ޚަބަރު

ޖިއޮގްރެފިކް ލޮކޭޝަންގެ ފުރިހަމަ ފައިދާ ނަގައިގެން، ކޮމިއުނިކޭޝަންސް ހަބަކަށް ރާއްޖެ ހެދިދާނެ: ފައްޔާޒު


ރާއްޖޭގެ ޖިއޮގްރެފިކަލް ސަރަހައްދު ބޭނުންކޮށްގެން ޑޭޓާ ސެންޓަރުތައް ޤާއިމުކޮށް އިންޓަނެޓް އެކްސްޕޯޓްކުރާ ޤައުމަކަށް ހެދިދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވީ، މި ކޭބަލްއާއެކު ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުންކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވި ގޮތުގައި ރާއްޖޭގެ މުވާސަލާތީ ޙިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުން ބޮޑެތި ކުރިއެރުންތަކެއް މިދާއިރާއަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މި ރާއްޖޭގެ އެންމެ ބޮޑެތި އާބާދީތަކުން ފެށިގެން އެންމެ ކުދި އާބާދީތަކަށްވެސް ފުރިހަމަ ރަނގަޅު ފެންވަރުގެ ޙިދުމަތްދެމުން އަންނަކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށްވެސް ރާއްޖޭގެ 20 އާއި 25 އިންސައްތައަށް ބްރޯޑްބޭންޑް ޙިދުމަތް ނުދެވޭކަން ފާހަގަކުރައްވާ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން އިންޓަނެޓް އަދިވެސް އަގުބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އޯޝަން ކަނެކްޓް މޯލްޑިވްސް ސިނާޢަތުގެ ވާދަވެރި ވިޔަފާރިއަކަށް ވުމުގެ ބަދަލުގައި މިހާރު ރާއްޖޭގެ އިންޓަނެޓް ޙިދުމަތްދޭ ފަރާތްތަކަށް މިހާރު އެފަރާތްތަކުން އިންޓަނެޓް ޙިދުމަތް ގަންނަ އަގަށްވުރެ ކުޑަކޮށް އިންޓަނެޓް ފޯރުކޮށްދޭނެ ކަމަށެވެ. މިއާއެކު އިންޓަނެޓައް މި ފަރާތްތަކުން ކުރާ ޙަރަދު ދެގުނަ ކުޑަވެ، އަދި ޙިދުމަތުގެ ފެންވަރު ދެގުނަ އިތުރުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ފަތުރުވެރިކަމަށް ރާއްޖޭގެ އިޤްތިޞާދު ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި ކޭބަލް އެޅިގެން ދިއުމާއެކު ރާއްޖޭގައި ޑޭޓާ ސެންޓަރުތައް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަން މިނިސްޓަރ ފައްޔާޒް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އަހަރު ތަކުގައި އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑު ބަދަލެއް އަންނައިރު އޭގެ ފުރިހަމަ ފައިދާ ރާއްޖެއިން ނަގަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަޝްރޫޢާއިއެކު ރާއްޖޭގެ އަމާޒަކީ މިއަންނަ ބަދަލުތަކުގެ ތެރެއިން ރާއްޖެ ކޮމިއުނިކޭޝަން ހަބަކަށް ހެދައި އޭގެ ފުރިހަމަ ފައިދާ ނަގަން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފަތުރުވެރިކަމުގެ ސިނާޢަތުގައި އަޅުގަނޑުމެންގެ ފަޙުރަކީ އަޅުގަނޑުމެން ޤުދުރަތީ ރީތި ސާފު ގޮނޑުދޮށްތައް. އެހެންނަމަވެސް މިހާރު އަޅުގަނޑުމެން އަތުގައި އިތުރު ޤުދުރަތީ ވަސީލަތެއް އެބައޮތް. އެއީ އަޅުގަނޑުމެންގެ ޖިއޮގްރެފިކަލް ލޮކޭޝަން. އައިސީޓީ ދާއިރާގައި އަޅުގަނޑުމެން މިވަސީލަތް ބޭނުން ކުރާނީ އައިސީޓީ އެކްސްޕޯޓު ކުރުމުގައި ރާއްޖެ ތަފާތުވާ ސަބަބެއް ގޮތުގައި. އަޅުގަނޑުމެންނަށް މި ލިބުނު އައު ޤުދުރަތީ ވަސީލަތް ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ބޭނުންކުރުން މުހިންމު" ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ ޑިޖިޓަލް އިޤްތިޞާދަކާއި ދިމާލަށް އަމާޒު ހިފާފައިވާއިރު، މީގެ ސަބަބުން ރާއްޖޭގެ އެހެން ސިނާޢަތަށްވެސް ވަރަށް ބޮޑެތި ކުރިއެރުން ތަކެއް ހޯދާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދައިރާއިން ރާއްޖޭއަށް ތަފާތު އައިސީޓީ ދައިރާގެ މީހުން އައުމަށް މަގުފަހިކޮށްދޭނެ އިތުރު ސިއްޙީ ދައިރާގައިވެސް ދުނިޔޭގެ އެކިކަންކޮޅުތަކުން ފަރުވާތައް ރާއްޖެއާއި ހަމައަށް ގެނެއުމަށް މަގުފަހިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.