ޚަބަރު

މަދަނީ ޖަމިއްޔާތަކުން ރާވާ ކަންކަމުގައި މާލީ އެހީ ދިނުމަށް މިނިސްޓްރީ އޮތީ ތައްޔާރަށް: މަހުލޫފު


މުޖުތަމަޢުގެ ލާބައާއި މަންފާއަށް މަދަނީ ޖަމިއްޔާތަކުން ރާވާ ކަންކަމުގައި މާލީ އެހީތެރިކަން ދިނުމުގައި މިނިސްޓްރީ އޮތީ އަބަދުވެސް ތައްޔާރަށްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މަދަނީ ޖަމިއްޔާތަކުގެ 4ވަނަ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މަދަނީ ޖަމިއްޔާތަކުގެ 4ވަނަ މަހާސިންތާ ކުރިއަށްގެންދިޔައީ އއ.އުކުޅަހުގައެވެ. 4ވަނަ މަހާސިންތާ ޚާއްސަކޮށްފައިވަނީ އއ، އދ، މ އަދި ފ އަތޮޅުގެ ޖަމިއްޔާތަކަށެވެ. 19 ޖަމިއްޔާއަކުން 20 ބައިވެރިންނާއެކު ފެށި މަހާސިންތާ ކުރިއަށްގެންދިޔައީ 4 ދުވަހަށެވެ.

4 ދުވަހުގެ މަހާސިންތާ ނިންމުމަށް އުކުޅަހުގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަހުލޫފުއެވެ.

މިނިސްޓަރ މަހުލޫފު ވިދާޅުވި މީގެ ކުރިން ޒުވާނުންނާ ކުޅިވަރާ އަދި ޖަމިއްޔާތައް ކުރިއެރުވުމަށް ނުކުރާ އެތައް މަސައްކަތެއް މި 3އަހަރު ދުވަހު ސަރުކާރުން ކުރިއަށްގެންދިޔަކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޖަމިއްޔާތައް ހޭލުންތެރިކުރުމާއި، އަދި އެހީ ހޯދުމަށް ޖަމިއްޔާތަކުން ޢަމަލުކުރަންވީ ގޮތްތައްވެސް މީގެކުރިން އެމީހުންނަށް ނޭނގޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޖަމިއްޔާތަކުގެ ދަޢުރު ވަރަށް ބޮޑުކަމަށާއި، ޖަމިއްޔާތަކާއި ސަރުކާރު ގުޅިގެން މަސައްކަތް ކުރާނަމަ ބޮޑެތި ފައިދާ ދެ ފަރާތައްވެސް ލިބޭނެކަމަށެވެ. އަދި އެކަން ސަރުކާރާއި ޖަމިއްޔާތައް ގުޅިގެން ކުރި ބައެއް މަސައްކަތުން ހާމަވާކަމަށެވެ.

"އާއްމު އުސޫލުން ބިޑަށް ހުޅުވާލައިގެން 1.5 މިލިއަން ރުފިޔާއަށް ފުޓުބޯޅަ ދަނޑެއް ނުވަތަ ވޮލީ ކޯޓެއްގެ ސަބްބޭސް ހެދެނީ. ނަމަވެސް ރަށުގެ ޖަމިއްޔާއިން މަސައްކަތް ނެގުމުން ދެގުނަ އަގުހެޔޮވެ، އޭގެ ފައިދާ ދެ ފަރަތާއް އެބަލިބޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖަމިއްޔާތަކުން ރައްޔިތުންގެ ލާބައަށް ކުރާ މަސައްކަތްތަކުގައި މިނިސްޓްރީގެ އެހީގެ ފުރުޞަތު އޮތީ ހުޅުވިފައިކަމަށެވެ. ގްރާންޓްގެ ފުރުޞަތު ނޫންނަމަވެސް، ރަނގަޅު ޕްރޮޕޯސަލަކާއެކު އަންނަ ޖަމިއްޔާތަކަށް މިނިސްޓްރީން އެހީދެމުންދާކަމަށެވެ.

"ބޭނުންވަނީ ރައްޔިތުންނަށް ފައިދާކުރަނިވި މުހިންމު މަސައްކަތެއް. މަސައްކަތްތައް ހިންގުމަށް އަޅުގަނޑުމެން ކައިރިއަށް އެހީއަށް އައި %95އަށްވުރެ ގިނަ ޖަމިއްޔާއަށްވާނީ އެހީ ދީފައި." މިނިސްޓަރ ވިދާޅުވިއެވެ.

މަދަނީ ޖަމިއްޔާތަކު ރަޖިސްޓްރަރ އަޙުމަދު އިރާޝް ވިދާޅުވީ މި ފޯރަމްތަކުގެ އިތުރަށް، މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ރާވާފައިވާކަމަށެވެ. އެގޮތުން ޖަމިއްޔާތަކުގެ ގްރާންޓް ޕްރޮގްރާމަށް އެދި އަންނަ މަހުގެ 21ގެ ނިޔަލަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

"10ވަރަކަށް ދުވަހުގެތެރޭގައި ފަށާނަން ޖަމިއްޔާތަކުގެ ކެޕޭސިޓީ ބިލްޑިންގް މަސައްކަތްތައް. އަދި އެންޖީއޯ އެވޯޑަށްވެސް ކުޑަދުވަސްކޮޅެއް ތެރޭ ހުޅުވާލާނަން." އިރާޝް ވިދާޅުވިއެވެ.

ޖަމިއްޔާތަކުގެ 4 ވަނަ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައިވަނީ މަހާސިންތާގައި ބައިވެރިވި 4 އަތޮޅުގެ ބައިވެރިން ތައްޔާރުކޮށްފައިވާ ވެބްސައިޓް އިފްތިތާޙްކޮށްފައެވެ. އަދި މިމަހާސިންތާގެ ބައިވެރިން އެކީގައި މަސައްކަތް ކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި އެހީތެރިކަން ދިނުމުގެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.

މަދަނީ ޖަމިއްޔާތަކުގެ 5ވަނަ މަހާސިންތާ ޚާއްސަކުރަނީ ތ، ލ އަދި ދ އަތޮޅަށެވެ.