ރިޕޯޓް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މައްސަލަ


ރާއްޖޭގައި ގިނަ ޢަދަދެއްގެ ބިދޭސީން ވަޒީފާ އަދާކުރަމުންދާއިރު، މީގެ ތެރޭގައި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް ވަޒީފާދޭ ފަރާތްތަކުން ބިދޭސީންގެ ޙައްޤުތަކަށް އިހުމާލުވާކަމަށް ދެކެވޭ ވާހަކަތަކުގައިވެސް ޙަޤީޤަތްތަކެއް ހުރިކަން ޤަބޫލުކުރަންޖެހެއެވެ.  ލޮރެންސޫގެ ވާހަކަ:ސްރިލަންކާއަށް އުފަން ޢުމުރުން 30 އަހަރުގެ ލޮރެންސޫއަށް އޭނާގެ އެޤައުމުގައި ޙަރަކާތްތެރިވި އޭޖެންޓެއް މެދުވެރިކޮށް ރާއްޖޭގެ ކުންފުންޏަކުން ވަޒީފާގެ ފުރުޞަތެއް ލިބުނުކަން އެނގުނު ހިސާބުން ފެށިގެން އޭނާ ހުރީ ވަރަށް އުފަލުންނެވެ. އެއީ އާދައިގެ ޢާއިލާއަކަށް އުފަން ލޮރެންސޫއަށް އޭނާގެ ޢާއިލާގެ ޚަރަދުތައް ދެކޮޅުޖެއްސި، މައިންބަފައިން އުފަލުގައި ބައިތިއްބޭނެކަމުގެ އުއްމީދު އާލާވުމުންނެވެ. ނަމަވެސް، ރާއްޖެއަށް އައުމަށްފަހު، ދެން ކަންތައް ވީ އޭނާ އުއްމީދުކުރިގޮތާއި މުޅިން ޚިލާފަށެވެ. ވަޒީފާ ހަމަޖެހުނު ކުންފުނިން އޭނާ ރާއްޖޭގެ އަތޮޅެއްގެ ރަށަކަށް ފޮނުވާލުމަށްފަހު، އެރަށުގައި އޭނާ 4 މަހަށްވުރެ ގިނަ ދުވަސް ވަންދެން ބަހައްޓާފައިވަނީ އެއްވެސް މުސާރެއް ނުދީކަމަށް އޭނާ ކިޔައިދިނެވެ. ލޮރެންސޫއަކީ އިންޖިނިއަރިންގެ ފަންނުގެ މަސައްކަތަށް ވަރަށް ޝައުޤުވެރިކަން ހުންނަ މީހެކެވެ. ލޮރެންސޫ ބުނިގޮތުގައި އޭނާއާއެކު ކޮންޓްރެކްޓް ހަދާފައިވާ ދިވެހި ކުންފުންޏަށް އެކި ފަހަރުމަތިން ގުޅަން އުޅެ، ގުޅޭގޮތެއް ނުވިއެވެ. އެކުންފުނި އުވާލައި، ކުންފުނި ހިންގި ފަރާތުން މުޅިން އެހެން ނަމެއްގައި އޮޕަރޭޓްކުރަން ފެށިކަން އޭނާއަށް ފަހުން އެގުންކަމަށްވެސް އޭނާ ކިޔައިދިނެވެ. ލޮރެންސޫ ޤަބޫލުކުރާގޮތުންނަމަ، މި ލަނޑު އޭނާކަހަލަށް ކިތަންމެ ބިދޭސީންނަކަށް ރާއްޖޭގައި ލިބެމުންދެއެވެ. ނަމަވެސް އޭނާ ބުނީ މިކަން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަން ބޭނުންވީ އެފަދަ މަސައްކަތްތެރިންނަށް ހިތްވަރެއް ދިނުމުގެ ގޮތުންނެވެ. ސްރިލަންކާގެ އިމިގްރޭޝަންގެ އެހީގައި ލޮރަންސޫ އޭނާގެ ޤައުމަށް އެނބުރި ގޮސްފައިވާއިރު، އޭނާ ބުނީ، މިކަންކަމާއި ގުޅުންހުރި ދެޤައުމުގެ އިދާރާތަކުގެ ސަމާލުކަމަށް މިމައްސަލަ ގެނެއުމަށް އޭނާ ވަރަށް މަސައްކަތް ކުރިކަމަށެވެ. އަދި ބައެއްގެ ޙަވާލުގައި ވިޔަސް ނުވަތަ އަމިއްލައަށް ވަޒީފާއެއް ހޯދައިގެން ރާއްޖެއަމުގައިވެސް އިތުބާރުކުރެވޭ ފަރާތްތަކާއި، އިތުބާރުކުރެވޭ މުޢާމަލާތުތައް ކުރުން މުހިންމުކަން އޭނާ ފާހަގަކުރިއެވެ.ކަމާއިބެހޭ ފަރާތްތަކުން މިކަމުގައި ކުރަމުންދާ މަސައްކަތްތައް:އޮޅުވާލައިގެން ވަޒީފާތަކަށް ބިދޭސީން ގެނެސް، އެމީހުންނާމެދު އިހުމާލުވަމުންދާ މައްސަލަ ރާއްޖޭގައިވެސް އިތުރުވަމުންދާކަން އިމިގްރޭޝަންގެ ތަފާތު ހިސާބުތަކަށް ބަލާލުމުންވެސް ފެނިގެންދެއެވެ. އިންސާނީ ވަގުފާރީގެ ޢަމަލުތަކަށް ހުށަހެޅޭ މިފަދަ ކަންކަން ކުރާ ފަރާތްތަކުން އެކި ކަހަލަ އޭޖެންޓުންގެ ގޮތުގައި ބޭރުމީހުން ރާއްޖޭގައި ޙަރަކާތްތެރިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ޙަސަން ޚަލީލް ވިދާޅުވިއެވެ.އިމިގްރޭޝަން ޑިޕާޓްމަންޓުން ފުލުހުންނާއި ގުޅިގެން ދާދިފަހުން ހިންގެވި އޮޕަރޭޝަނެއްގައި، އޮޅުވާލައިގެން ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނެއުމުގައި ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވަމުންދިޔަ 2 އޭޖެންޓަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައިވެއެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި މިފަދަ 8 އޭޖެންޓަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައެވެ. ރާއްޖޭގައި 150،000 ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަމުންދެއެވެ. މީގެ ތެރެއިން 30,000 ގާތްކުރާ މިންވަރަށް ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރަމުންދަނީ ޤަވާއިދާއި ޚިލާފަށް ކަމަށް ކަމާއިބެހޭ ފަރާތްތަކުން އެކި ފަހަރުމަތިން ހާމަކުރައްވާފައިވާ މަޢުލޫމާތުތަކުން އެނގެއެވެ. އަދި މިގޮތަށް ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރަނީ، ދިވެހިންގެ ބައެއްގެ އިހުމާލެއް، ނުވަތަ އެޖެންޓެއްގެ ދައުރު އަދާކުރި ބިދޭސީމީހާގެ އިހުމާލެއް، ނުވަތަ ރާއްޖޭގައި ޙަރަކާތްތެރިވާ ބިދޭސީ މަސައްކަތު މީހާގެ އިހުމާލު އޮވެގެންނަމަވެސް މިކަމަކީ ދިވެހި ޤައުމަށް ގެންލުން ހުރިކަމެކެވެ. ބައިނަލްއަޤުވާމީ ދޭދޭ ގުޅުމަށް ހުރި ގެއްލުމެކެވެ.