ޚަބަރު

ކޮކާކޯލާގެ މުޅިން އައު އުފެއްދުމެއް؛ މިފަހަރު ޖައްވާއި ގުޅުވާލާފައި


ޒުވާނުންގެ މެދުގައި ކޮކާކޯލާގެ އުފެއްދުންތަކަށް އޮންނަ މަޤުބޫލުކަން އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮމޯޝަންތަކުގެ ތެރެއިން މުޅިން އައު ބުއިމެއް ތަޢާރަފްކޮށްފިއެވެ.

"ސްޓާރލައިޓް"ގެ ނަމުގައި މިފަހަރު ބާޒާރަށް ނެރުނު ބުއިމުގެ ނަމާއި ރަހަ ގުޅުވާލާފައިވަނީ ޖައްވަށް ދިއުމުގެ ތަޖުރިބާއާކަމަށް ކޮކާކޯލާއިން ބުނެއެވެ. ކޮކާކޯލާއިން އަޞްލަކަށް ބަލާފައިވާ މި ތަޖުރިބާއަކީ ފިޒީ ބުއިންތަކަށް ޖައްވުގެ މާޙައުލުގައި އަންނަ ބަދަލު ދެނެގަތުމަށްޓަކައި ކޮކާކޯލާއިން 1984 ވަނަ އަހަރު ނާސާގެ އުޅަނދެއްގައި ޖައްވަށް ފޮނުވި އަޞްލު ކޯކު ފުޅީގެ ވާހަކައަށެވެ.

ކޮކާކޯލާއިން ބުނާގޮތުގައި އާވިކަމާއި ފިނިކަމުގެ އިޙުސާސް އެކުލެވޭ "ސްޓާރލައިޓް" ބުއިމުގައި ހުންނާނީ ރަތާއި ކައިރި ކުލައެކެވެ. މިކަން ޔަޤީންކޮށްދެމުން މި ބުއިން ރަހަބެލި ފަރާތްތަކުން މީސްމީޑިއާގައި ބުނެފައިވަނީ ރަތްކުލަ ހުރި މި ބުއިމުގެ ރަހަ، ކޮކާކޯލާގެ ރަހައާއި ވައްތަރުގޮތެއް ހުންނަ ކަމަށެވެ.

ކޮކާކޯލާގެ ވިޔަފާރި އިޝްތިހާރުކުރުމަށްޓަކައި މިދިޔަ އަހަރު ހުޅުވާލި "ރިއަލް މެޖިކް" ބްރޭންޑް ޕްލެޓްފޯމުގެ ދަށުން ދުނިޔޭގައި މިހާރު ހުރި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އީޖާދުތައް ބޭނުންކުރުމަށްޓަކައި "ކޮކާކޯލާ ކްރިއޭޝަންސް"ގެ ނަމުގައި އައު ޕްލެޓްފޯމެއް ވަނީ ހުޅުވާފައެވެ.

"ސްޓަރލައިޓް" ބުއިމަކީ މި ޕްލެޓްފޯމުގެ އެންމެ ފުރަތަމަ އުފެއްދުމެވެ. މި އުފެއްދުން ޢަމަލީ ސިފައެއްގައި އިޝްތިހާރުކުރުމުގެ އިތުރުން ވަރޗުއަލް ރިއަލިޓީގެ ޑިޖިޓަލް ދުނިޔޭގައިވެސް އިޝްތިހާރުކުރުމަށް ހަމަޖެހިފައިވެއެވެ.

ކުރު މުއްދަތަކަށް ނެރުނު ސްޓާރލައިޓް ބުއިމުގެ ރެގިއުލާ އަދި "ޒީރޯ ޝުގަރ" ވައްތަރުވެސް އުފައްދާފައިވެއެވެ. އުތުރު އެމެރިކާ ހިމެނޭހެން ހޮވައިލެވޭ ޤައުމުތަކެއްގައި ފެބްރުއަރީމަހުގެ 21 އިން ފެށިގެން ސްޓަރލައިޓް ވިއްކަން ފަށާނެއެވެ. މިއީ ކުރު މުއްދަތަކަށް ނެރުނު ބުއިމެއް ނަމަވެސް ކުރިއަށްއޮތްތަނުގައި އެކި މަޝްހޫރު ބްރޭންޑްތަކާއި ގުޅިގެން އިތުރު އައު އުފެއްދުންތައް ނެރެމުންދާނެކަމަށް ކޮކާކޯލާއިން ބުނެއެވެ.