ޚަބަރު

ރަޝިޔާއަށް ވަންނަން މަސައްކަތްކުރި ޔޫކްރެއިނުގެ ސިފައިންގެ ބަޔަކު މަރާލައިފި


ޖާސޫސްކޮށް މަޢުލޫމާތު އެއްކުރުމަށް ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށް ވަންނަން މަސައްކަތްކުރި ޔޫކްރެއިނުގެ ސިފައިންގެ ބަޔަކު މަރާލާފައިވާކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ސަރަޙައްދީ ރޮނގު ހުރަސްކުރަން މަސައްކަތްކުރި ޔޫކްރެއިނުގެ ސިފައިންނާ ރަޝިޔާގެ ފައުޖުތަކުން ކުރިމަތިލާން ފެށުމުން އެ ސަރަޙައްދަށް ޔޫކްރެއިނުގެ އަސްކަރީ ދެ އުޅަނދެއް ފޮނުވިއެވެ. އަދި ރަޝިޔާގެ ފައުޖުތަކުން ދިން ޙަމަލާތަކުގައި ޔޫކްރެއިނުގެ ސިފައިންގެ ފަސް މީހުން މަރުވެ އެ ސަރަޙައްދުގައި ޙަރަކާތްތެރިވި އަސްކަރީ އުޅަނދުތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވިކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އެ ޙަމަލާތަކުގައި ރަޝީޔާގެ ސިފައިންގެ މީހަކަށް އެއްވެސް ގެއްލުމެއް ނުވައިކަމަށްވެސް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ. އެ ކުރިމަތިލުމުގެ ކުރިން ޔޫކްރެއިނުން ރަޝިޔާއަށް ދިން ޙަމަލާއެއްގައި ސަރަޙައްދީ ރޮނގު ކައިރީގައި ހުންނަ ރަޝިޔާގެ އަސްކަރީ މަރުކަޒަކަށްވަނީ ގެއްލުންތަކެއް ލިބިފައެވެ. ރަޝީޔާއިންވަނީ އެ ޙަމަލާގައި ލިބުނު ގެއްލުންތައް ފެންނަ ވީޑިޔޯއެއް ޢާއްމުކޮށްފައެވެ.

ޔޫކްރެއިނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށް ވަންނަންވެސް އަދި ރަޝިޔާއަށް ޙަމަލާއެއްވެސް ދީފައެއް ނުވާނެއެވެ. އަދި ރަޝިޔާއިން މަސައްކަތްކުރަނީ ދޮގު މަޢުލޫމާތުތަކެއް ޢާއްމުކުރުމަށްފަހު އަދި އުޒުރެއް ދެއްކުމަށްފަހު ޔޫކްރެއިނަށް ޙަމަލާ ދިނުމަށްކަމަށް އެ ވުޒާރާއިންވަނީ ތުޙްމަތުކޮށްފައެވެ.

ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއާއި ޔޫކްރެއިނުން ޙަމަލާބަދަލުކޮށްފައިވަނީ ޔޫކްރެއިނުގެ އަސްކަރިއްޔާއާއި އެ ޤައުމުގެ އިރުމަތީގައި ޙަރަކާތްތެރިވާ ވަކިވެގަންނަން މަސައްކަތްކުރާ ޖަމާޢާތްތަކާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ބަރުހަތިޔާރާއެކު 190،000 ސިފައިން ރަޝިޔާއިން ފޮނުވައިފައިވަނިކޮށެވެ. އެއާއެކު ކޮންމެ އިރަކުވެސް ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދީފާނެކަމުގެ އިންޒާރު ވިލާތުގެ އިއްތިޙާދާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއާއި އެމެރިކާއިންވަނީ ދީފައެވެ.

2008ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއާ އިންވެގެން އޮންނަ ޖޯޖިޔާގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަދައްކައި ކުރީގެ ރަޝިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖޯޖިޔާގެ އަސްކަރިއްޔާއިން ޤަތުލުޢާއްމެއް ހިންގުމުން ރަޝިޔާއިންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޖޯޖިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް އެ ސަރަޙައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެ ސަރަޙައްދުތަކުން ރަޝިޔާގެ ފައުޖުތައް ފޭބީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ގޯނާއެއް ނުކުރާނެކަމުގެ ޔަޤީންކަން ޖޯޖިޔާއިން ދިނުމުންނެވެ. އަދި 2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދުވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ.