ރިޕޯޓް

"ޑްރަގް ކެފޭތަކުން އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭހެން 1118 މީހަކު ޚިދުމަތް ހޯދާ"


މާލޭގައި ހިންގާ ޑްރަގް ކެފޭތަކުން 1118 ދިވެހިން ޚިދުމަތް ހޯދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވުމަށް ބޭއްވި "މީޑިއާ އިވެންޓުގައި" ފުލުހުން ވަނީ މަސްތުވާތަކެއްޗާއި ބަނގުރާއާގުޅޭ ބައެއް މުހިންމު ތަފާސްހިސާބު ހާމަކުރައްވާފައެވެ. އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި އޮޕަރޭޓްކުރަމުންދިޔަ ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާ 1118 މީހުންގެ ތެރޭގައި ގެދޮރުނެތް ނުވަތަ ވަންނާނެ ތަނެއްނެތް 67 މީހަކާއި، 65 އަންހެނަކާއި، 50 އަހަރުން މަތީގެ 56 މީހެއްގެ އިތުރުން 14 ކުޑަ ކުއްޖަކު ހިމެނެއެވެ.

ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާ މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ވާ މީހުންގެ ތެރެއިން ފަރުވާ ހޯދަން ފެށުމަށްފަހު ފަރުވާއިން ވަކިކޮށްފައިވާ މީހުންނާއި، ޑްރަގް ކޯޓުން ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް ހުކުމްކޮށްފައިވާ މީހުންނެވެ. އެގޮތުން ފަރުވާއިން ވަކިކޮށްފައިވާ 305 މީހަކާއި، ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް އަމުރުކޮށްފައިވާ 217 މީހެއް މީގެ ތެރޭގައި ހިމެނެއެވެ. އަދި ދެވަނަ ހުކުމް ކޮށްފައިވާ 141 މީހަކާއި، މައްސަލަ އަނބުރާ ފޮނުވާލާފައިވާ 101 މީހަކާއި، ޑްރަގް ކޯޓުން އެސެސްމަންޓް ހަދަން އަމުރުކޮށްފައިވާ މީހުންނާއި ޝަރީޢަތުގެ އަޑުއެހުން ތާވަލުކޮށްފައިވާ 17 މީހަކާއި، ޑްރަގް ކޯޓުން އިބްތިދާއީ އަޑުއެހުންތައް ތާވަލްކޮށްފައިވާ 7 މީހަކު ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދައެވެ.

މީގެ އިތުރުން ފުލުހުންގެ ރެކޯޑްގައި އޮތް ނަމަވެސް ކޯޓުގައި މައްސަލަ ނެތް 178 މީހަކާއި، ފުލުހުންނާއި ޑްރަގް ކޯޓުގެ ރެކޯޓުގައިވެސް ނެތް 152 މީހަކުވެސް ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދައެވެ.

ދިވެހިންގެ އިތުރުން ގިނަ ޢަދަދެއްގެ ބިދޭސީންވެސް މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. އެގޮތުން 139 ބިދޭސީއަކުން އެފަދަ ތަންތަނުން ޚިދުމަތް ހޯދައެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާ ބިދޭސީންގެ ތެރޭގައި އިންޑިއާ 3 މީހަކާއި ސްރިލަންކާގެ 2 މީހަކުވެސް ހިމެނެއެވެ.

ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާ ދިވެހިން ނިސްބަތްވާ ރަށްތަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ މާލެއަށް ނިސްބަތްވާ މީހުންނާއި، ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ ދިވެހިންނެވެ.

ފުލުހުން ވިދާޅުވިގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި އެތަކެތި ބޭނުންކުރުމަށް "ޑްރަގް ކެފޭ"ތައް މާލޭގައި އޮޕަރޭޓްކުރަން ފެށީ 2019ވަނަ އަހަރުން ފެށިގެންކަމަށެވެ. އަދި ކޯވިޑް-19ގެ ސަބަބުން މާލޭ ސަރަޙައްދު ލޮކްޑައުންކުރުމާއެކު ޑްރަގް ކެފޭތަކުގެ ވިޔަފަރީ ވަރަށް ބޮޑަށް އިތުރުވެގެންދިޔަކަމަށް ފުލުހުން ވިދާޅުވިއެވެ. މިފަދަ ތަންތަން ގިނައިން އޮޕަރޭޓްކުރަނީ މާލޭގައި ބާވެ ހަލާކުވެފައި ހުންނަ ކުދިކުދި ތަންތަންކޮޅު ކުޑަ އަގެއްގައި ކުއްޔަށް ނަގައިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.

އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ޑްރަގް ކެފޭގެގޮތުގައި ހިންގާ 47 ތަނެއް ފާހަގަކުރެވި، އޭގެ ތެރެއިން ގިނަ ތަންތަން ގޭގެ ވެރިފަރާތުގެ އެއްބާރުލުމާއެއްކޮށް ބަންދުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.