ޚަބަރު

އެއްބަސްވެފައިވާ މިންވަރަށް ތެޔޮ އުފެއްދުމަށް ޢަރަބި ޤައުމުތަކުން ގޮވާލައިފި


އޮޕެކް ޕްލަސް ޖަމާޢަތުން އެއްބަސްވެފައިވާ މިންވަރަށް ތެޔޮ އުފެއްދުމަށް ޢަރަބި ޤައުމުތަކުގެ ވަޒީރުން ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި އޮޕެކާއި އެކުވެރި ޖަމާޢަތްތައް ހިމެނޭ އޮޕެކް ޕްލަސްއިން ތެޔޮ އުފައްދާ މިންވަރު ހުރީ ޑިމާންޑަށްވުރެ ދުވާލަކު 1 މިލިއަން ފީފާ މަދުންކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ސަޢުދީގެ ވެރިރަށް ރިޔާޟުގައި މިހާރު ކުރިއަށްދާ 2022 ވަނަ އަހަރުގެ އިންޓަރނޭޝަނަލް ޕެޓްރޯލިއަމް ޓެކްނޮލޮޖީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޢަރަބި ޤައުމުތަކުގެ ހަކަތައާބެހޭ ވަޒީރުން ވިދާޅުވެފައިވަނީ ތެލުގެ އަގު މައްޗަށްދިޔަނުދީ ހިފެހެއްޓުމަށްޓަކައި އެ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އެދި ގޮވާލާ ގޮވައިލުންތަކަށް އިޖާބަދޭން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އޮޕެކް ޕްލަސް އިން ފެބްރުއަރީން ފެށިގެން ދުވާލަކު 400،000 ފީފާގެ ތެޔޮ އިތުރަށް އުފެއްދުމަށް ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރަންޖެހޭކަމަށް ޢަރަބިކަރައިގެ ވަޒީރުން ވިދާޅުވެއެވެ.

ޢަރަބި ޤައުމުތަކުގެ އިތުރުން ބައިނަލްއަޤްވާމީ ހަކަަތައާއިބެހޭ އެޖެންސީންވެސް މިދިޔަ ހަފްތާގައި ވަނީ ޑިމާންޑާ އެއްވަރަށް ތެޔޮ އުފެއްދުމަށް އޮޕެކަށް ގޮވައިލާފައެވެ. ބޭނުންވާ މިންވަރަށް ތެޔޮ އުފެއްދޭގޮތް ނުވެފައިވަނިކޮށް ޔޫކްރެއިނާއި ރަޝިއާ ގުޅޭ ބޯޑަރުގައި އޮތް އަސްކަރީ ނުތަނަވަސްކަމުގެ ސަބަބުން ތެލުގެ ބާޒާރަށް އިތުރު ފިއްތުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

އޮޕެކުގެ ޤައުމުތަކުގެ އިސްވެރިން ބައިވެރިވާ އިންޓަރނޭޝަނަލް ޕެޓްރޯލިއަމް ޓެކްނޮލޮޖީ ކޮންފަރެންސްގައި ޔޫކްރެއިނާއި ރަޝިއާގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން ޔޫއޭއީގެ ހަކަތައާބެހޭ ވަޒީރު ސުހެއިލް އަލް މަޒްރޫޢީ ވިދާޅުވީ ތެލުގެ ބާޒާރު ހީނަރު ނުވާ މިންވަރަށް ތެޔޮ އެބަ އުފެއްދޭކަމަށާއި، މައްސަލައަކީ ތެޔޮ އުފައްދާ ފަރާތްތަކުގެ ބާރު ނުފޯރާފަދަ، ދުނިޔޭގެ މަސްރަޙުގައި ހުރި އެހެން މައްސަލަތައް ކަމަށެވެ.

މީގެއިތުރުން ސަޢުދީގެ ހަކަތައާއިބެހޭ ވަޒީރު ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސަލްމާން ވިދާޅުވެފައިވަނީ ހަމައެކަނި އިޔާދަކުރަނިވި ހަކަތަ ފުޅާކުރުމަށް މަސައްކަތްކުރެވުނުކަމީ ހެދުނު ގޯހެއް ކަމަށެވެ. އޭނާ ވިދާޅުވީ މިދާގޮތަށް ތެޔޮލުގެ ބާޒާރު ހަނިވެފައި އޮވެއްޖެނަމަ ޕެންޑަމިކަށްފަހު އިޤްތިޞާދުތައް ކުރިއަރަންޖެހޭ ބާރުމިނުގައި ކުރިއެރުމަށް ހުރަސްއެޅިގެންދާނެކަމަށެވެ.

ތެލުގެ އަގު ރިކޯޑު މިންވަރަކަށް އުފުލެމުންދާއިރު ފާއިތުވި ހަފްތާއިން ފެށިގެން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 1.8 އިންސައްތަ އުފުލިފައިވެއެވެ. އަދި ރަޝިއާއާއި ޔޫކްރެއިނާއި ދެމެދު ޙަމަލާތައް ފެށިއްޖެނަމަ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އަރައިގެންދާނެކަމަށް ވިޔަފާރި ދިރާސާކުރައްވާ ފަރާތްތަކުން ލަފާކުރެއެވެ.