ޚަބަރު

ފައިބްރޯ ސްކޭން މެޝިނެއް އައިޖީއެމްއެޗަށް ހަދިޔާކޮށްފި


ހެޕަޓައިޓިސް ބީ އާއި ސީގެ ފަރުވާގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ހެލްތު މިނިސްޓްރީން އައިޖީއެމްއެޗަށް ފައިބްރޯ ސްކޭން މެޝިނެއް ހަދިޔާކޮށްފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ މިމެޝިނަކީ ދިވެހިރާއްޖޭގައި ވައިރަލް ހެޕަޓައިޓިސް (ހެޕަޓައިޓިސް ބީ އަދި ސީ) ގެ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ދަށުން ހެޕަޓައިޓިސް ބީ އަދި ސީ ގެ ފަރުވާގެ ފެންވަރު މަތި ކުރުމަށްޓަކައި ހެލްތު މިނިސްޓްރީން ހަދިޔާ ކުރި މެޝިނެއްކަމަށެވެ.

ފައިބްރޯ ސްކޭންގެ ޚިދުމަތް ގާއިމްކުރުމަށް ހެލްތު މިނިސްޓްރީ އައިޖީއެމްއެޗަށް ހަވާލުކޮށްފައިވާ މިމެޝިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އެމިނިސްޓްރީއަށް ހަދިޔާ ކޮށްފައިވާ މެޝިނެކެވެ.

ވައިރަލް ހެޕަޓައިޓިސް (ހެޕަޓައިޓިސް ބީ އަދި ސީ) އަށް ބޭސް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން އާސަންދައިގެ ދަށުން، މިހާރު ދަނީ ބޭސް ފޯރު ކޮށްދެމުންނެވެ. އަދި ބަލި ދެނެގަތުމަށާއި ފަރުވާގެ ކަންކަން ފުރިހަމައަށް ގެންދިއުމަށްޓަކައި ބޭނުންވާ އެކި ވަސީލަތްތަކާ ޚިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް ޑަބްލިއު.އެޗް.އޯގެ އެހީތެރިކަމާއެކު ދަނީ ކުރަމުންނެވެ.

ހެޕަޓައިޓިސް ބައްޔަކީ ފުރަމޭ ދުޅަވެ، އެގުނަވަނުގެ މަސައްކަތްކުރުން ހުއްޓެން ދިމާވާފަދަ ގައިންގަޔަށް އަރާ ބައްޔެކެވެ. ހެޕަޓައިޓިސްގެ ފަސް ވައްތަރެއް ހުރެއެވެ. އެއީ ހެޕަޓައިޓިސް އޭ، ބީ، ސީ، ޑީ އަދި އީ.އޭއެވެ. މިއީ ވައިރަސް ނުވަތަ ބެކްޓީރިއާއެއްގެ ސަބަބުން ފުރަމޭގެ ޓިޝޫތަކަށް ގެއްލުންވެ ޖެހޭ ބައްޔެކެވެ. ނަޖިހުން ތަޣައްޔަރުވެފައިވާ ފެނާއި ކާނާ ބޭނުންކުރުމަކީ މިބަލި ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ އާދަތަކެވެ.