ޚަބަރު

4 ވަނަ ކުއާޓަރުގައި ތައިލޭންޑުގެ އިޤްތިޞާދަށް ކުރިއެރުން


ތައިލޭންޑުގެ އިޤްތިޞާދަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލަފާކުރި މިންވަރަށްވުރެ ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގައި ދެވަނައަށް އޮތް އެންމެ ބޮޑު ޢިޤްތިޞާދު އެކުލެވޭ ޤައުމުކަމަށްވާ ތައިލޭންޑުގެ އިޤްތިޞާދު 2020 ވަނަ އަހަރު ވަނީ 6.1 އިންސައްތަ ދަށަށްޖެހިފައެވެ. ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިޤްތިޞާދު ހީނަރުވީނަމަވެސް ކޯވިޑާއި ގުޅިގެން އަޅާފައިވާ އެކި ފިޔަވަޅުތަކަށް ލުއި ދޭން ފެށުމުން 2021 ވަނަ އަހަރު އެ ޤައުމުގެ އިޤްތިޞާދަށް މިވަނީ 1.6 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވެއެވެ.

ނޭޝަނަލް އިކޮނޮމިކް އެންޑް ސޯޝަލް ޑެވެލޮޕްމަންޓް ކައުންސިލުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ތައިލޭންޑުގެ އިޤްތިޞާދަށް 1.8 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ. އަދި ޖީ.ޑީ.ޕީ އޭގެ ކުރީ އަހަރާއި އަޅައިބަލާއިރު 1.9 އިންސައްތަ އިތުރުވެފައިވެއެވެ. ޖީ.ޑީ.ޕީ އާއި އިޤްތިޞާދީ ދުވެލި ކުރިއަރާފައިވާ މިންވަރަކީ ފަހު ކުއާޓަރަށް ލަފާކޮށްފައިވާ މިންވަރަށްވުރެ އިތުރު ޢަދަދުތަކެވެ.

ތައިލޭންޑުގެ އިޤްތިޞާދަށް ކުރިއެރުން ލިބުނު ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިންނަށް އެ ޤައުމުގެ ބޯޑަރު ހުޅުވާލުމާއި، ޢާއްމުންގެ ފަރާތުން މުދަލަށް އޮންނަ ޑިމާންޑު އިތުރުވުން ހިމެނެއެވެ. ފަހު ކުއާޓަރުގައި މުދަލަށް އޮތް ޑިމާންޑު 0.3 އިންސައްތަ މަތިވެފައިވެއެވެ. އަދި 3 ވަނަ ކުއާޓަރުގައި ތައިލޭންޑަށް ދަތުރުކުރި ފަތުރުވެރިންގެ ޢަދަދު 45000 ގައި ހުރިއިރު، 4 ވަނަ ކުއާޓަރުގައި 340000 ފަތުރުވެރިން އެ ޤައުމަށް ޒިޔާރަތްކޮށްފައިވެއެވެ.

އިޤްތިޞާދު ކުރިއަށްޖެހުމުގައި އެކްޕޯޓު މުދާ އިތުރުވުން ޚާއްޞަ ދައުރެއް އަދާކޮށްފައިވެއެވެ. އެގޮތުން ފާއިތުވި އަހަރުގެ 4 ވަނަ ކުއާޓަރުގައި ތައިލޭންޑުން މުދާ އެކްސްޕޯޓުކުރި މިންވަރު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 21.3 އިންސައްތަ މައްޗަށްޖެހިފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ތައިލޭންޑަށް ފަތުރުވެރިން ދަތުރުކުރުމަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވާލާފައިވާއިރު، މިއަހަރުގެ ފެބްރުއަރީން ފެށިގެން ފިޔަވަޅުތަކަށް ލުއިދީ، ފަސޭހަކަމާއެކު ފަތުރުވެރިންނަށް ދަތުރުކުރެވޭގޮތަށް އެ ޤައުމުގެ ބޯޑަރު ވަނީ ހުޅުވާލާފައެވެ. އެހެންކަމުން މިއަހަރު 5.5 މިލިއަން ފަތުރުވެރިން އަންނާނެކަމަށް އެ ޤައުމުން ލަފާކުރެއެވެ.