ކުޅިވަރު

ކްލަބް ވާރލްޑް ކަޕްގެ ކާމިޔާބީއަށްފަހު ކުޅުނު ފުރަތަމަ މެޗުން ޗެލްސީ މޮޅުވެއްޖެ


ފީފާ ކްލަބް ވާރލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިފަހުން ކުޅުނު ފުރަތަމަ މެޗުން ޗެލްސީ މޮޅުވެއްޖެއެވެ. ޗެލްސީ މޮޅުވެފައިވަނީ އިންގްލިޝް ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް އާއި ބައްދަލުކުރިމެޗުން ރަށުން ބޭރުގައި އެއްލަނޑު ސުންލަނޑުންނެވެ.

މިއީ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. އެޓީމް އެންމެ ފަހުން ކުޅެފައިވަނީ ޓޮޓްނަމް ހޮޓްސްޕަރ އާއި ކުޅެމޮޅުވި މެޗެވެ. މިމެޗްގައި ޗެލްސީއިން ޖެހި ހަމައެކަނި ލަނޑު މެޗް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖަހައިދިނީ ހަކީމް ޒިޔެކްއެވެ. މިމެޗްގެ ދެވަނަ ހާފްގެ ކުރީކޮޅުވެސް ޒިޔެކްވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ވިއޭއާރުން ބެލުމަށްފަހު އެލަނޑު ވަނީ އޮފްސައިޑްކަމަށް ނިންމާފައެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ޗެލްސީއަށް ލިބިގެންދިޔައެވެ. ނަމަވެސް ޕެލަސްގެ ކީޕަރ ވިސެންޓޭ ގުއިޓާ ވަނީ އެހަމަލާތައް ދިފާއުކޮށްފައެވެ. މިމެޗްގައި ޕެލަސްއަށް ޗެލްސީގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މިކާމިޔާބީއާއެކު ޗެލްސީއަށް މިހާރު އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 50 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި ޕެލަސް އުޅެނީ 26 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.