ވިޔަފާރި

އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަމަހުގެ 7ގައި


އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫޢިން ބުނީ ޖަލްސާ އޮންނަނީ 7 މާރޗް ވަނަ ދުވަހުގެ ރޭގަނޑު 8:30ގައި ކްރޮސްރޯޑްގައިކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރކުރާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެގެން ބައިވެރިވެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮވިޑް-19ގެ މިހާރުގެ ހާލަތާއި ހިއްސާދާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ދޭނީ އަހަރީ އާންމު ޖަލްސާ ބާއްވާއިރު، ސަރުކާރުން އިޢުލާނުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުން ހުއްދަކުރާ އަދަދަކަށް ބަލައި، ޖަލްސާ ބާއްވާ ހޯލުގައި ގައިދުރުމިން ބަހައްޓަންޖެހޭ މިންގަނޑުތަކަށް ފެތޭގޮތަށް، ޖާގަ ހުރި މިންވަރަކުންކަމަށް އުރީދޫއިން ބުނެއެވެ.

ހިއްސާދާރުންގެ ތެރެއިން ޖަލްސާ ބާއްވާ ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޖާގަ ހުރި މިންވަރަކުން އެ ފުރުޞަތު ދިނުމަށްފަހު، ބާކީ ތިބި ފަރާތްތަކަށް އޮންލައިންކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ. 6 މާރިޗު ވާ އާދިއްތަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން، ކްރޮސްރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެވޭނެ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވެވޭނެ ފަރާތްތަކަށް އެ މަޢުލޫމާތު އުރީދޫއިން އަންގާނެއެވެ.

ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލް އިންނެވެ. ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 5 މާރިޗު އާއި ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓަރ ކުރާ ފަރާތްތަކަށް އެކަނި ކަމުގައެވެ. ކްރޮސް ރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެ ހުއްދަ ދެވޭނީ، ވެކްސިންގެ ޑޯޒުތައް ހަމަކޮށްފައިވާކަމަށް ބަޔާންކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ދޫކޮށްފައިވާ ވެކްސިނޭޝަން ކާޑު ނުވަތަ ކޮވިޑް-19 ޑިޖިޓަލް ސަރޓިފިކޭޝަން ހުށަހަޅާ ފަރާތްތަކަށެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 17 ފެބްރުއަރީގެ ކުރިން ރަޖިސްޓަރވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެއެވެ. މި ޖަލްސާގައި ޑިރެކްޓަރުން އައްޔަންކުރުމާއި، ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ކަނޑައަޅާފައިވާ އަދަދު ފާސްކުރުން އޮންނާނެއެވެ.