ޚަބަރު

ޔޫކްރެއިން ދިފާޢުނުކޮށްފިނަމަ އޭގެ އަސަރު ދުނިޔެއަށް ކުރާނެ: އިނގިރޭސިވިލާތް


ރަޝިޔާގެ ޙަމަލާއަކުން ޔޫކްރެއިން ދިފާޢުނުކޮށްފިނަމަ އޭގެ އަސަރު ދުނިޔެއަށް ކުރާނެކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.

ޖަރުމަންވިލާތުގެ މިޔުނިކުގައި ބޭއްވި ސަލާމަތާބެހޭ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޖޮންސަންވަނީ ޔޫކްރެއިނުގެ މައްސަލައާއި ތައިވާނުގެ މައްސަލައާ ގުޅުވާލައްވައިފައެވެ. އެ ގޮތުން ޔޫކްރެއިނުގެ މައްސަލާގައި ހުޅަނގުން ޢަމަލުކުރާ ގޮތް ތައިވާނުގެ ކުރިމަގާ ގުޅިފައިވާކަމަށް އޭނާވަނީ ވިދާޅުވެފައެވެ. އަދި ޔޫކްރެއިނުގެ ދިފާޢުގައި ހުޅަނގުން ނުތެދުވެއްޖެނަމަ އެ ދެވެނީ ތައިވާނުގެ މައްސަލައަށް ގޯސް އިޝާރާތެއްކަމަށާއި އެ ކަމުގެ އަސަރު މުޅި ދުނިޔެއަށް ކުރާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

1949ވަނަ އަހަރުން ފެށިގެން އަމިއްލަ ވެރިކަމެއް ކުރަމުންދާ ތައިވާނަކީ ޗައިނާގެ ބައެއްކަމަށް އެ ޤައުމުން ވަކާލާތުކުރެއެވެ. އަދި ތައިވާނުން މިނިވަންކަން އިޢުލާންކޮށްފިނަމަ ޗައިނާގެ އަސްކަރީ ފިޔަވަޅު އަޅައި އެ ޤައުމުގެ ބާރުގެ ދަށަށް ތައިވާން ގެންނާނެކަމުގެ އިންޒާރު ޗައިނާއިންވަނީ ދީފައެވެ. އެމެރިކާއާއި ބައެއް ހުޅަނގުގެ ޤައުމުތަކުންވަނީ އެފަދަ ޙާލަތެއްގައި ޗައިނާގެ ޙަމަލާއަކުން ތައިވާން ދިފާޢުކޮށްދޭނެކަމަށް ވަޢުދުވެފައެވެ.

ޔޫކްރެއިނުގެ މައްސަލާގައި ޖޮންސަން ވާހަކަދައްކަވާފައިވަނީ އެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ބަރުހަތިޔާރާއެކު 190،000އަށްވުރެ ގިނަ ސިފައިން ރަޝިޔާއިން ޖަމާކޮށްފައިވަނިކޮށެވެ. ހުޅަނގުގެ ޤައުމުތަކުން ތުޙްމަތުކުރައި ގޮތުގައި ކޮންމެ ވަޤުތެއްގައިވެސް ޔޫކްރެއިންނަށް ޙަމަލާ ދިނުމަށް ރަޝިޔާއިން އޮތީ ތައްޔާރަށެވެ. އަދި އެފަދަ ޙާލަތެއްގައި ރަޝިޔާއަށް ވަރުގަދަ ރައްދެއް ދޭނެކަމަށް ބުނެ ހުޅަނގުގެ ޤައުމުތަކުންވަނީ ޔޫކްރެއިން ދިފާޢުކޮށްދޭނެކަމަށް ވަޢުދުވެފައެވެ.