ޚަބަރު

14 އަހަރުގެ ކުއްޖެއްގެ ކުށުގެ ރިކޯޑް: މަސްތުވާތަކެތީގެ އެކަނިވެސް 53 މައްސަލަ


ޢުމުރުން އެންމެ 14 އަހަރުގެ ކުއްޖަކު ފާއިތުވި 3 އަހަރުތެރޭ ހަމައެކަނި މަސްތުވާތަކެތީގެ 53 މައްސަލައެއްގައި ބައިވެރިވެފައިވާކަން ރިކޯޑްކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓުން ކުރިއަށްގެންދިޔަ މީޑިއާ އިވެންޓުގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ހިއްސާކުރި މަޢުލޫމާތުތަކަށް ބަލާއިރު، 1 ޖެނުއަރީ 2019އިން ފެށިގެން 31 ޑިސެމްބަރު 2021 ގެ ނިޔަލަށް ތަފާތު އެކި މައްސަލަތަކުގައި ޖުމްލަ 354 ފަހަރު އެ ކުއްޖާއާއ ސުވާލުކޮށްފައިވެއެވެ.

މި ކުއްޖާގެ ފާއިތުވި 3 އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާގުޅުންހުރި ތަފާތު ކަންކަމުގައި ފާހަގަކުރެވިފައިވާއިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމުގެ 2 މައްސަލައަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ 16 މައްސަލައަކާއި، މަސްތުވާތަކެތި ގެންގުޅުމުގެ 35 މައްސަލައެއް ހިމެނެއެވެ.

2019ވަނަ އަހަރު ފެށިގެން 2021އަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި މި ކުއްޖާ ހުއްޓުވައި ސުވާލުކޮށްފައިވާގޮތުގެ ރިކޯޑަށް ބަލާއިރު، 2019ވަނަ އަހަރު މަސްތުވާތަކެތި ވިއްކުމާއި، މަސްތުވާތަކެތި ބޭނުންކުރުން އަދި މަސްތުވާތަކެތި ގެންގުޅުމުގެ 1 މައްސަލައެއް ހިމެނެއެވެ. 2020ވަނަ އަހަރު، މަސްތުވާތަކެތި ބޭނުންކުރުމުގެ 3 މައްސަލަ އަދި މަސްތުވާތަކެތި ގެންގުޅުމުގެ 9 މައްސަލައެއް ފުލުހުންނަށް ރިކޯޑް ކުރެވިފައިވެއެވެ. އަދި 2021ވަނަ އަހަރު ހަމަ އެކުއްޖާގެ މަސްތުވާތަކެތި ވިއްކުމުގެ 1 މައްސަލަ، މަސްތުވާތަކެތި ބޭނުންކުރުމުގެ 12 މައްސަލަ އަދި މަސްތުވާތަކެތި ގެންގުޅުމުގެ 25 މައްސަލަ ވަނީ ރިކޯޑް ކުރެވިފައެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ އިތުރުން 14 އަހަރުގެ މި ކުއްޖާ ބައިވެރިވެފައިވާ އިތުރު ކުށްތަކުގެ ތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުމާއި، މާރާމާރީ ހިންގުމާއި، ސްކޫލަށް ގެއްލުންދޭން މަސައްކަތްކުރުމާއި، ރަހީނުކުރުމާއި، ވައްކަމާއި، ފިލަން މަސައްކަތްކުރުމާއި، ލައިސެންސް ނެތި ސައިކަލް ދުއްވުމާއި ގްރޫޕް ހަދައިގެން މަގުމަތީގައި އުޅުން ހިމެނެއެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ވިދާޅުވިގޮތުގައި އެ ކުއްޖާ ކުށުގެ މާހައުލުން ދުރުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހިންގާ ޕްރޮގްރާމްތަކަށް ކުއްޖާގެ އެއްބާރުލުން ނުލިބޭތީ ސެޝަންތައް ކުރިއަށްނުގެންދެވެއެވެ. އަދި ކުއްޖާ ޒިންމާދާރު ކަމެއްގެތެރޭގައި ޝާމިލްކުރުމުގެ ގޮތުން ކުއްޖާ ގަވާއިދުން ސްކޫލަށް ދިޔުމާއި ގުޅޭގޮތުން ވާހަކަދެކެވި، އަލުން ކުއްޖާއަށް ތަޢުލީމު ހާޞިލުކުރުމަށް ފުރުޞަތު ހޯދާދެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ނޭޝެނަލް ޑްރަގް އޭޖެންސީއާއެކު އެ ކުއްޖާގެ އިންޑިކޭޓިވް އެސެސްމެންޓް ރިޕޯޓެއް ހަދަން ނިންމާފައިވީނަމަވެސް ކުއްޖާގެ އެއްބާރުލުން ލިބިފައިނުވާތީ އެސެސްމެންޓް ކުރިއަށްގެންދެވިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ނަރުސް

މައްސަލަތަަައް ނިންމައި އަދަބުދެވޭނަމަ މިހިސާބައް ކަންކަން ނުދިޔައީސް.. ކޮންމެ ކަމެއް ކުރިޔަސް ކުޑަ ކުއްޖެއްވީމަ އަދަބު ނުދެވުމުގެ ނަތީޖާ ބައްލަވާ! މިކަމައް ޒިންމާވާނީ ކޮން ފަރާތެއްތޯ؟

ސ

ކުއްޖާގެ އެއްބާރުލުން ނުލިބެޔޭ ބުނުމަކީ ތާކުން ތާކު ޖެހޭ ވާހަކައެއްނޫން. ކުޑަ ކުއްޖެގެ ބެލެނިވެރިން ކޮބާ. ދައުލަތް ކޮބާ