވީ ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ރަޝިޔާއިން ވަކި ގޮތަކަށް ޢަމަލުކޮށްގެން ނޫންކަމަށާއި އެފަދަ ފިޔަވަޅުތަކެއް އަޅަނީ ރަޝިޔާގެ އިޤްތިޞާދީ ކުރިއެރުން ހުއްޓުވުމަށްކަމަށެވެ. އަދި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކާ ޚިލާފަށްކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދު ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމުން ހުޅަނގުގެ ޤައުމުތަކުންވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އަދި ރަޝިޔާއިން ޔޫކްރެއިންނަށް އިތުރު ޙަމަލާއެއް ދޭނެކަމަށް ބެލެވެމުންދާ ދަނޑިވަޅެއްގައި ހުޅަނގުގެ ޤައުމުތަކުންވަނީ ރަޝިޔާއިން އެފަދަ ނިންމުމެއް ނިންމައިފިނަމަ ހީނުކުރާހާ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެކަމަށެވެ.