ޚަބަރު

ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް،
ތައިލެންޑަށް ‏ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު،
މިރޭ މާލެ ވަޑައިގެންފިއެވެ.



މިމަހުގެ 4 ވަނަދުވަހު ރައީސް
ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ތައިލެންޑުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ.



މިބައްދަލުކުރެއްވުމުގައި
ރައީސުލްޖުމްހޫރިއްޔާއާއި ތައިލެންޑުގެ ބޮޑުވަޒީރު، ރާއްޖެއާއި ތައިލެންޑުގެ
ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށްޓަކައި އެކި އެކި ދާއިރާތަކުން ކުރެވިދާނެ
މަސައްކަތްތަކުގެ މައްޗަށް އަލި އަޅުއްވާލެއްވިއެވެ. މިގޮތުން ބައިނަލްއަޤްވާމީ
މައިދާނުގައި ދެޤައުމުން ވެސް އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާއި
ބެހޭގޮތުންނާއި، މަސްވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިންނާއި،
ޓޫރިޒަމްގެ ދާއިރާއިންނާއި، ކޮންސްޓަރަކްޝަންގެ ދާއިރާގެ އިތުރުން ސެކިއުރިޓީ ދިނުމުގެ
ދާއިރާއިން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން
ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.



ރައީސުލްޖުމްހޫރިއްޔާ
މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައިވާ
ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ތައިލެންޑަށް
ރާއްޖެއިން ދަތުރުފަތުރުކުރުމުގައާއި ވިސާ ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމައްޓަކައި
އެއްބަސްވުމެއްގައި ސޮއިކުރައްވަން ރާއްޖެއިން ޝައުގުވެރިވާކަން ތައިލެންޑުގެ
ބޮޑުވަޒީރާއި ޙިއްޞާ ކުރެއްވިއެވެ.