ސިޔާސީ

އަސްހަދު ރާއްޖެއައިސް، ހުކުމް ތަންފީޒުކުރުމަށް އަމިއްލައަށް ކަރެކްޝަންސްއާއި ހަވާލުވެއްޖެ


ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު ޢަލީގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމް ތަންފީޒުކުރުމަށް އޭނާ އަމިއްލައަށް ރާއްޖެއައިސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ހަވާލުވެއްޖެއެވެ.

މިކަން ކަށަވަރުކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓުވީޓެއްގައެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، އަސްހަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާކަމަށެވެ.

ޖިންސީ ކުށުގެ ދައުވާތަކެއް ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފޮނުވާލުމުގައި ޖާމިނުވި އަސްހަދު ޢަލީ 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަމަހުގެ 2 ވަނަ ދުވަހުއެވެ. އަލީ ވަހީދުގެ ބަދަލުގައި ކޯޓުގައި ޖާމިނުވެ އަސްހަދު އެއްބަސްވެފައި ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފުރާތާ ހަތަރު މަސް ތެރޭ އޭނާ އަނބުރާ ރާއްޖެއަށް ގެނައުމަށެވެ. ޖަލަށް ލާން ހުކުމްކުރީ އެ މުއްދަތުގައި އޭނާ ގެނެވިފައި ނުވާތީއެވެ.

މި މައްސަލައިގައި ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހަށް އޭނާ ހާޒިރުވެފައި ނުވެއެވެ. އެހެންކަމުން ހުކުމްކޮށްފައިވަނީ އަސްހަދުގެ ޣައިރު ހާޒިރުގައެވެ. މީހަކު ޖާމިނު ކޮށްފައި ދޫކުރާ އިރު ކޯޓުން ކުރާ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ ޖާމިނުވި މީހާއާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކަކީ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އަސްހަދު އަށް 15 ދުވަހުގެ ޖަލު ހުކުމެއް އަޔަސް ދައުލަތުން އެދުނީ އެއް އަހަރަށް ޖަލަށް ލުމަށެވެ. އަސްހަދަށް ކުރި ހުކުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ހުކުމްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ މަޤާމުން ވަކި ކުރައްވާފައެވެ.