ޚަބަރު

ހިޔާ ސަރަޙައްދުގެ މަގުތައް 15 ދުވަސް ތެރޭގައި ނިންމަނީ


ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ ހުރިހާ މަގެއް އާއްމުންނަށް އާއްމުކޮށް ހުޅުވާލާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

އެކުންފުނިން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަޙައްދުގެ މަގުހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި ހުރިހާ މަގުތަކެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ނިންމާ މަގުތައް އާންމުންނަށް ހުޅުވާލާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށެވެ. އެޗްޑީސީން ކުރިން ނިންމައިގެން ތިބީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް ނިންމުމަށެވެ. ނަމަވެސް އިންޑިއާ ކުންފުންޏާ ހަވާލާދީ އެޗްޑީސީން މީގެކުރިން ބުނީ މަގުތައް ނިންމުން ލަސްވީ ކޯވިޑް 19އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން މިހާރު ފަށާފައިވާއިރު އެތަނުގައި ނުނިމި ހުރި މަސައްކަތްތަކާއި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަގުތައް ނިންމުމުގެ މަސައްކަތުގެ އިތުރަށް މިސްކިތްތައް ބިނާ ކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.