ޚަބަރު

ޘަޤާފަތް ދެމެހެއްޓުމަށްޓަކައި މަދަރީބަސް ޙިމާޔަތް ކުރުން މުހިއްމު- ޔުނެސްކޯ


ދުނިޔޭގެ އެކި ޤައުމުތަކުގެ ތަފާތު ޘަޤާފަތްތައް ދެމެހެއްޓުމަށްޓަކައި އެބަޔަކު ވާހަކަދައްކައި އުޅޭ މާދަރީ ބަސް ޙިމަޔާތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި މާދަރީ ބަސް ޙިމާޔަތްކުރުމަށް ޔުނެސްގެ ޑިރެކްޓަރ ޖެނެރަލް އޯޑްރީ އޮޒޫލޭ ގޮވާލައިފިއެވެ.

އޭނާ މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްޢަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

މިއަހަރުގެ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ޔުނެސްކޯގެ ޑިރެކްޓަރ ޖެނަރަލް ދެއްވި ޚިތާބުގައި ވަނީ ކޮންމެ ބަހެއްގައިވެސް އެ ބަހަކަށް ޚާއްޞަ ރާގަކާއި، އެ ބަހަކުން މުޢާމަލާތުކުރާ ވަކި ގޮތްތަކަކާއި އެބަހަކުން ވިސްނާ ވައްޓަފާޅިއެއް އެކުލެވިގެންވާކަން ފާހަގަކުރައްވާފައެވެ. އަދި ބަހެއް ދަސްކުރުން ނުވަތަ ބަހެއް ހަނދާންނެތުމަކީ މުއާމަލާތުކުރުމުގެ ވަސީލަތެއް ލިބުމެއް ނުވަތަ ގެއްލުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ތަފާސްހިސާބަށް ބަލާއިރު ކޮންމެ 10 ކުއްޖަކުން 4 ކުއްޖަކީ އެ ކުއްޖެއްގެ މާދަރީބަހުން ނުވަތަ އެ ކުއްޖަކު އެންމެ ފަރިތަ ބަހަކުން ތައުލީމު ލިބިގަތުމުގެ ފުރުސަތު ނެތް ކުދީންނެވެ. ނަތީޖާއެއްގެ ގޮތުން މިކުދީން އުނގެނުމަށް އަޅާ ބިންގާ ވަނީ ފެށުމުގައި ވެސް ހީނަރުވެފައިކަން ޔުނެސްގެ ޑިރެކްޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

ބަހަވީ ސިންދަފާތަކީ ޢާންމު މަންފާއެއްކަން ފާހަގަކުރައްވައި ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ މާދަރީބަހާ ފެއަށް ޖެހުމަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ނޭދެވޭ އަސަރު ފޯރާ ކަމެއްކަމަށެވެ. އަދި ބަހަވީ ސިންދަފާތު ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށާއި މިކަމަށް ބޭނުންވާ އާ ވަސީލަތްތައް ފަންނިއްޔާތުން ލިބޭން ހުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ފަދަވަސީލަތްތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރުމުގެ ފުރުސަތު ހޯދައިދެވިއްޖެނަމަ، އަނގަބަހުން އެކަނި މުއާމަލާތުކުރާ ބަސްބަސް ގެއްލުނަނުދީ ރައްކާތެރިކުރެވޭނެކަމަށް ޔުނެސްގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

"މަދަރުސާއަށް ދާ ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ގިނަ ކުދީންގެ ތަޖުރިބާއަކީ، އެ ކުދީން ނުދަންނަ އާހަކަށް ތައާރަފުވެ، އެ ބަހަކާ މެހިފައިވާ އާ ފިކުރުތަކާ ކުރިމަތިލައި. އެންމެ ޅަ އުމުރުއްސުރެ މުއާމަލާތުކުރަމުން އައި އާބަސް ހަނދާން ނެތުން. ސާދާކޮށް ދަންނަވާ ނަމަ މި ފަދަ ކަންކަމުގެ ސަބަބުން ސަރަހައްދީ ބަހުރުވަތަކަކީ ވެސް އެންމެން ހިއްސާވާ ތަރިކައެއް ކަމުގައި ހެދިދާނެ." ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އޯޑްރީ އޮޒޫލޭ ވިދާޅުވިއެވެ.

ބަހަވީ ސިންދަފާތު ނެތެމުންދިއުމުގެ ހިރާސް އިންޓަނެޓުން ކުރިމަތި ކުރާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ފަންނިއްޔާތާ ކުރިއެރުންތަކުގެ ވަސީލަތުން ގިނަބައްސަކަމަށް މަންފާއެއް ކުރާނީ އަޅުގަނޑުމެން އެކަމަށް ބާރެއް އަޅައިގެންކަމަށެވެ.

މި އަހަރު ފެށިފައި މިވާ ވެށިބަސްތަކުގެ ބައިނަލްއަގުވާމީ އަހަރުގައި، ބަހުގެ އަހުލުވެރީންނާއި މައުލޫމާތު ދުރަށްފަތުރާ ފަރާތްތަކާއި ދިރާސާވެރީންގެ މަސައްކަތްތައް އަމާޒުކޮށްދިނުމާއެކު، ދުނިޔަވީ އިލްމާއި ވައްޓަފާޅީގެ އަގުބޮޑު ފުރޭފުތައް ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް ގެނެވޭނެކަން ޔުނެސްކޯގެ ޑިރެކްޓަރ ޖެނަރަލް ފާހގަކުރެއްވިއެވެ.

މީގެ އިތުރުން އޭނާ ވަނީ އެންމެން ހިއްސާވާ އިންސާނިއްޔަތުކަމުގެ އާލަމީ ބަސްމަގުގެ އުންސުރުތައް ކަމުގައިވާ ބަހަވީ އަދި ސަގާފީ ސިންދަފާތު ދިފާއުކޮށްދިނުމަށް އެންމެނަށް ގޮވަލައްވާފައެވެ.