ޚަބަރު

500އަށްވުރެ ބޮޑު އާބާދީ ހިމެނޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށާނަން: ފައްޔާޟް


އާބާދީގައި 500އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާދިއްޕޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު އޮޅުވެލިފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަޒީރާ ހޮޅުއަށި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ އާބާދީގައި 500އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅެއްކަމަށެވެ. އެގޮތުން އެކަމާއި ގުޅޭ މަޝްވަރާތައް ބީއެމްއެލްއާއެކު ކުރެވެމުންދާކަމަށާއި، މިކަމަށް މަޝްވަރާކުރުމަށް ބީއެމްއެލްގެ ބޯޑު ބައްދަލުވުުމެއް މިހަފްތާގައި އޮންނާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި އަހަރު ނިމޭއިރު ގިނަ ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފެށޭނެކަމަށެވެ.

"އަޅުގަނޑުމެން ބީއެމްއެލްއަށް ހުށައަޅައިގެން މިއުޅެނީ. އެކަން ކުރިއަށްދާނެ. މި ހަފްތާގައި ބީއެމްއެލްގެ ބޯޑު މީޓިން އެބައޮތް އެކަމަށް މަޝްވަރާކުރުމަށް. އަދި މިއަހަރު ތެރޭގައި ގިނަ ރަށްތަކުގައި އެކަން ކުރެވޭނެ. އަދި ކައިރި މުސްތަޤްބަލެއްގައި މި ރަށުގައިވެސް އެކަންކުރެވޭނެ. އެއީ މިސަރަހައްދަކީ ރިސޯޓްތައްވެސް ގިނަ އަތޮޅެއްވީމަ." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ޅ.އަތޮޅަކީ މިވަގުތުވެސް 11 ރިސޯޓް ހިންގަމުން އަންނަ އަތޮޅެކެވެ. އަދި އިތުރު 2 ރިސޯޓެއް ތަރައްޤީ ކުރަމުންދާއިރު ގިނަ ވަޒީފާގެ ފުރުޞަތުތަކެއް މި އަތޮޅުގެ ރައްޔިތުންނަށް ފަހިވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މި އަތޮޅުގައި މީހުން ދިރިއުޅޭ 4 ރަށް އޮތްއިރު އޭޓީއެމްގެ ޚިދުމަތް ނެތް ހަމައެކަނި ރަށަކީ އޮޅުވެލިފުއްޓެވެ. އޮޅުވެލިފުށްޓަކީ 756 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ.