ޚަބަރު

ޓްރައިބިއުނަލަށް 174 މައްސަލަ ހުށަހެޅުނުއިރު 80 މައްސަލަ ނިންމެވި


މިދިޔަ އަހަރު ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅުނު 174 މައްސަލައިގެ ތެރެއިން 80 މައްސަލަ
ނިންމަވާފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހާމަކުރައްވައިފިއެވެ.



2015 ވަނަ އަހަރު ހުށަހެޅުނު
މައްސަލަތަކުގެ ތެރެއިން 80 މައްސަލަ ނިމުނުއިރު 15 މައްސަލައެއް ޞުލްޙަވެރިވެގެން
ނިމިފައިވާކަމަށް އެ ޓްރައިބިއުނަލުން ހާމަކުރެއްވިއެވެ. މިދިޔަ އަހަރު
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެންމެ ގިނައިން ހުށަހެޅިފައި ހުރީ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން
ހުށަހެޅުނު މައްސަލަތަކާއި އިޞްލާޙީ ފިޔަވަޅު އެޅުމުގެ ސަބަބުން ހުށަހެޅުނު
މައްސަލަތަކާއި އުޖޫރައާގުޅޭ އެކި މައްސަލަތަކެވެ.



ވަޒީފާއާބެހޭ ޓުރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ވީހާވެސް އަވަހަށް
ނިންމެވުމަށްޓަކައި މައްސަލަތައް ޓުރައިބިއުނަލް މެދުވެރިކޮށް ޞުލްޙަވުމުގެ
މަސައްކަތް ފަށްޓަވާފައި ވަނީ މިދިޔަ އަހަރުއެވެ.



2015 ވަނަ އަހަރު އަލަށް ފެއްޓެވި ކޮންސިލިއޭޝަން މަރުޙަލާގެ ތެރެއިން ފަސް
މައްސަލައެއް ނިމިފައިވާއިރު 24 މައްސަލައެއް ޓްރައިބިއުނަލުން ނުބެލޭނެކަމަށް ކަނޑައަޅުއްވާފައިވެއެވެ.
އަދި 15 މައްސަލައެއް މައްސަލަ ހުށަހެޅި ފަރާތްތަކުން އަނބުރާ ގެންދިޔައިރު 6 މައްސަލައެއް
ޓްރައިބިއުނަލުން ބާޠިލުކުރައްވާފައިވެއެވެ.